• Tue, 27 October, 2020, 5:59 am

    ހުކުރުދުވަހު ނަބިއްޔާގެ މައްޗަށް ސަލަވާތް ކިޔެވުން އިތުރުކުރޭ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުން ފޮނުއްވި އެއިލާހުގެ އަޅާ އެންމެ ފަހު ނަބިއްޔާ އަދި ރަސޫލާއެވެ. އެކަލޭގެފާނަކީ ނަބީބޭކަލުންގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ނަބީކަލޭގެފާނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

    وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ  މާނައީ: “އަދި ހަމަކަށަވަރުން ތިމަން އިލާހު، ޢާލަމްތަކަށްވާ ރަޙުމަތެއްކަމުގައި މެނުވީ ކަލޭގެފާނު(މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) ނުފޮނުއްވަމެވެ.”

    އަދި ހުކުރު ދުވަހަކީ ހަފުތާގައި މުސްލިމުންގެ މައްޗަށް އަންނަ އެންމެ މަތިވެރި ވެގެންވާ ދުވަހެވެ. މިދުވަހަކީ މުސްލިމުންނަށް އަންނަ ހަފުތާގެ ޢީދު ދުވަހެވެ. އެދުވަހެއްގައި އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް ޚާއްޞަވެގެންވާ ދުވަހެވެ.

    މިދުވަހުގައި ކުރެވޭ އެންމެ މަތިވެރި ވެގެންވާ ޒިކުރަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރުމެވެ. އެގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

    إِنَّ اللَّـهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا މާނައީ: “ހަމަކަށަވަރުން ﷲ އާއި އެއިލާހުގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވައެވެ. އޭ އީމާންވީ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ އެކަލޭގެފާނު މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރަށެވެ. އަދި ސަލާމްކުޅައުމުން ސަލާމްކުރާހުށިކަމެވެ.”

    އިބުނު ކަޘީރު ރަޙިމަހުﷲ އެކަލޭގެފާނުގެ ތަފުސީރުގައި ވިދާޅުވެފައިވެއެވެ.

    “ބައެއް ޢިލްމުވެރިންގެ ކިބައިން ނަބިއްޔާގެ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން އުމުރުން އެއްފަހަރުގައި، ވާޖިބުވެގެންވާ ކަމަށް އައިސްފައިވެއެވެ. އެއީ އާޔަތަށް(މިއާޔަތަށް) ޢަމަލުކުރުމުގެ ގޮތުންނެވެ. އެޔަށްފަހު ކޮންމެ ޙާލެއްގައިވެސް މުސްތަޙައްބު ވެގެންވެއެވެ.”

    ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން އެންމެ މަތިވެރިވެގެންވަނީ ހުކުރުދުވަހުއެވެ. އެކަން އަންނަނިވި ނަބިއްޔާގެ ބަސްފުޅުން އެނގިގެން ދެއެވެ.

    ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

    إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ، فَأَكْثِرُوا عَلَيَّ مِنَ الصَّلَاةِ فِيهِ މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށްވާ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. ފަހެ އެދުވަހުގައި(ހުކުރު ވިލޭރެއާއި ދުވަހުގައި) ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ.”

    ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން ނުހަނު މަތިވެރިވެގެންވެއެވެ. އެކަމުގެ ޘަވާބު ނުހަނު ބޮޑުވެގެންވެއެވެ.

    އެކަމާއި ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

    مَنْ صَلَّى عَلَيَّ صَلَاةً وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرَ صَلَوَاتٍ وَحُطَّتْ عَنْهُ عَشْرُ خَطِيئَاتٍ وَرُفِعَتْ لَهُ عَشْرُ دَرَجَاتٍ  މާނައީ: (ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތް ކިޔަވައިފިމީހާގެ މައްޗަށް ދިހަފަހަރު ﷲ ޞަލަވާތް ލައްވާނެއެވެ. އަދި އެމީހެއްގެ ދިހަ ފާފަ ފުއްސަވާނެއެވެ. އަދި އެމީހަކު ދިހަ ދަރަޖަ މަތިކުރެވޭ ހުއްޓެވެ)

    (ރިވާކުރެއްވީ އިމާމު ނަސާއީ ސުނަނުގައި، 1297، ޝެއިޚު އަލްބާނީ ޞައްޙަކުރައްވާފައި)

    އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ.

    مَنْ صَلَّى عَلَيَّ حِينَ يُصْبِحُ عَشْرًا وَحِينَ يُمْسِي عَشْرًا أَدْرَكَتْهُ شَفَاعَتِي يَوْمَ الْقِيَامَةِ 

    މާނައީ: “ތިމަންކަލޭގެފާނުގެ މައްޗަށް ހެނދުނުވާއިރުގައްޔާއި އަދި ހަވީރު ވާއިރު ދިހަފަހަރު ޞަލަވާތް ކިޔައިފިމީހާ ދަންނާށެވެ. ފަހެ އެމީހަކަށް ޤިޔާމަތް ދުވަހުން ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭ ހުއްޓެވެ “

    (ރިވާކުރެއްވީ ޠަބަރާނީ މުއުޖަމުލް ކަބީރުގައި، ޖާމިޢުލް ޞަޣީރު: 6357ވަނަ ޙަދީޘް: ޞައްޙަކުރެއްވީ އަލްބާނީ.)

    އެހެންކަމުން ހުރިހާ ދުވަހެއްގައިވެސް އަދި ޚާއްޞަކޮށް ހުކުރު ދުވަހު ނަބިއްޔާއަށް ސަލަވާތް ކިޔެވުން ގިނަކުރުމަކީ ނުހަނު މޮޅު އިތުރުވެގެންވާ ހެޔޮކަމެއްކަން މަތީގައިވާ އާޔަތުންނާއި އަދި ޙަދީޘްތަކުން އެގިގެން ހިނގައްޖެއެވެ. 

    | މަސްދަރު: ނިދާއު ޑޮޓް އެމްވީ - އައްޝައިޚް އަބްދުއްރަހްމާން ބިން މުހައްމަދު

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.