• Sun, 12 July, 2020, 5:43 pm

    ދުޢާކުރުމަކީ އެންމެ މާތް އަޅުކަމުގެ ތެރެއިން އަޅުކަމެކެވެ.

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އަލްބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައިވެއެވެ. وَإِذَا سَأَلَكَ عِبَادِي عَنّي فَإِنّي قَرِيبٌ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ މާނައީ، “އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުއާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟުރަތަށް ދުޢާކޮށްފިނަމަ، ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަކުރައްވަމެވެ.”

    މިއާޔަތް ބާވައިލެއްވި ސަބަބުގައިވެއެވެ. ކީރިތި ރަސޫލާގެ އަރިހުގައި އަޞްޙާބުބޭކަލުން ދެންނެވިއެވެ. “އަހުރެމެންގެ ވެރިރަސްކަލާނގެ ވޮޑިގެންވަނީ އަހުރެމެންނާ ކައިރީގައިތޯއެވެ؟ ފަހެ، އެހެންކަމަށްވަނީނަމަ، އަހުރެމެން އެކަލާނގެ ޙަޟުރަތަށް ދަންނަވާނީ މަޑުމަޑުންނެވެ. ނުވަތަ ދުރުގައިތޯއެވެ؟ ފަހެ، އެހެންކަމަށްވަނީނަމަ، އަހުރެމެން އެކަލާނގެ ޙަޟުރަތަށް ދަންނަވާނީ ބާރަށެވެ.” ދެން އެބައިމީހުންގެ ސުވާލަށް ޖަވާބެއްގެ ގޮތުގައި މާތްﷲ މި އާޔަތް ބާވައިލެއްވިއެވެ.

    އިބްނުލްޤައްޔިމް ވިދާޅުވެފައިވެއެވެ. މިއާޔަތުގައިވާ ކުއްތަންވެވޮޑިގެންވުމަކީ ޚާއްޞަކަމެކެވެ. އެއީ އެކަލާނގެ އަޅުތަކުންގެ ތެރެއިން ދުއާކުރާ އަޅުތަކުންނަށް އޮތް ހާއްސަކަމެކެވެ. އަޅަކު އެކަލާނގެ ޙަޟުރަތާ އެންމެ ބޮޑަށް ކުއްތަންވާނީ، ސަޖިދާގައި އޮންނައިރުއެވެ.

    ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައިވެއެވެ. (الدعاء هو العبادة) މާނައީ، “ދުޢާކުރުމަކީ، އަޅުކަމެވެ.” މިހެން ޙަދީޘްކުރެއްވުމަށްފަހު، ޣާފިރު ސޫރަތުގެ 60 ވަނަ އާޔަތް އިތުރު އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ކިޔަވާ ވިދާޅުވިއެވެ.

    އެއާޔަތުގައިވެއެވެ. {وَقَالَ رَبُّكُـمْ ٱدْعُونِى أَسْتَجِبْ لَكُمْ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دٰخِرِينَ} މާނައީ، “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ.”

    ދުޢާކުރާ މީހުންނާއެކުގައި އުޅުއްވުމަށާއި އެބައިމީހުންނާއެކު ރަޙުމަތްތެރިކަން ބޭއްވެވުމަށް، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް މާތްﷲ އަންގަވާފައިވެއެވެ. އަލްކަހުފު ސޫރަތުގެ 28 ވަނަ އާޔަތުގައިވެއެވެ. {وَٱصْبِرْ نَفْسَكَ مَعَ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَاةِ وَٱلْعَشِىّ يُرِيدُونَ وَجْهَهُ وَلاَ تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ ٱلْحَيَوٰةِ ٱلدُّنْيَا وَلاَ تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَٱتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا} މާނައީ، “އަދި އެއުރެންގެ ވެރިރަސްކަލާނގެ ވަޖުހުފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި ހަވީރު ދުޢާކޮށް އަޅުކަންކޮށް އުޅޭ މީހުންނާއެކު، ކަލޭގެފާނުގެ ނަފުސު ހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނައަޅައި ދިޔަނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް ޣާފިލުކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް ތަބަޢަވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!”

    ކީރިތި ރަސޫލާގެ ހަދީޡްފުޅެއްގެ މާނައިގައިވެއެވެ. “ފާފަވެރިކަމެއް ނެތް، އަދި ރަޙިމުގެ ގުޅުން ކަނޑައިލުމެއް ނެތް ދުޢާއަކުން މުސްލިމަކު ދުޢާކޮށްފިނަމަ، ﷲ އެމީހަކަށް ތިންކަމަކުން ކުރެ ކަމެއް ނުދެއްވައި ދޫކޮށްނުލައްވަތެވެ. އެއީ، އެކަލާނގެ އަވަހަށް އޭނާގެ ދުޢާ އިޖާބަކުރެއްވުމެވެ. ނުވަތަ އާޚިރަތުގެ ސަޥާބާއި ދަރުމައަށްޓަކައި އޭނާގެ ދުޢާ ފަހަށް ރައްކާކުރެއްވުމެވެ. ނުވަތަ އޭނާގެ ކިބައިން އެއާ އެއްވަރުވެގެންވާ ނުބައިކަންތައްތަކެއް އެއްކިބާކުރެއްވުމެވެ.”

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.