• Sun, 12 July, 2020, 5:40 pm

    ސަދަގާތް ދިނުމަށްފަހު، ކަލަގޮވާ ހަދާނަމަ ތިމާ ކުރި ސަދަގާތަކީ އަގެއް ނެތް ބާތިލް އަމަލެއް

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އިހްލާސްތެރިކަން ނެތި ކުރެވޭ ސަދަގާތަކީ، ރަން ފަރުބަދައެއް ކަމަށް ވިޔސް، އެއީ އެއްވެސް އަގެއް ހުރި އަމަލެއް ނޫން ކަމަށާއި އޭނާގެ އެ އަމަލު ވާހުށީ ބާތިލު އަމަލެއް ކަމުގައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

    “ސަދަގާތްކުރުމުގެ މުހިންމުކަން” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، ﷲ ގެ މަގުގައި ހޭދަކުރުމަކީ ވަރަށް މަތިވެރި އުޖުރަކާއި ސަވާބެއް އެކަމުގައި އެކުލެވޭ ކަމެއް ކަމަށާއި ﷲގެ ރުހިވޮޑިގަތުމާއިި މަޣްފިރަތު އެމީހަކަށް ލިބުމަށް އޮތް މަގެއް ކަމަށެވެ. އަދި މިފަދަ ހެޔޮ އަމަލުތަކަކީ ވަކި މަހަކަށް ހާއްސަ ކަންކަމެއް ނޫން ކަމަށާއި ﷲގެ މަގުގައި ހޭދަ ކުރުމާއި ހެޔޮ އަމަލުތަކަކީ މުޅި އަހަރުތެރޭގައި ވެސް ކުރަންވާނެ ކަންކަން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

    ﷲ ތައާލާ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

    “އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، ރިޒުގު ދެއްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ.”

    ހުތުބާގައި ވިދާޅުވީ، މުދަލަށް ލޯބިކުރުމާއި މުދަލަށް ދަހިވެތިވުމަކީ އިންސާނާގެ ފިތުރަތުގައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އިންސާނުންނަށް އޮތީ އަމިއްލަ އެދުމާއި، ހަވާނަފްސާ ދެކޮޅަށް، ﷲގެ މަގުގައި ހޭދަކުރުން ކަމަށާއި ﷲ ގެ ރުހިވޮޑިގަތުން ލިބޭތޯ ސަދަގާތް ކޮށް އުޅުން ކަމަށް ވިދާޅުވިއެވެ.

    މުދަލަކީ ވެސް އިމްތިހާނެއް ކަމަށާއި އެއީ ވަގުތީ އުފަލެއް ދީ ފަނާވެދާ އެއްޗެއްކަން ފާހަގަކުރައްވާ ހުތުބާގައި އިތުރަށް ވިދާޅުވީ، ތިމާއަށް ފައިދާ ކުރާނީ ޝަރީއަތުގައި އެ މުދާ ހޭދަކުރަންޖެހޭ އެންމެހައި ކަންކަމުގައި ހޭދަކުރުން ކަމަށެވެ. ފަގީރުންނަށް އަޅާލައި، ނިކަމެތިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމީ ތިމާ ދުނިޔޭގައި ހުންނައިރު ކުރުން ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.

    ހުތުބާގައި ވިދާޅުވީ، އިންސާނުންނަށް އޮތީ މީހުންނަށް ހެޔޮ ފޯރުކޮށްދީ ހެޔޮ ގޮތުގައި ﷲ ގެ މަގުގައި ހޭދަކޮށް އުޅުމަށް އަވަސްވެގަތުން ކަމަށާއި އެކަމުގައި ލަސްކުރުމެއް ނެތް ކަމަށެވެ. އެހެނީ ލޯމަރާލަން ޖެހޭނީ ކޮންއިރަކު ކަމެއް، އެއްވެސް ނަފްސަކަށް ނޭނގޭނެ ކަމަށް ވިދާޅުވިއެވެ.

    ހުތުބާގައި އިތުރަށް ވިދާޅުވީ، ސަދަގާތް ދިނުމަކީ ސިއްރާއި ފާޅުގައި ވެސް ކުރެވިދާނެ ކަމެއް ކަމަށާއި ނަމަވެސް އޭގެ ތެރެއިން އެންމެ މޮޅު އިތުރު ގޮތަކީ، ސިއްރުން ސަދަގާތް ކުރުން ކަމަށެވެ. އަދި ސައްހަ ހަދީޡުން އެނގެން އޮތް ގޮތުގައި ސިއްރުން ﷲ ތައާލާއަށް އަދާކުރެވޭ އަޅުކަމަށް ހާއްސަ މަގާމެއް އެކަލާނގެ ދެއްވާފައިވެއެވެ.

    އެގޮތުން ﷲ ތައާލާ އެ ކަލާނގެ އަރުޝީގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު، ހަތް ބާވަތެއްގެ މީހުންނަށް ހިޔާވަހިކަން ދެއްވާނެތެވެ. އޭގެ ތެރޭގައި، ކަނާތުން ކުރާ ސަދަގާތް ވާތަށް ވެސް ނޭނގޭހާ ސިއްރުން ސަދަގާތް ކުރި މީހާ ހިމެނެއެވެ.

    ހުތުބާގައި އިތުރަށް ވިދާޅުވީ، ސަދަގާތް ދިނުމަށްފަހު ކަލަގޮވައި، ސަދަގާތް ކުރެވުނު ފަރާތްތަކަށް، އެކަން ތަކުރާރުކޮށް ހަނދާންކޮށްދީ، އެބަޔަކަށް އުނދަގޫކޮށް އުޅުމަކީ ތިމާ ކުރި ސަދަގާތް ބާތިލުވެދާނެ ކަމެއް ކަމަށެވެ. އަދި ތިމާގެ އަމަލުގައި އިހްލާސްތެރިކަމެއް ނެތްކަން އަންގައިދޭ އަލާމާތެއް ކަމަށް ވެސް ވިދާޅުވިއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.