• Fri, 15 January, 2021, 7:06 pm
  ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް

  މިސަރުކާރަށް 2 އަހަރުވާން ދާއިރު މިސްރާބު ކަތިވާން ފައްޓައިފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު މިވީ 12 ވަރަކަށް އަހަރުތެރޭގައި ޤައުމު ހަމަނޭވާލައި އަމާންކޮށް އޮތީ ގާތްގަނޑަކަށް 4 ވަރަކަށް އަހަރެވެ. އެވެސް ތިން ބުރަކަށް ބަހާލައިގެންނެވެ. އެއަށްފަހު ފެންނަނީ ޤައުމު ބައިބައިވެ ކަފިކަފި ވެގެންދާތަނެވެ. މިއިން ކޮންމެ ފަހަރަކުވެސް '' ކުޅެވެނީ '' ހަމަ އެއް ކުޅިވަރެކެވެ. އޭގެ ނަތީޖާ ވަރަށް ހިއްޗެވެ.

  ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމަށް މި އަންނަ ނޮވެމްބަރ 17 އަށް 2 އަހަރުވާނެއެވެ. މި ސަރުކާރަށް ދެއަހަރުވާން ދާއިރު ކުރީގެ ދެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދިޔަގޮތް ޚިޔާލަށް ގެންނަން ހަމަ ރަނގަޅެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރާއި، ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދެއަހަރަށެވެ.

  ރައީސް ނަޝީދުގެ ވެރިކަމުގެ ފުރަތަމަ އަހަރު، އަދި ރައީސް ޔާމީންގެ ވެސް ވެރިކަމުގެ ފުރަތަމަ އަހަރު ދިޔައީ އަމާން އޮމާން ކޮށެވެ. ވެރިކަމަށް ގެނައި ކޯލިޝަނުގެ ގުޅުން އޮވެގެންނެވެ. ރައްޔިތުންގެ ވެސް ރުހުން ލިބިގެންނެވެ. އެހެނަސް 2 ވަނަ އަހަރު ހަމަވާން ދިޔައިރު ވެރިޔާއަށް ވެރިކަމުގެ އާރާއި ބާރު ނިކަން ރަނގަޅަށް ވިސްނިވަޑައިގަންނަވާން ފައްޓަވައިފިއެވެ. ރައީސުލް ޖުމްހޫރިއްޔާ ނުވަތަ ރައްޔިތުންގެ ވެރިޔާ އަށްވުރެ ވަކި ބައެއްގެ ވެރިއަކަށް ވެވަޑައިގެންނެވެން ފައްޓައިފިއެވެ. އަދި ސީދާ ވަކި ބައެއްގެ މަސްލަޙަތަށް އިސްކަންދީ އެބަޔަކު ބޭނުންހާ ކަމެއް ކުރެވޭގޮތަށް ދީލާލާން ފައްޓައިފިއެވެ. އެއާއެކު އަނެއް ބަޔަކާ ދެކޮޅުވެރިވެ '' ގަދަ ހިފުމަކަށް '' ވަޑައިގެންނެވުމަށް ތައްޔާރުވާން ފައްޓަވައިފިއެވެ. ނަތީޖާ އަކަށްވީ ވެރިކަމަށް ވަޑައިގަންނަވަން ހެއްދެވި ކޯލިޝަން ރޫޅިގެން ދިއުމެވެ. ކުރިން އެކުގައި ތިއްބެވި ބޭފުޅުން ސީދާ އިދިކޮޅަށް ނުކުންނަވަން ޖެހިވަޑައިގަތުމެވެ. ސަރުކާރުން ކުރާ ރަނގަޅުކަންކަމަށް ވާގިދިން ނަމަވެސް، ހެދޭ ގޯސްތައް ރަނގަޅުކުރުމަށް މަސައްކަތްކޮށް މަސްލަޙަތު އިސްކުރުމުގެ ވިސްނުމެއް ނުގެންގުޅެވުނެވެ. އޭގެ ބަދަލުގައި ވެރިޔާއަށް ފެންނަންފެށީ ވެރިކަމުގެ އާރާއި ބާރެވެ. ގާތުގައިތިބި ބަޔަކު ކިޔަމުން ދިޔަ މަދަޙަޘަނާ އެވެ. ޕާޓީގެ ތަރުޙީބެވެ. ޢާންމު ރައްޔިތުންގެ ކަންބޮޑުވުންތަކަކަށް ވިސްނާލެވޭނެ ގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ ވެރިކަން ވެއްޓުމެވެ. ނުވަތަ ދެވަނަ ދައުރަކަށް ހޮވިވަޑައި ނުގެންނެވުމެވެ. މިއަދު ތިންވަނަ ވެރިކަމެއްގައިވެސް މި ފެންނަނީ ހަމަ އެކަހަލަ މަންޒަރުތަކެކެވެ.

  ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރަނގަޅު ބޭފުޅެކެވެ. ރައީސް ޞާލިޙު ވެރިކަމަށް ގެނައުމަށް ރައްޔިތުންވެސް އެންމެ ބޭނުންވީ އެމަނިކުފާނަކީ '' ޞޯލިޙް '' ބޭފުޅެއްކަމަށްވާތީއެވެ. ހެޔޮލަފާ ބޭފުޅެއް ކަމުގައި ވާތީއެވެ. މަޝްވާރާކޮށް އެންމެން އެކުގައި ގެންގުޅުއްވާނެ ބޭފުޅެއްކަމުގައި ވާތީއެވެ. ހުރިހާ ރައްޔިތުންގެވެސް ރައީސަކަށް ވެވަޑައިގަންނަވާނެތީއެވެ. އަދި ބަހުގެ އިތުބާރު ދަމަހައްޓަވާނެ ބޭފުޅެއް ކަމުގައި ވާތީއެވެ. ހަމައެހެންމެ އެމަނިކުފާނުގެ ފަހަތްޕުޅުގައި ދިވެހިން އެބޭފުޅުންގެ ބަސް އަހާނެ އަދި އެ ބޭފުޅުންނަށް އިތުބާރު ކުރައްވާ އިސް ބޭފުޅުންތަކެއްވެސް ތިއްބެވީތީއެވެ.

  ރައްޔިތުން ބޭނުންވަނީ ރައްޔިތުން ގޮވައިގެން އަމަންއަމާން ކަމާއި އޯގާތެރިކަމާއެކު ވެރިކަން ކުރައްވާނެ ބޭފުޅެކެވެ. ހުރިހާ ރައްޔިތުން ދެކެ ލޯބިވެ ވަޑައިގަންނަވާނެ ރައީސެކެވެ. އެންމެންނަށް ހަމަހަމަ އަށް ކަންކުރައްވާ އަދުލު އިންސާފު ޤާއިމްކޮށް ދެއްވާނެ ވެރިއެކެވެ. ތެދުތެދަށް ދަންނަވާނަމަ ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާންވެސް ވިދާޅުވާފަދައިން '' މަދީނާގައި ޤާއިމް ކުރެއްވި '' ވެރިކަން ކުރައްވާނެ ވެރިއެކެވެ.

  ކުރީގެ ދެ ވެރިކަމުން ޢިބްރަތްލިބިގަނެ ''ތިނެތިން އެކަތި '' ނަމަވެސް ލިބިގަންނަން އެބަޖެހެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ފުރަތަމަ ފެނުނީ ރައްޔިތުން އެދޭފަދަ ވެރިކަމެއް ފެއްޓެވިތަނެވެ. އެންމެން ގޮވައިގެން ރީތި ވެރިކަމެއް ފެއްޓެވިތަނެވެ. ނަމަވެސް އެ ރީތި ގޮތުގައި ދެމިއެއް ނުހުންނެވުނެވެ. ނަތީޖާއަކަށްވީ ކޯލިޝަން ރޫޅިގެން ދިއުމެވެ. ޤައުމު ބައިބައިވެގެން ދިއުމެވެ. ޙައްލެއް ނުހޯއްދެވުނެވެ. ދެން ފެންނަން ފެއްޓީ އޭރު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގައި އޮތް މައިނޯރިޓީ، މެޖޯރިޓީއަށް ބަދަލުކުރައްވަން ކުރައްވަމުންގެންދެވި މަސައްކަތްޕުޅެވެ. ''ކޮންމެ އަގެއްދީގެންވިޔަސް '' ހެޔޮކަމަށްދެކި ކުރެވެމުންދިޔަ މަސައްކަތުން އެހެން ޕާޓީތަކުން މަޖިލީހަށް ހޮވިފައި ތިބި މެމްބަރުންތަކެއް އެމްޑީޕީއަށް ގެންދެވިއެވެ. ވެރިކަމުގެ ބާރުން ކަންކަން ނިންމާލެވޭނެ ކަމަށް ވިސްނިވަޑައިގަތީތާއެވެ. ޢަބްދުﷲ ޤާޟީ ހަ

  ރައްޔަރުކުރުމާއި، ގައުމުގެ ތެރޭގައި އުފެދުނު ހިތްހަމަނުޖެހުންތައް އެތައްގުނައަކަށް އިތުރުވެ މުޅި ޤައުމު ބައިބައިވެ ގަޔަށް އަތްލާ ހިސާބަށްވެސް ދިޔައީއެވެ. އެންމެފަހުން ވެރިކަމުން އިސްތިޢުފާވެސް ދެއްވީއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ތަރައްޤީގެ އެކި މަސައްކަތް ކުރެއްވިއެވެ. އެހެނަސް ރައްޔިތުން ގޮވައިގެން ކުރިއަށް ވަޑައިގަންނަވަން އެނގިވަޑައެއް ނުގެންނެވުނެވެ.

  2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވީވެސް ކޯލިޝަން ހައްދަވައިގެންނެވެ. ފަހަތްޕުޅުގައި ހަރުދަނާ އެތައް ބޭފުޅުންނެއް ތިއްބެވިއެވެ. ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ އާއި އަދާލަތު ޕާޓީގެވެސް މަސައްކަތާއެކުގައެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ އަހަރު ދިޔައީވެސް ހަމަ އެހާމެ ހަމަހިމޭންކަމާއެކުގައެވެ. ގަދަ ގުޅުމެއް އޮވެގެންނެވެ. ތަރައްޤީގެ މަސައްކަތްތައް ހަލުވި މިނެއްގައި ކުރިއަށް ދާން ފެއްޓިއެވެ. އެހެނަސް ދެއަހަރު ވާން ކައިރިވިއިރު ކޯލިޝަންގައި ވަރަށްބޮޑަށް ރެނދުލައިފިއެވެ. ޕާޓީތެރޭގައިވެސް ޚިޔާލު ތަފާތުވާން ފައްޓައިފިއެވެ. ނުރުހުމުގެ އަޑުތައް ބޭރުވާން ފައްޓައިފިއެވެ. ރައީސް ޔާމީނަށްވެސް މުހިންމުވީ ވަކި ބައެކެވެ. ރައްޔިތުންގެ ރައީސަކަށް ނުވެވުނެވެ.

  ރައްޔިތުންގެ މަޖިލީހުގެތެރެއިން ލިބިވަޑައިގެންފައިވާ ބާރުގެ ބޭނުންކޮށްގެންވެސް ނޭއްގާނީ ކަންކަން ނިންމަވަން ފެއްޓެވިއެވެ. އަދުލު އިންސާފުގެ ބޭނުން ކެނޑިގެން ދިޔަ ކަހަލައެވެ. ނޭއްގާނީ ކަންކަން އިތުރުވެ އަނިޔާވެރިކަން އިސްވިއެވެ.

  އެހެނަސް ރައީސް ޔާމީނުގެ ތަރައްޤީގެ މަސައްކަތްތައްވެސް އެތައް ގުނައަކަށް އިތުރުވެ ވަރަށް ބާރުމިނުގައި ކުރިއަށް ދިޔައެވެ. މާލެ ހުޅުމާލޭ ބުރިޖާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ޢިމާރާތާއި ފްލެޓުއެޅުމާއި އެއަރޕޯޓުތައް އިތުރުވުމާއި މިހެންގޮސް ތަރައްޤީގެ އެތައްކަމެއް ފެށިގެން ކުރިއަށް ދިޔައެވެ. އެހެނަސް އެނގިވަޑައި ނުގެންނެވުނު ކަމަކީ ރައްޔިތުންގެ ވެރިއަކަށް ވެވަޑައިގަތުމެވެ. ރައީސް ޔާމީނަށްވެސް ފެނިވަޑައިގަތީ ވެރިކަމުގެ އާރާއި ބާރު އެކަންޏެވެ. ރައްޔިތުންގެ އިހްސާސްތަކެއް ފެނިވަޑައެއް ނުގަތެވެ. ވެރިކަން ހޯއްދަވަން އުޅުއްވިރު ދެއްކެވި ވާހަކަފުޅުތަކާއި ވެރިކަން ލިބިވަޑައިގެންނެވުމުން ކަން ކުރެއްވިގޮތް މާބޮޑަށްވެސް ތަފާތު ވެގެން ދިޔައީއެވެ. ހަމައެއް ލަމައެއް ނެތަސް އަދި ފުށުއަރާ ކަންކަންވެސް މަޖިލިސް ބޭނުންކޮށްގެން ނިންމަވާލެއްވީއެވެ. ހަމައެކަނި ބޭނުންވެ ވަޑައިގަތީ ވެރިކަމެވެ.

  މިހާރު މިއީ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ދެވަނަ އަހަރުގެ ދުވަސްތަކެވެ. މިހާރު ފެންނަމުން ދަނީ ކުރީ ދެވެރިކަމުގައިވެސް ފެނުނު ކަހަލަ މަންޒަރުތަކެކެވެ. ކޯލިޝަނުގެ އިތުބާރު ކުޑަވަމުން ދާތަނެވެ. އެންމެންގެ ވެރިއަކަށް ވެވަޑައިގެން ހުންނެވުމުގެ ބަދަލުގައި މަޑުމަޑުން ޕާޓީގެ މަސްލަހަތަށް އެކަނި ބައްލަވަން އުޅުއްވާތަނެވެ.

  ވެރިކަމުގައި ރައީސް ޞާލިޙުގެ ބަދަލުގައި އެހެން ބޭފުޅެއްގެ ނުފޫޒު ގަދަކުރާ މަންޒަރެވެ. މަޖިލިސް ތެރެއިން ކަންކަން ނިންމަވާލެއްވޭނެ ކަމަށް އެކަނި ދެކިވަޑައިގަންނަވާ ތަނެވެ. ރައްޔިތުންނަށް ހާސްކަން ލިބެމުން ދާތަނެވެ. ބަހުގެ އިތުބާރު ކުޑަވާތަނެވެ. އެކަށީގެން ނުވިއަސް ޕާޓީގެ މެމްބަރުންނަށް ބޮޑު މަޤާމުދީ އެހެން މީހުން ވަޒީފާއިން ވަކިކުރުމަށް ބާރުއެޅިގެންދާ ތަނެވެ. އަމިއްލަ ޕާޓީގެ ނޫން ވަޒީރެއްވިއްޔާ '' ކަތިލާން '' މަސައްކަތް ކުރާތަނެވެ. ވަކި ބައެއްގެ ބަހަށް ޤައުމު ދީލާލާތަނެވެ.

  އެއްކަލަ އެކުގައި ބުރަ މަސައްކަތްކޮށްގެން ގެނައި ވެރިކަމުގެ ބަދަލުގައި ހަމައެކަނި ޕާޓީން ގެނައި ވެރިކަމެއްކަމަށް ސިއްކަ ޖެހެން އުޅޭތަނެވެ. މިއީ ކުރިންވެސް ދެ ވެރިކަމުގައި ހަމަ ކުޅުނު ގޭމެވެ. ހަމަ އެ ފިލްމެވެ. މިހެން މިކަން ދާނަމަ ފިލްމު ނިމޭނީ ކުރީގެ ފިލްމުތައްވެސް ނިމުނު ގޮތަށެވެ. އެއީ ކާމިޔާބު ފޯމިއުލާއެއް ނޫންކަން ވިސްނައިގަންނަން ޖެހެއެވެ. އިބްރާހިމް މުޙައްމަދު ޞާލިޙު އެމަނިކުފާނުގެ ގޮތުގައި ކިތަންމެހާވެސް ރަނގަޅެވެ. އެހެނަސް ރައީސުލް ޖުމްހޫރިއްޔާގެ ޙައިސިއްޔަތުން ޤައުމުގެ މަސްލަޙަތަށް ބައްލަވާ ނިންމަވަން ޖެހޭ ކަންކަން ނިންމުމުގައި ''ގަޓު'' ހުންނެވި ރައީސެއްކަން ރައީސް ހާމަކޮށްދެއްވަން ޖެހެއެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.