މުޅި ދުނިޔޭގައި ފެތުރެން ފެށި ނުރައްކާތެރި ކޮވިޑް-19 ރާއްޖެއާ ހަމައަށް ވެސް ފޯރައި، ވެރިރަށް މާލެއިން މިބައްޔަށް ޕޮޒިޓިވް މީހަކު ފުރަތަމަ ފެނުނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު މާލެ ސަރަހައްދު ފުރަބަންދުކޮށް، މުޅި ރާއްޖޭގައި ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
އެންމެންގެ ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅުތަކާއެކު އެތައް ބަޔަކު ރަށަށް ނުދެވި މާލޭގައި ތާށިވުމާއި މާލޭގައި ދިރިއުޅެމުން އައި މީހުން ވެސް އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުނުކުމެވި އެތައް ދުވަހެއް ހޭދަކުރަން ޖެހުނެވެ. މިގޮތުގައި ދެމަސްދުވަސް ހޭދަކުރުމަށްފަހު ފިޔަވަހިތަކަކަށް ބަހާލައިގެން ފުރަބަންދަށް ލުއިތަކެއް ދިނުމަށް ނިންމައި މިހާރު ގުނަމުންދަނީ އޭގެ ދެވަނަ ފިޔަވައްސެވެ. ޖޫން މަހުގެ 15 އިން ފެށިގެން މަސް ނިމެންދެން ދީފައިވާ ލުއިތަކުގައި ވަނީ ކުރިން މެދުކެނޑިފައި އޮތް އެތައް ޚިދުމަތެއް އަލުން ފެށޭގޮތް ހަމަޖެހި ރައްޔިތުންނަށް ވަކި ހުއްދައެއް ހޯދުމަކާ ނުލައި ބޭރުތެރެއަށް ނުކުމެއުޅެވޭ ގޮތް ވެފައެވެ.
ދެމަސް ދުވަހަށްފަހު މިލިބުނު ބޮޑު ލުޔާއެކު ރައްޔިތުންނަށް ހީވީ އީދެއް އައިހެނެވެ. ގޭގައި ބަންދުވެގެން ތިބި ހުރިހާ އެންމެން ނުކުމެ މަގުމަތި ވަނީ ފުރާލާފައެވެ. ޒުވާނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭގޮތުން ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް މަގުމަތިން ފެނެއެވެ. ފުރަބަންދަށް ލުއިތަކެއް ދިނީ ވަކި ޚާއްސަ އުސޫލުތަކެއްގެ ދަށުން ނަމަވެސް އެންމެ ރަގަޅަށް އެ އުސޫލުތަކުގައި ހިފަހައްޓާ މަންޒަރެއް ނުފެނެއެވެ. މިކަމާ ގުޅިގެން އަލުން އަނބުރާ އިހުއޮތްގޮތަށް "ހަރުކަށި" ފުރަބަންދަކަށް ދާންޖެހިދާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ. މި މައްސަލައިގައި ކަމާގުޅުންހުރި ފަރާތްތަކުން ދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެންއީއޯސީން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑރ.އަހުމަދު ޝަހީދު ވިދާޅުވީ ފުރަބަންދަށް ދިން ލުޔާއެކު މަގުމަތީގައި މީހުން ގިނަވާކަން ފާހަގަވާ ކަމަށާއި އަދި ގައިދުރުކަން ނުހިފަހައްޓާ އުޅޭކަން ވެސް ވަރަށް ބޮޑަށް ފާހަގަވާ ކަމަށެވެ. ރެސްޓޯރެންޓުތަކުގައި ވެސް އެގޮތަށް މީހުން އުޅޭ ތަން ފެންނަ ކަމަށެވެ.
ޝަހީދު ވިދާޅުވީ ޚާއްސަ ހުއްދައަކާ ނުލައި ނުކުމެ އުޅެވޭގޮތަށް ދިން ލުޔަކީ ޒަރޫރީ ބޭނުންތަކަށް ދީފައިވާ ލުޔެއް ކަމަށެވެ. އެއީ މަސައްކަތަށް ދިއުމާއި، ވިޔަފާރި ކުރުމާއި، ބޭސްފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ދިއުންފަދަ ކަންކަމަށް ކަމަށާއި ބޭރަށް ނުކުތުން އެދެވިގެން ވަނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެނޫން ގޮތްގޮތަށް މީހުން ބޭރުތެރެއަށް ނުކުމެ އުޅޭތީ ޓެގް ޓީމުގެ ފަރާތުން ޑރ.ޝަހީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"ބައެއް ފަހަރު އާއިލާގެ އެހެން މީހުންނަށް ޒިޔާރަތް ކުރުމަށް ވެސް މީހުން ގޮސް އެބަހަދާ. އަދި ހަވީރު ގަޑީގައި ކުޑަކުދިންނަށް ޚާއްސަ ކޮށްފައިވާ ވަގުތުގައި ވަރަށް ގިނަ އަދަދަކަށް ކުޑަކުދިންނާއި ބެލެނިވެރިން ބޭރަށް ނުކުމެ ހަދާތަން ފެނޭ. ހަގީގަތުގައި މިއީ ރަގަޅު އާދަތަކެއް ނޫން" ޑރ.އަހުމަދު ޝަހީދު ވިދާޅުވިއެވެ.
ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް ވީހާވެސް މަދުން ނުކުތުމަށް ޑރ.ޝަހީދު އިލްތިމާސް ކުރެއްވިއެވެ. އަދި ފަތިސްގަޑި، އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްފައިވާއިރު، އެވަގުތުގެ ބޭނުން ޒުވާނުން ވެސް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. ޝަހީދު ވިދާޅުވީ މިގޮތަށް ވަކި ގަޑިތަކެއް ވަކި ބަޔަކަށް ޚާއްސަކޮށްފައި އޮތީ ރިސްކު ބޮޑު މީހުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ކަމަށެވެ. އެހެންކަމުން އުމުރުން ދުވަސްވީ މީހުންނަށް ކަނޑައަޅާފައިވާ ގަޑީގައި އެހެން މީހުން ކަސްރަތަށް ވެސް ނުކުމެ ނޫޅުމަށް އެދިވަޑައިގަތެވެ.
އޭނަ ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާ ކުޑަވީ ނޫން ކަމަށާއި މުޅި ދުނިޔޭގައި ބަލިޖެހޭ މީހުންގެ ނިސްބަތް އަދިވެސް މައްޗަށްދާކަން ދާދިފަހުން ޑަބްލިޔުއެޗްއޯ އިން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.
ފުރަބަންދަށް ދެވުނު ލުއިތަކާއެކު މީހުންގެ ހަރަކާތްތެރިވުމަށް އައި ބަދަލުގެ ސަބަބުން ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް މިހާރު ދަނީ ދިރާސާއެއް ވެސް ހަދަމުންނެވެ. ރާއްޖެއިން މިހާރު ފެންނަމުންދާ ކޮވިޑް ކޭސްތަކުގައި އެއްކޭސް އަނެއްކޭސްއާ ގުޅުން ނެތް ކޭސްތައް އިތުރުވެ އަނެއްކާވެސް ބަލި އިތުރަށް ފެތުރިދާނެކަމުގެ އަލާމާތްތަކެއް ވަނީ ފެންނަން ފަށާފައެވެ.
އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ ޖުމުލަ އަދަދުތައް ނިސްބަތުން ކުރިއަށްވުރެ ދަށްވެފައިވީނަމަވެސް އެގޮތަށް ދެމިއޮންނާނެ ކަމަށް ޔަގީންކޮށްގެން ތިބެގެން ނުވާނެ ކަމަށެވެ. އެއްކޭސް އަނެއްކޭސްއާ ގުޅުންނެތް ކޭސްތަކެއް ފެނިފައިވާކަން ފާހަގަކުރައްވައި އަފްޒަލް ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ އިންޑިޕެންޑެންޓް ކޭސްތަކާއި ކްލަސްޓައެއް އުފެދޭއިރު އެންމެ ފުރަތަމަ ފެންނަ ކޭސް ކަމަށެވެ.
އަފްޒަލް ވިދާޅުވީ އިންޑިޕެންޑެންޓް ކޭސްތައް ގިނަވާނަމަ އެއީ ކޮމިއުނިޓީ ސްޕްރެޑް އިތުރުވާކަމުގެ އަލާމާތެއް ކަމަށެވެ. އެހެންނަމަވެސް މީގައި ދެކަމަކަށް ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.
“އެއް ކަމަކީ ޕަސެންޓޭޖް އޮފް ނޮން-ލިންކްޑް ކޭސަސް އިތުރުވުމާއި އަދި އެއާއެކުގައި ފެންނަ ކޭސަސްގެ ޖުމުލަ އަދަދު ވެސް އިތުރުވުން. އެދެކަންތައް ވެސް އެއްކޮށް އިތުރުވާ ކަމަށް ވެއްޖެއްޔާ އެއީ ލޮކްޑައުން ދޫކޮށްލެވުމުން މީހުން ހަރަކާތްތެރިވުމުގެ ސަބަބުން ކޭސްތައް އިތުރުވަނީ” ޑރ.އަފްޒަލް ވިދާޅުވިއެވެ.
އެތައް ދުވަހެއް ވަންދެން ބަންދުވެގެން ތިބެން ޖެހުމަކީ އިންސާނުންނަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. ރޯދަމަހާއި ފިތުރު އީދުވެސް މާލޭގައި މީހުން ހޭދަކުރީ ގޭބަންދުގައެވެ. އެހެންކަމުން ކުއްލިއަކަށް ހުޅުވާލެވުމުން "ކޮށިން ނުކުމެ" އުދުހިލަން ބޭނުންވީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ހާލަތުގެ ނާޒުކުކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ފުރަބަންދަށް ލުއިތަކެއް ދިނީ އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށެވެ. އެއްގޮތަކަށް ވެސް އާންމު ހާލަތަކަށް ބަދަލުވެގެނެއް ނޫނެނެވެ. އަނެއްކާވެސް އިހުއޮތް ހަރުކަށި ގޮތްތަކަށް އުޅެންޖެހޭ ހާލަތަކަށް ބަދަލުވެގެން ހިނގައްޖެނަމަ ދަތިވާނީ ވެސް ހަމަ ރައްޔިތުންނަށެވެ. އެހެންކަމުން އެންމެ ބުއްދިވެރި ގޮތަކީ އެޗުޕީއޭއިން އިލްތިމާސް ކުރަމުންދާ ގޮތަށް ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތަށް އުޅުމެވެ. ދެންވެސް ރައްކާވެވެން އޮތީ ހިކުމަތްތެރިކަމާއި ކެތްތެރިކަން އިސްކޮށްކޮށްގެނެވެ. ހަމަހިފަހައްޓައިގެނެވެ.