• Sun, 12 July, 2020, 5:57 pm

  ތިމާގެ އަހާއާމެދު އޮންނަ ލޯތްބާއި ގުޅުންތައް އޭނާ މަރުވުމަށްފަހު ވެސް ދަމަހައްޓަންޖެހޭ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  އިސްލާމްދީނަކީ މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމަށް ބާރުއަޅާ ދީން ކަމަށާއި އެ ލޯތްބާއި ގުޅުންތައް ތިމާގެ މުސްލިމު އަހާ މަރުވުމަށް ފަހުގައި ވެސް ދަމަހައްޓަންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

  “އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތައް” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، ﷲ އާއި ރަސޫލާއަށް އަދާކުރަންޖެހޭ ހައްގުތަކުގެ އިތުރުން އެއް މުސްލިމު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތަކެއްވާ ކަމަށެވެ.

  ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތައް ފަހެކެވެ. އެހެން ރިވާޔަތެއްގައި ހައެއް ކަމަށް ބަޔާންވެގެން ވެއެވެ.” ދެންނެވުނެވެ. އޭ މާތް ﷲގެ ރަސޫލާއެވެ! އެ ހައްގުތަކަކީ ކޮބައިތޯއެވެ؟ ހަދީޡް ކުރެއްވިއެވެ.

  “މުސްލިމަކާ ބައްދަލުވެއްޖެނަމަ ސަލާމް ކުރާށެވެ. އަދި ދައުވަތެއް ދީފިނަމަ އެ ދައުވަތަކަށް އިޖާބަދޭށެވެ. އަދި ކިނބިއްސެއް އެޅޭ ހިނދު މާތް ﷲ އަށް ހަމްދުކޮށްފިނަމަ އޭނާއަށްޓަކައި ހެޔޮދުއާ ކުރާށެވެ. އަދި ބަލިވެއްޖެނަމަ އޭނާއަށް ޒިޔާރަތް ކުރާށެވެ. އަދި އޭނާ މިދުނިޔެ ދޫކޮށްފިނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވާށެވެ.” މިއެވެ.

  އެ ހައްގުތައް އިތުރަށް ތަފްސީލު ކޮށްދެމުން ހުތުބާގައި ވިދާޅުވީ، މުސްލިމުންގެ މެދުގައި ސަލާމް ބަދަލުކުރުމަކީ ލޯބި އިތުރުވާ ކަމެއް ކަމަށާއި ސަލާމް ކުރުމާއި ސަލާމުގެ ޖަވާބު ދިނުމަކީ ދެފަރާތަށް ވެސް އަމާންކަން ލިބިގެންވާ ކަމުގެ މެސެޖެއް ކަމަށެވެ.

  ކީރި ތަސޫލާ ހަދީޡް ކުރައްވާފައިވަނީ މީސްތަކުންނާ ސަލާމް ކުރުމަކީ އެންމެ ހެޔޮ އަމަލުތަކުގެ ތެރެއިންވާ އަމަލެއް ކަމުގައެވެ. އެއީ އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ލޯތްބާއި އެކުވެރިކަމާއި އެއްބައެއް ވަންތަކަމުގެ ސިފަ އާލާވެގެންދާނެތީއެވެ.

  ހުތުބާގައި ވިދާޅުވީ، މުޖުތަމައުގެ ގުޅުންތައް ހަރުދަނާ ވެގެންދާނެ ކަންތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއި ހިތާމަތަކާއި އުފަލުގައި ބައިވެރިވުން ހިމެނޭ ކަމަށެވެ. އެކަމުގެ ސަބަބުން މުޖުތަމައުގެ އަފްރާދުންގެ ހާލު އެނގި، އެ މީހުންގެ މެދުގައި އޮންނަ ގުޅުންތައް ހަރުދަނާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

  އެގޮތުން ކީރިތި ރަސޫލާ އެކަލޭގެފާނަށް ދައުވަތު ދޭ މީހަކީ ކޮންމެ ފެންވަރެއްގެ މީހަކު ކަމުގައި ވިޔަސް އިޖާބަ ދެއްވައެވެ. މާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވަނީ މީހާގެ މަގާމަށް ބެލުމެއް ނެތި، އޭނާ ދޭ ދައުވަތަށް އިޖާބަ ދިނުމަށެވެ. އަދި ހާއްސަ ގޮތެއްގައި އެ ދައުވަތަކީ ކާވެނީގެ ވަލީމާއެއްނަމަ، އިޖާބަދެއްވުމަށް އިސްކަން ދެއްވައެވެ. އެއީ އެ މަޖިލީހުގައި އެކުލެވިފައިވާ އެއްބަނޑު އެއްބަފާކަމާއި އަހުވަންތަކަމާއި އެ ދައުވަތު ދޭ މީހާއަށް އެކަމުގެ ސަބަބުން ހިތްހަމަ ޖެހުމެއް ލިބިގެންދާނެތީއެވެ.

  ހުތުބާގައި އިތުރަށް ވިދާޅުވީ، މުޖުތަމައުގެ އަފްރާދުން، އެއްބަޔަކު އަނެއް ބައެއްގެ ފުށުން ނަސޭހަތް ލިބިގަތުމާއި ނަސޭހަތް ދިނުމާއި ހެޔޮ ކަންތަކަށް އަމުރު ކުރުމާއި ނުބައިކަންތައް ނަހީ ކުރުމުގައި ފަސްޖެހި، ލަދުގަނެގެން ނުވާނެ ކަމަށެވެ. އެހެންކަމުން ކޮންމެ މުސްލިމަކު އަހަކު، އޭނާގެ މުސްލިމު އަހާއަށް ހެވާއި ލާބައަށް އެދި ރަނގަޅު މަގަށް މަގުދައްކައި ނަސޭހަތްތެރިވާންޖެހޭ ކަމަށާއި އަދި ދޭދޭ ފަރުދުންގެ ގުޅުމާއި މުޖުތަމައުގެ ސުލްހަ މަސަލަސްކަމަށް އިސްކަންދިނުމަށް ނަސޭހަތްތެރިވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

  ޒިޔާރަތް ކުރުން ކޮންޓްރޯލް ކުރަންޖެހޭ ހާލަތުގައި މެނުވީ، ބަލިމީހުންނަށް ޒިޔާރަތްކުރުމަކީ ސުންނަތެއް ކަމަށާއި އަދި ޒިޔާރަތް ކުރާ މީހާއަށް ސަވާބު ލިބި، ބަލިމީހާގެ މައުނަވީ ރޫހު އާލާވާނެ ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

  ހުތުބާގައި ވިދާޅުވީ، އިސްލާމްދީނަކީ މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމަށް ބާރުއަޅާ ދީން ކަމުން އެ ލޯތްބާއި ގުޅުންތައް ތިމާގެ މުސްލިމު އަހާ މަރުވުމަށްފަހުގައި ވެސް ދަމަހައްޓަންޖެހޭ ކަމަށެވެ.

  އޭގެ ތެރޭގައި ކަށުނަމާދާއި ކަށުކަމާކެމީގެ ކަންތައްތަކުގައި ބައިވެރިވުން ހިމެނޭ ކަމަށާއި ވީހާ ގިނަ ބަޔަކު މައްޔިތާގެ ކަށުނަމާދުގައި ބައިވެރިވުމަކީ މައްޔިތާއަށް ލިބޭ ސަވާބު އިތުރުވެގެންދާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

  އިތުރަށް ވިދާޅުވީ، މައްޔިތާގެ ފާފަ ފުއްސަވައި، ރަހުމަތް ލެއްވުން އެދި ދުއާ ކުރުމާއި އޭނާގެ ގާތްތިމާގެ މީހުންނާ އޮންނަ ގުޅުންތައް ދެމެހެއްޓުމާއި ސަދަގާތް ދިނުމަކީ ތިމާގެ އަހާ މަރުވުމުގެ ކުރިން އޮތް ގުޅުންތައް، އޭނާ މަރުވުމަށް ފަހުގައި ވެސް ދަމަހައްޓާާކަމުގެ ހެއްކެއް ކަމަށެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.