• Sun, 12 July, 2020, 4:38 pm

    ދުނިޔެއަކީ ދާއިމީ ތަނެއް ނޫނެވެ. ދިމާވާ ތަދާއި ހިތާމައަކީ ވެސް ދާއިމީ ހާލަތްތަކެއް ނޫނެވެ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މި ދުނިޔެއަކީ ދާއިމީ ތަނެއް ކަމުގައިނުވާ ފަދައިން، އިންސާނުންނަށް ކުރިމަތިވާ ހިތާމަތަކާއި ތަދުމަޑުކަމާއި ބަލިމަޑުކަމަކީ ވެސް ދާއިމީ ހާލަތްތަކެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

    “ނަފްސާނީ އިޖްތިމާއީ ދުޅަހެޔޮކަން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މިއަދު ދުނިޔޭގައި ދިރިއުޅޭ ހުރިހާ އިންސާނުން ތަހަައްމަލު ކުރަމުންދާ ހިތްދަތި ހާލަތަކީ ފަހުގެ ތާރީހެއްގައި ދުނިޔެ ނުދެކޭ ވަރުގެ ހިތްދަތިކަމާއި ތަދުމަޑުކަމާއި ނުތަނަވަސްކަމެއްގެ ހާލަތެއް ކަމަށެވެ.

    އެހެންކަމުން މި ވަބާގެ ނުރައްކާތެރިކަމުން ސަލާމަތްވުމަށްޓަކައި ދީލަތިވަންތަ އިލާހުގެ ހަޒްރަތުން އާފިޔަތާއި ރައްކާތެރިކަމަށް އެދޭ ހާލު، އަޅުކަން ކުރުމާއި ބޭނުން ޖެހިފައިވާ މީސްތަކުންނަށް ހެޔޮ ނަސޭހަތާއި އެހީ ފޯރުވުމުގައި ދެމިތިބުމަށް ނަސޭހަތްތެރިވިއެވެ.

    ލޮކްޑައުންވެފައި ތިބުމުގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ހުއްޓި ފިކުރު ބޮޑުވުމާއި ހާސްވުންފަދަ ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިވުމަކީ ވާނެ ކަމެއްކަން ފާހަގަކުރައްވާ ހުތުބާގައި ބުނީ، އެކަންކަމުން ހައްޓަށް ވެރިވާ ބުރަހެލިކަމާއި ހިތަށް ވެރިވާ ހިތްދަތިކަމުން މިންޖުވުމަށްޓަކައި ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުރި ކަމަށެވެ.

    އެގޮތުން އެންމެ މުހިންމު ކަމަކީ ﷲ ތައާލާގެ ތަނަވަސް ރަހުމަތަށް އެދި ދެންނެވުން ކަމަށާއި މާތް ﷲ އެކަލާނގެ ތަނަވަސްވެގެންވާ ރަހުމަތުން އިންސާނާ މަހުރޫމް ކުރައްވަނީ، ހުދު އެ އިންސާނާ، އެކަލާނގެ ރަހުމަތުން މާޔޫސްވުމުން ކަމަށް ހުތުބާގައި ބުންޏެވެ.

    އެހެންކަމުން ދުނިޔޭގެ ހަޔާތުގައި އަންނަ ކޮންމެ ހިތްދަތި ކަމަކަށްފަހު އެތައް ފަސޭހަތަކެއް އަންނޭނަކަމަށް ﷲ ވައުދުވެ ވޮޑިގެންފައިވާކަން ހަނދާން ކުރުމަށާއި އެވައުދުފުޅު މަތީން ހަނދާންކޮށް ހިތްވަރު އާކުރުމަށް ގޮވާލެއްވިއެވެ.

    މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ފަހެ، ހަމަކަށަވަރުން، އުދަނގޫކަމާއެކު ފަސޭހަކަންވެއެވެ. ހަމަކަށަވަރުން، އުދަނގޫކަމަކާއެކު ފަސޭހަކަންވެއެވެ.”

    އިސްލާމްދީނުގައި އެންމެ ބޮޑަށް ބާރުއަޅާފައިވާ އެއްކަމަކީ އިންސާނީ ނަފްސަށް އަޅައިލުން ކަމަށާއި ނަފްސާނީ ދުޅަހެޔޮ ހަޔާތެއް ހޭދަކުރުމުގެ ނަސީބުވެރިންނަކީ އެ ބަޔެއްގެ ނަފުސުތަކަށް ހިތްހަމަޖެހުން ލިބިގެންވާ މީހުންކަން ފާހަގަކުރައްވާ ހުތުބާގައި ބުނީ، ޖިސްމާނީ ސިއްހަތަށް ދުޅަހެޔޮކަން ލިބުން ބިނާވެފައިވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށާއި ހިތްދަތިކަމާއި ހާސްކަމުން މިންޖުވުމަށްޓަކައި ނަފްސަށް އަޅައިލުން ވަރަށް މުހިންމު ކަމަށެވެ.

    އެގޮތުން އެއްތަނެއްގައި ބަންދުވެގެން ތިބެން ޖެހުނަސް، ނަފްސަށް ބޭނުންވާ ރޫހާނީ ޣިޒާ ކަމުގައިވާ އަޅުކަމާއި ކަސްރަތާއި ސިއްހަތަށް ފައިދާހުރި ކާނާ އާއި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ނަފްސާނީ ދުޅެހެޔޮކަން ލިބިގެންދާނެ ކަންކަން ކަމަށް ހުތުބާގައި ބުންޏެވެ.

    ހުތުބާގައި އިތުރަށް ބުނީ، ނަފްސާނީ ހިތް ހަމަޖެހުން އޮތީ ހާލިގުވަންތަ ﷲގެ ރަހުމަތަށް އެދި ދުއާ ދެންނެވުމުގައި ސާބިތުވެ ތިބުމުގައި ކަމަށާއި އެކަލާނގެ ރަހުމަތްފުޅާމެދު އެއްގޮތަކަށް ވެސް މާޔޫސް ނުވެ، ވޭނާއި އުދާސްތަކަށް ކެތްތެރިވުމުން ކަމަށެވެ.

    އޭގެ އިތުރުން މި ދުނިޔެއަކީ ދާއިމީ ތަނެއް ކަމުގައިނުވާ ފަދައިން، އިންސާނުންނަށް ކުރިމަތިވާ ހިތާމަތަކާއި ތަދުމަޑުކަމާއި ބަލިމަޑުކަމަކީ ވެސް ދާއިމީ ހާލަތްތަކެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ. އަދި ހަޔާތުގެ ކޮންމެ ވޭނަކީ ދަރުހެއް ކަމަށާއި އެފަދަ ކޮންމެ ދަރުހަކުން އިބްރަތް ލިބިގަނެ ނަފްސު މަތިވެރި ދަރަޖައަކަށް ގެންދެވޭތޯ މަސައްކަތް ކުރުމަށް ވެސް ހުތުބާގައި ގޮވާލެއްވިއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.