• Wed, 8 July, 2020, 8:02 pm

  ވާހަކަ: ދަތުރު – 16

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  “އޭ! ކީކޭ؟ ތިބު… ތިބުނަނީ އެމީހުން މަރާލީ އަހަރެންނޭތަ؟”. އަހުސަންގެ މޫނުމަތީގެ ކުލަވަރު ދިޔައީ މަޑުމަޑުން ބަދަލުވަމުންނެވެ. “އާ.. އަހަރެންނަށް ހުރިހާ އެއްޗެއްވެސް އެނގިއްޖެ. ދެން އިތުރަށް އޮޅުވާލަން ނުހަދާ. ބުނެބަލަ!. އެއީ ކަލޭ ކީއްވެ ކުރިކަމެއް؟.” އަހަރެން އަހުސަން ގާތުން އޮޅުން ފިލުވަން ބޭނުންވީ ހަމައެކަނި ކަމަކީ އެއީއެވެ. “ބުނަން ވާހަކައެއް. އަންޒަމާން ކަރައަށް ވައިއެރި އިރުގެ ވާހަކަ ނުދައްކާ!. ކޮންމެހެން އަހަރެންގެ ބޮލުގައި އެމީހުންގެ މަރުގެ ޒިންމާ އަޅުވާނެ ކަމެއް ނެތް. އެހެންނޫނަސް ކަލޭ ކޮން ހެއްކެއް ދައްކައިގެން އެކަން ސާބިތުކުރަނީ؟ ކާކު ގަބޫލުކުރާނީ؟.” އަހުސަން ނުލަފާ ގޮތަކަށް ހޭން ފެށިއެވެ.

  އަހުސަންގެ އެ ޖުމްލައިން އަހަރެންގެ ފޯނު ނެގީމެވެ. ފޯނު ނަގައި އެރޭ އަހަރެންގެ ފޯނަށް ރިކޯޑުވެފައި ހުރި އޯޑިއޯތައް އަހުސަނަށް އަޑުއިއްވީމެވެ. “ޝަރުއީ ކޯޓެއްގައި ކަލެއާ ދެކޮޅަށް ފުރަތަމަ ދޭނެ ހެއްކަކީ މީ. ނޫނީ ރީތިގޮތުގައި އެއްބަސްވޭ.” އޯޑިއޯތައް އަޑުއިއްވުމަށްފަހުގައި އަހަރެން އަހުސަނާއި ދިމާލަށް ބުނީމެވެ. އެވަގުތު އެގޭގެ ކޮޓަރި ދޮރު ހުޅުވުމާއެކު އެތަނުން މީހަކު ނިކުތެވެ. އެމީހާއަކީ މެދު އުމުރުފުރާގެ މީހެކެވެ. ކަޅުކޮށް ހަށިގަނޑުން ބިޔަކޮށް ހުރި މީހެކެވެ. އެމީހާ އަހަރެން ފެނުމާއެކު، އަހަރެންނާއި ދިމާއަށް ހިނގަން ފެށިއެވެ. އެމީހާ އައިގޮތަށް އައިސް ހުއްޓުނީ އަހަރެންނާއި ފުދޭވަރަކަށް ކައިރީގައެވެ. “މިތަނަށް ތިއައީ މަރުވާންތަ؟. މިހާރުވެސް ކަލެއަށް ގޯނާ ކުރާ އެއްޗެހި މަދީތަ؟. ނޫނީ އެބައި ގިނަކޮށްލަދޭންވީތަ؟.”

  އެމީހާ އަހަރެންނާ ވާހަކަދެއްކި ގޮތުން، ކުއްލިއަކަށް ހަނދާންވީ އިދުރީސްބެގެ ސިފައިގައި އައި ޖިންނި ދެއްކި ވާހަކައެވެ. އޭތި ބުނިގޮތުގައި އަހުސަނަށް ހުރިހާ ކަމެއް ކޮށްދޭ ސިހުރުވެރިއެއް ހުރެއެވެ. އަހަރެން އެއް ފަހަރު އެމީހާއާ ދިމާލާ އަދި އަނެއް ފަހަރު އަހުސަނާ ދިމާލަށް ބަލާލީމެވެ. “އަހަރެންނަށް ވަރިހަމަ ކަލޭމެން ދެމީހުން ކިތަންމެ ސިހުރެއް ހެދިޔަސް. އަހަރެން މަރާލިއަސް. އިރާދަކުރެއްވިއްޔާ ތިދެމީހުންގެ ތެރެއިން އެކަކުވެސް ސަލާމަތްވިއަކަ ނުދޭނަން. ސާފުވެއްޖެ؟.” އަހަރެން ކުރުކޮށް ފޮނިކޮށް ދިނީ އިންޒާރެކެވެ. އަދި އައިސްފައި ހުރި ރުޅީގައި އެތަނުން ނިކުތުމަށް ހިނގައިގަތީމެވެ. އަހަރެން ހިނގައިގަންނަން އުޅުމާއެކު އަހުސަން އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ.

  އަހަރެން ވަރަށް ބާރަށް އަހުސަންގެ އަތްފޮޅާލީމެވެ. އަދި އޭނާގެ ކަކޫ މަތީގައި ކޮޅުފައިން ޖެހުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް އެތަނުން ނިކުތީމެވެ. އަހަރެންނަށް އެގެއިން ބޭރުވެވުނުކަން އެއީ ހަމަ ނަސީބެކޭ ހިތަށްއެރިއެވެ. ނޫންނަމަ އަހުސަން ކޮންމެފަދަ ގޮތެއްވެސް ހެދީ ހެއްޔެވެ. އަހުސަންގެ ދުލުން ހުރިހާ ހަގީގަތެއް ހޯދާނެ ގޮތަކާމެދު ވިސްނަން ފެށީމެވެ. އަހަރެން މާލޭގައި ހުރިހާ ދުވަހަކު އަހުސަން އަހަރެން ހޯދަން މަސައްކަތް ވެސް ކުރާނެއެވެ. އަދި އަހަރެންނަށް ކޮންމެފަދަ ގެއްލުމެއް ދީފާނެ ކަމަށް އަހަރެން އައީ ގަބޫލުކުރަމުންނެވެ.

  އަހަރެން ގެއާ ހަމައަށް އެރިތަނާ ފަހަތުން އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ސިހިފައި ފަހަތް ބަލައިލިއިރު، މަގުމައްޗަށް ވެއްޓިފައި އޮތް އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް މަގުމަތީގައި އުޅުދުފަހަރު ދުއްވައެވެ. ވުމާއެކު އެއީ މަގުމަތިން ދިޔަ އުޅަދަކުން ގޮވި އަޑެއް ކަމަށް ހީކޮށް، އަހަރެން އަނެއްކާވެސް ގެއަށް ވަންނަން ވެގެން ހިނގައިގަތީމެވެ. އެއްލި ކަޅިއަކުން އަހަރެންނަށް ފެނުނީ ފަހަތުން އަހަރެންނާ އެއް އިސްކޮޅެއްގައި ހުރި ހިޔަންޏެކެވެ. އަހަރެން ދުވާރު މަތީގައި މަޑުކޮށްލީމެވެ. އެ ހިޔަނި ވެސް އަހަރެންގެ ފަހަތުގައި މަޑުކުރިއެވެ. އަހަރެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކަށް އެ ހިޔަނިވެސް ކުރިއަށް އާދެއެވެ. އަހަރެންގެ ހިނގުން ތަންކޮޅެއް ބާރުކޮށްލީމެވެ. އެއާއެކު އޭގެ ދުވެލިވެސް ބާރުވިއެވެ.

  ގަންނާކުރެއްވި ބިރާއެކު، ދުވެފައި ގޮސް ގެއަށް ވަދެ ތަޅުލީމެވެ. އަދި ހާސްކަން ފިލުވާލުމަށްޓަކައި އަލަމާރިން ފެންފުޅިއެއް ނަގައި ފެންކޯވަރެއް ބޯލީމެވެ. ކޮޓަރިތެރޭގައި ހުރި ފަޑު އަލިކަމުގެ ތެރެއިން އަހަރެންގެ ކުރިމަތީގައި ހުރި ލޯގަނޑުން ފަހަތުގައި މީހަކު ހުއްޓާފެނުނެވެ. އަހަރެން ހުއްޓުން އެރިއެވެ. އަދި މަޑުމަޑުން ފަހަތް ބަލައިލީމެވެ. ފަހަތުން އެއްވެސް އެއްޗެއްގެ ހިލަމެއް ނުވިއެވެ. އަނެއްކާވެސް ލޯގަނޑާއި ދިމާލަށް ބަލާލީމެވެ. މިފަހަރުވެސް ލޯގަނޑުން އޭތި ފެނުނެވެ. އަހަރެން އަނެއްކާވެސް ފަހަތަށް އެބުރިލީ ފަހަތުން އެއްޗެއް ފެންނާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ނުފެނުނެވެ. އަހަރެން ދެން ލޯގަނޑާއި ދިމާލަށް އެނބުރިލި ވަގުތުގައި އޭތި ހުރީ އަހަރެންގެ ކުރިމަތީގައެވެ. ސިއްސައިގެން ގޮސް އަހަރެން ބިންމައްޗަށް ވެއްޓުމާއެކު ހަޅޭއްލަވައިގަތީމެވެ.

  ނަމަވެސް އިރުކޮޅެއް ފަހުން އޭތި ހުރިތޯ ބެލިއިރު އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ދެން އިވުނީ ކޮޓަރި ދޮރުގައި މީހަކު ވަރަށް ބާރަށް ޓަކި ޖެހި އަޑެވެ. ހީވީ ދެންމެދެންމެ ދޮރު ވައްޓާއިލަފާނެ ހެންނެވެ. މޭޒުމަތީގައި އޮތް ކުޑަ ވަޅިއެއް ނެގުމަށްފަހު، ދޮރާއި ދިމާލަށް ހިނގައިގަތީމެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންގޮސް ވަރަށް ބާރަށް ދޮރުހުޅުވީމެވެ. ވަޅި އަތަށް ހެޔޮވަރުކޮށްލި ވަގުތު ފެނުނީ ދޮރުމަތީގައި ހުރި އަހުސަނެވެ. އަހުސަން ވަންގޮތަށް އަހަރެންގެ އަތުގައި އޮތް ވަޅި ހޫރާލިއެވެ. އަދި އަހަރެންގެ އަނގައިގައި ޓޭޕުއަޅައި އަނގަ ބަންދުކޮށްލިއެވެ. އަހަރެން ސަލާމަތްވެވޭތޯ ތެޅިފޮޅުނީމެވެ. ނަމަވެސް އެކަންވީ ނާކާމިޔާބު ކަމަކަށެވެ.

  އޭނާ އަހަރެންގެ އަތާއި ފައި ބަނުމަށްފަހު، އޭނާގެނައި ބޮޑު ސޫޓްކޭސް ތެރެއަށް އަހަރެންލިއެވެ. އޭތި ހުރީ ވައިދައުރުވާނެހެން އެކި ދިމަދިމާލުން ލޯވަޅު ތޮރުފާފައެވެ. އޭނާ އަހަރެން ގަދަކަމުން ގެންދިޔައީ އެ ގެއަށެވެ. އަހަރެން ސޫޓްކޭސްތެރެއިން ނެގުމަށްފަހު، ބޭންދީ ބަނދެފައެވެ. އަހުސަން މިކަން ކުރީ އޭނާ ގެންގުޅޭ ސިހުރުވެރިޔާގެ އެދުމުގެ މަތިންނެވެ. އެމީހުން އަހަރެން އެ ގެއަށް ވެއްދުމަށްފަހުގައި، އަނގަމަތީގައި އަޅާފައި ހުރި ޓޭޕްގަނޑު ނައްޓާލިއެވެ. “ކަލޭ ތީ ތިފެންވަރުގެ މީހެއްތަ؟ އަހުސަންތީ ހާދަ ގޮތެއް ނެތް މީހެކޭ!. ތިކުރެވޭ ކަމެއް އެބައެނގޭތަ؟.” އަހަރެން ރުޅިއައިސްގެން ހަޅޭއްލަވައިގަތީމެވެ. “ކަލޭ ހީކުރީ އަހަރެންގެ ކިބައިގެން އެހާ ފަސޭހައިން ސަލާމަތްވާނެ ކަމަށްތަ؟. ކަލެއަށް ރޫހާނީ ބާރުތަކުން އެތައް އިންޒާރެއް ދިން. މިއަދު ކަލޭ ސަލާމަތްކުރަން އަންނާނެ އެކަކުވެސް ނުހުންނާނެ. އަހަރެން ކަލޭ މަރައެއް ނުލާނަން. އަހަރެން ކަލޭ ހަށިގަނޑު ހަވާލުކުރާނީ ޖިންނިއަކާ. ކަލޭ އުމުރު ދުވަހު ދެން ހުންނަންޖެހޭނީ ޖިންނި މޮޔަވެފަ. އެއީ ކަލޭގެ އަދަބަކީ!.” އަހުސަން އަހަރެންގެ ކަރުގައި ހިފަހައްޓައިގެން ހުރެ ވާހަކަދެއްކިއެވެ.

  “ކަލޭ ކަހަލަ ފިނޑިއަކަށް ވާނީ ތިހާވަރު. ތީ ބޮޑު ފިނޑިއެއް. އެހެންވެ މިއޮތްހާ ދުވަހުވެސް ސިހުރުހާހޫރައިގެ ބާރުގައި ކަލޭ ތި ދިރިއުޅެނީ. ކަލޭ ތީ އެއްވެސް ކަމެއް ކުރެވޭ ފެންވަރުގެ މީހެއް ނޫން.” އަހަރެން މަސައްކަތްކުރީ އަހުސަން ރުޅިއަރުވައި، އޭނާ ދައްކޮށްލައިގެން ނަމަވެސް ހަގީގަތް ހޯދުމަށެވެ. “ހިހިހިހި….ކަލެއަށް ހީވަނީތަ ކަލޭ ތީ ދެން ވަރަށް މޮޅު މީހެކޭ. ކަލެއަށް ކިޔައިދެންވީތަ އަހަރެންގެ މޮޅުކަން. އަހަރެންނަކީ ކިހާ ފެންވަރެއްގެ ކިހާ ބާރުވެރި މީހެއްކަން.” އަހުސަންގެ ރުޅި ކޮންޓްރޯލު ނުވާ ހިސާބަށް ދިޔައެވެ. އެވަގުތު ސިހުރިވެރިޔާ ދިޔައީ އަހުސަންގެ ރުޅި މަޑުކުރެވޭތޯ މަސައްކަތްކުރަމުންނެވެ.

  “އާ!. އަހަރެން އަހަރެންގެ މުޅި އާއިލާ މަރާލީ. ސިހުރުގެ ބާރުގައި. ކަލެއަށް މިއޮތްހާ ދުވަހު ފެނުނު ހުވަފެންތަކާއި ފެނުނު ކަންތައްތަކަކީ ވެސް ސިހުރުގެ ބާރުން އަހަރެން ކުރުވި ކަންތައްތައް. އަހަރެން އަހަރެންގެ އާއިލާ ފަރާތުން ބޭނުންވީ ވަރަށް ކުޑަކުޑަ އެއްޗެއް. ލޯބި. ހުރިހާ ލޯތްބެއް ލިބުނީ ކަލެއަށާއި ކޮއްކޮއަށް. އެ ލޯބި ނުލިބުމުގެ ނަތީޖާއަކަށްވީ އަހަރެން ދަހިވެތިވުން. ފައިސާ، މުދާ. އަހަރެން އަޒުމް ކަނޑައެޅިން އާއިލާގެ ހުރިހާ މުދަލެއް އަހަރެންގެ މިލްކަކަށް ހަދައި ތިއިން އެކަކަށް ވެސް އެއިން ފައިސާއެއް ނުލިބޭނެހެން ބިކަކޮށްލަން. އެކަމަކު އެގޮތަކަށް އަހަރެންގެ ހިތެއް ނުފުރުނު. އަހަރެން ބޮޑުވި ހިސާބުން ބައްޕައާއެކު އާއިލާގެ ވިޔަފާރިއާ ހަވާލުވީ. އެހިސާބުން އެންމެން ވެސް ދަންޖައްސައި މަރާލީ.”

  އަހުސަންގެ ފުށުން ހަގީގަތް އަޑުއިވިފައި އަހަރެންނަށް ހަގީގަތުގައި ވެސް ރޮވުނެވެ. މާތްކަލާކޯއެވެ. އަހުސަނަށް ނުލިބުނީ ކޮން ލޯތްބެއްތޯ އަހަރެން އަހުސަނާއި ސުވާލުކުރީމެވެ. އަހަރެން ހަނދާންވާން ފެށީއްސުރެން ބައްޕަ އެންމެ ލޯބިވާ މީހަކީ އަހުސަނެވެ. އަހަރެންގެ ހަނދާނަށް އައިހާ ކަމެއް އަހަރެން އަޑުން އަޑުނަގާފައި ކިޔަން ފެށީމެވެ. ފައިސާ އާއި މުދަލުގެ ދަހިވެތިކަމުގައި އަހުސަނަށް އެވަރުގެ ކަމެއް ކުރަން ކެރުނުތޯ އޭނާ އާއި އެތައް ފަހަރަކު ސުވާލުކުރީމެވެ. އަހުސަން ޝަރީއަތަށް ހާޒިރުކޮށް އޭނާގެ އަތުން ހުރިހާ މުދަލެއް ހޯދުމަށް އަހަރެން އެވަގުތު އަޒުމް ކަނޑައެޅީމެވެ. އެކަމަކީ އަހަރެން ބޭނުންވާ ކަމަކަށް ނުވި ނަމަވެސް މެއެވެ. އެކަމަކު އަހަރެން އިނީ ކަސްތޮޅު އެޅިފައެވެ. އަހަރެން ހިތުގެ އަޑިން ސަލާމަތަށް އެދި ގޮވީމެވެ. ކުއްލިއަކަށް ގޭތެރޭގައި ހުރި ހުރިހާ ބޮތްކެއް ނިވިދިއްލެން ފެށިއެވެ.

  (ނުނިމޭ)

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.