• Sun, 12 July, 2020, 5:39 pm

  ދަރިފުޅުގެ އަހުލާގު ގޯސްވަނީ މިހެންވެ!

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ކޮންމެ ދެމަފިރިއަކު ވެސް ދަރިން ހޯދަނީ އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ދުނިޔެ އާރާސްތުކުރުމަށްކަން ކަށަވަރެވެ. ނަމަވެސް މައިންބަފައިންނަށް ނޭނގިގެންނާއި އެނގިގެން ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ތިމާގެ ދަރިފުޅު މަގުން ކައްސާލައިގެން ދާފަހަރު ވެސް އާދެއެވެ. އެގޮތުން ބައެއް ފަހަރަށް ކަންކަމުގައި މައިންބަފައިން އަމަލުކުރާ ގޮތެއްގެ ސަބަބުން ނުވަތަ ދެއްކޭ ނަމޫނާއެއްގެ ސަބަބުން ދަރިފުޅު އެކަން ކޮޕީކޮށް އެގޮތް ގޮތަށް އަމަލު ކުރަން ފަށައެވެ.

  ނަތީޖާއެއްގެ ގޮތުން ބޮޑުވަމުން އަންނަ ދަރިފުޅު އެކަންކަން ތަކުރާރުކޮށް ކުށްތަކަށް އަރައިގަންނަށް ފަށައެވެ. ވީމާ ދަރިފުޅުގެ ކިބައިގައި ހަރުލާ ބައެއް ކަހަލަ ގޯސް އާދަތަކަކީ މައިންބަފައިންނަށް ނޭނގިކުރެވޭ ކަމެއްގެ ސަބަބުން ދަރިފުޅު ދަސްކުރާ ކަންކަމަށްވެގެންދާއިރު ހަމަގައިމު ވެސް މިފަދަ މައިންބަފައިން އެފަދަ ކަންކަން ކުރަނީކީ ދަރިފުޅަށް ގޯސްއާދައެއް ދަސްކޮށްދޭކަށް ނޫނެވެ.

  ރަނގަޅު އަހުލާގެއްގެވެރި މައިންބަފައިންގެ ދަރީންގެ އަހުލާގީ މައްސަލަތައް މަދު ކަމަށް ދިރާސާތަކުންވަނީ ދައްކައިފައެވެ. އެހެނީ ފިރިމީހާ އާއި އަނބިމީހާއާ ދެމެދު އޮންނަންޖެހޭ ލޯތްބާއި އިހްތިރާމާއި އަޅާލުމާއި އެހީތެރިކަން ނެތުމާއެކަކު އަނެކަކަށް ވަގުތު ނުދެވުމަކީ ވެސް އެކަމުގެ އަސަރު ބޮޑުވަމުން އަންނަ ދަރީންނަށް ކުރާ ކަމެކެވެ.

  ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ދީނީ ވާހަކަތަކާއި ދީނީ ނަސޭހަތް ދީގެން ކުދިންގެ އަހުލާގީ މައްސަލަތައް ހައްލުކުރެވޭމަގު އަވަސްވެފައި ފަސޭހަވާއިރު ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ދީނީ އަގީދާ ރަނގަޅު މައިންފަބައިންނަށް ލިބޭ ދަރީންގެ އަހުލާގީ މައްސަލަތައް މަދެވެ. އެހެންވީމާ ބޮޑުވަމުން އަންނަ ދަރިފުޅުގެ ހިތުގައި ދީނަށް ލޯބިނުޖެއްސިއްޖެނަމަ އަދި ދީނީ ކަންކަމަށް ޝައުގުވެރި ނުކުރެވިއްޖެނަމަ އެދަރިފުޅުގެ ފުރާވަރުގެ އުމުރުގައި އޭނާގެ ފަރާތުން އަހުލާގީ މައްސަލަތައް ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

  މީގެއިތުރުން ފުރާވަރު އުމުރުގެ ދަރިފުޅުގެ އަހުލާގު ގޯސްވަނީ ރަނގަޅު ތަރުބިއްޔަތެއް ދެވިފައި ނުވުމުންނެވެ. އެގޮތުން ކުރިން ވެސް ދެންނެވިފައިވާނެ ފަދައިން މައިންބަފައިންގެ އަމަލުތައް ބެހެއްޓޭ ގޮތާއި ދަރިފުޅަށް މައިންބަފައިންގެ ފަރާތުން ފެންނަ ނަމޫނާ ދަރިފުޅުގެ އަހުލާގު ގޯސްވުމުގައި މުހިންމު ރޯލެއް އަދާކުރެއެވެ. އަދިހަމަ ދަރިފުޅަށް ރަގަޅު އާދަތަކާއި ކަންކަމުގައި ގެންގުޅެއްވީ ރަނގަޅު ގޮތްތަކާއި ނަސޭހަތް ނުދެވުމަކީ ވެސް ދަރިފުޅުގެ އަހުލާގު ގޯސްވުމަށް މެދުވެރިވާ ސަބަބެކެވެ.

  ކުރިންދެންނެވި ސަބަބުތަކުގެ އިތުރުން ކުދީންގެ އަހުލާގަށް އެންމެ ބޮޑަށް އަސަރެއް ފޯރުވާ އެއްކަމަކީ މައިންބަފައިންގެ ދިރިއުޅުމަށް އަންނަ ބަދަލެވެ. ދެމަފިރިން ވަކިވުމެވެ. ނުވަތަ ވަރިވުމެވެ. ދުނިޔޭގައި ތަރަށްގީވެފައިވާ ބައެއް ގައުމުތަކަށް ބަލާއިރު ފުރާވަރު އުމުރުގެ ކުދީންގެ ފަރާތުން ފެންނަމުންދާ އަހުލާގީ މައްސަލަތައް ފެށެން މެދުވެރިވި ސަބަބުތައް ހޯއްދެވުމަށް ދިރާސާތަކެއްވަނީ ކުރެވިފައެވެ.

  މިކުރެވުނު ދިރާސާތަކުގައި ބޮޑަށް އެއްބަސްވެވިފައިވަނީ ދަރިފުޅުގެ އަހުލާގު ގޯސްވާން ދިމާވާ މައިގަނޑު އެއްސަބަބަކީ ދެމަފިރިން ވަކިވުމެވެ. ވަރިވުމެވެ. އަދި އާއިލާ ރޫޅިފައިވާ މިފަދަ ކުދީންގެ މައިންބަފައިންގެ ފަރާތުން އެންމެ ފުރިހަމަ ގޮތުގައި އަޅާލުމާއި އެހީތެރިކަން ދެވިފައި ނުވުމެވެ. މާނައަކީ މިކުދިންގެ ފަރާތުން އަހުލާގީ މައްސަލަތަކެއް ފެންނާނެއެވެ. އަދި އާއިލާ ރޫޅިފައިވާ މިފަދަ ކުދީން ކުށްކުށަށް އަރައިގަންނަ މިންވަރު އިތުރުވެ، މިފަދަ ކުދީންގެ ފަރާތުން އަހުލާގީ ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ.

  އެހެންކަމުން ދަރިންގެ އަހުލާގު ގޯސްވުމުގައި އެނގިގެންނައި ،ނޭނގި ނަމަވެސް މައިންބަފައިންނަށް ކުރެވޭ ކަންކަމުން ދަރިފުޅުގެ އަހުލާގަށް ބަދަލުތަކެއް އަންނަކަމީ ދެބަސްވެވެން ނެތް ކަމެކެވެ. ހަމައެހެންމެ ދަރިފުޅުގެ އަހުލާގު ގޯސްވަނީ ހަމައެކަނި މައިންބަފައިނަށް ކުރެވޭ ކަންކަމުން އެކަންޏެއް ނޫނެވެ. އެކަމުގައި މައިންބަފައިންގެ އިތުރުން މުދައްރިސުންނާއި، މުޅި މުޖްތަމައުގެ ދައުރުވެސް އެބަ އޮތެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.