• Sun, 12 July, 2020, 5:50 pm

  މައިންބަފައިންނަށާއި ދެމަފިރިން ވެސް އެކަކު އަނެކަކާ ވާހަކަދައްކަން ވާނީ އޯގާތެރި ބަހުން

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  މައިންބަފައިންނާއި ދެމަފިރިން އެކަކަކު އަނެކަކާ ވާހަކަ ދައްކަންޖެހޭނީ އޯގާތެރި ރިވެތި ބަހުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

  “ހެޔޮބަސް ބުނުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ހެޔޮ ބަހަކީ ސަދަގާތެއް ކަމަށާއި އޭގެ އަސަރު މުޖުތަމައުގައި ބޮޑުވެފައި، އޭގެ މޭވާ މީސްތަކުންގެ ނަފްސުތަކަށާއި މުޖުތަމައުގެ އަފްރާދުންގެ މެދުގައި އޮންނަ ގުޅުމަށް ހެޔޮގޮތުގައި ފޯރާ ކަމަށެވެ.

  ނަމަވެސް އިންސާނާގެ ނަފްސުގެ މައްޗަށް ވެރިވެގަނެ، އޭނާ ހެއްލެނިކުރުމަށް ޝައިތާނާ އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި އޭނާ އިންސާނާއަށް ހަޑިހުތުރު އަމަލުތައް ޒީނަތްތެރިކޮށްދީ، ވަސްވާސް ދޭނެ ކަމަށް ހުތުބާގައި ބުންޏެވެ. އެފަދަ ކަންކަމުން ދުރުުހެލިވުމަށް އިސްލާމީ ތަރުބިއްޔަތު މުހިންމު ކަމަށާއި އަދި އިސްލާމީ އަދަބުތަކާއި އަހުލާގަށް އިންސާނާ ބޭނުން ވަނީ އެހެން ވެގެން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

  ހެޔޮ ބަހުން މުއާމަލާތު ކުރަންޖެހޭ މީހުންގެ ތެރޭގައި މައިންބަފައިންވާކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އެ މީހުންނާ މުހާތަބު ކުރާއިރު ބަސްމަގު ރިވެތިވާން ޖެހޭނެ ކަމަށެވެ. މާތް ﷲ އެމީހުންނާ މުއާމަލާތު ކުރަންވީ ގޮތް ބަޔާންކޮށްދެއްވައި ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

  “އެ ދެ މީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ!) އަދި އެ ދެ މީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި ބާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!”

  އޭގެ އިތުރުން ދެމަފިރިން ވެސް އެކަކު އަނެކަކާ މުއާމަލާތު ކުރަން ޖެހޭނީ ރިވެތި، އޯގާވެރި ބަހުން ކަމަށާއި އެކަކު އަނެކަކާ ހުތުރު ބަހުން ވާހަކަ ދައްކައި، އެކަކު އަނެކަކު ހިތުގައި ޖައްސައިގެން ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެއީ މާތް ﷲ ކާވެނީގައި ލެއްވި މާތް މަގުސަދާ ހިލާފަށް، ދެމަފިރިން ދުރުކޮށް، ވަރިފަށަށް ގެންގޮސްފާނެ ކަމެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

  ހުތުބާގައި އިތުރަށް ބުނީ، ގާތްތިމާގެ މީހުންގެ މެދުގައްޔާއި އަވަށްޓެރިންގެ މެދުގައްޔާއި ބާޒާރުމަތީގައްޔާއި ވިޔަފާރީގެ މުއާމަލާތް ތަކުގައްޔާއި މުވައްޒަފުންގެ މެދުގައްޔާއި ހިދުމަތް ހޯދުމަށް އޮފީސްތަކަށްދާ މީހުންނާއި ހިދުމަތްދޭ ފަރާތްތަކާ ދެމެދު މުއާމަލާތު ކުރަންޖެހޭނީ ވެސް ރިވެތި ބަހުން ކަމަށެވެ.

  އެގޮތުން އެކި ހިދުމަތުގައި ބިދޭސީން ގެންގުޅޭއިރު އެމީހުންގެ ފުށުން ދެރަ ކަންތައް ފެންނާނެ ކަމަށާއި ނަމަވެސް އެމީހުންނާ ވާހަކަ ދައްކާ ބަސްމަގު ހުންނަން ވާނީ އިސްލާމްދީނުގެ ރިވެތި އަހުލާގުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ. އަދި ބިދޭސީއަަކަށް ވުމަކީ ގަދަރު ކުޑަކޮށްލައި އެ މީހުންނާ ހުތުރު ބަހުން ވާހަކަ ދައްކަންވީ ސަބަބެއް ނޫން ކަމަށް ވެސް ހުކުރު ހުތުބާގައި ބުންޏެވެ.

  ދުލުން ބުނެ ދޫކޮށްލާ ބަހަކީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫންކަން ފާހަގަކުރައްވާ ހުތުބާގައި ބުނީ، މުޖުތަމައުގެ އަފްރާދުންނާއި މުއައްސަސާތަކުގެ މެދުގައި ކުރެވޭ މުއާމަލާތުތަކާއި ކުރާ ބަހުސްތަކާއި ދޭ ރައްދުތަކުގައި ބަސްމަގު ގެންގުޅެން ވާނީ އަދަބުވެރިކޮށް، އިހްތިރާމާއި އެކު ރިވެތިކޮށް ކަމަށެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.