• Wed, 8 July, 2020, 6:48 pm

    ވާހަކަ: ދަތުރު – 17

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ނިވިދިންލެން ފެށި ބޮކިތައް އެއްފަހަރާ ތަޅައިގެން ދިޔައެވެ. އެވަގުތު މުޅި ގޭތެރެއަށް މުށިތައް ބުރައިގެން ގޮސް މުޅި ތަން އަދިރިވިއެވެ. ތަޅައިގެން ދިޔަ މުށިތަކުން މުށިގަނޑެއް އަހަރެންގެ އުގު މައްޗަށް ވެއްޓިފައި އޮތްކަން އެނގުނެވެ. ދަޑިވަޅު ބަލައި އަހަރެން އެ މުށިގަނޑު ނަގައި އަތުގައި އައްސާފައި އޮތް ހިމަ ރޯނު ކަފާލީމެވެ. އޭރު އަހުސަން އުޅުނީ މުށިތަކުން ޒަހަމްވެފައި އޮތް ފަންޑިތަވެރިޔާއަށް އަވަސް ޝިފާއަށް ދެވޭތޯއެވެ. ވަރަށް ހާލުގައި އުޅެމުން ގޮސް ރޯނު ކަފާލެވުނެވެ. ކަފާލެވުމާއެކު މަޑުމަޑުން އިދެގެން ފައިގައި ބަދެފައި އޮތް ރޯނުގަޑު ވެސް ނައްޓާލީމެވެ. އަދި ވަރަށް ސިއްރު ސިއްރުން ފިރުކެމުން ގޮސް ސޯފާގެ ފަހަތައް ވަދެ ފިލީމެވެ. އޭރުވެސް އަހުސަނަށް އެއިން އެއްވެސް ކަމެއް ރެއަކާ ނުލައެވެ.

    “އަތްދޯއި އަހުސަނޫ!. އަހަރެން މުޅި ގައިގަ މިއޮތީ ހުސް މުށި. ހާދަ ވޭނެއް އެބަ އަޅައޭ.” ފަންޑިތަވެރިޔާ ގޮވަމުން ދިޔައެވެ. އެވަގުތު އަހުސަނަށް އަހަރެން ސޯފާގައި ނެތްކަން އެގުނެވެ. އެގުމާއެކު ފުންމައިގެން ތެދުވެ ވަށާ ހޯދަން ފެށިއެވެ. ” ކޮންތާކަށް އެދިޔައީ؟. މުހައްމަދު! މުހައްމަދު!. ރާޔާއެއް ނެތޭ.” ހާސްވެފައި ހުރެ އަހުސަން ވާހަކަދެއްކިއެވެ. “އޭ ކީކޭ؟ ނެތޭ؟ އެކަމަކު މިއޮއްފަދަ ކަނު އަދިރީގަ ކޮންތާކަށް އެދިޔައީ؟ ހަމަ ޔަގީނުންވެސް ބޭރަކަށް ނުނިކުމެވޭނެ. ޔަގީން އިންނާނީ ފިލާ. ތި ނިކަން ބަލަން ނުހުރެ އަލި ކުރާނެ އެއްޗެއް ހިފައިގެން އާދެބަލަ.” މުހައްމަދު، އަހުސަނާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. އެވަގުތު އަހުސަން މަޑުމަޑުން ހިނގަމުން އައިސް ސޯފާ މަތީގައި އޮތް އޭނާގެ ފޯނު އަތުޖެހޭތޯ ސޯފާގައި އަތް ކާއްތަން ފެށިއެވެ.

    ފޯނު ފެނުމާއެކު، އޭގެ ޓޯޗު ބައްތި އަލިކޮށްލިއެވެ. ބައްތި އަލިކޮށްލުމާއެކު އަހުސަނަށް ފެނުނީ މުހައްމަދާއި ފަސް ވަރަކަށް ފޫޓު ދުރުގައި ބިރުވެރި ސިފައެއްގެ ގައި ހުރި އެއްޗެކެވެ. އަހުސަން ހަޅޭއްލަވައިގަތެވެ. ހީވީ އޭނާއަށް އަލަށް ފެނުނު މަންޒަރެއް ހެންނެވެ. އަހުސަންގެ ހަޅޭކާއެކު، އަހަރެން ސޯފާ މަތިން ބޯދިއްކޮއްލީމެވެ. އަހަރެންނަށް ވެސް އޭތި ފެނުނެވެ. އަހަރެން ވަގުތުން އަނގަމަތީގައި އަތް އެޅީމެވެ. އެވަގުތު މުހައްމަދު އެހާލުގައި އޮވެގެންވެސް ތުންތަޅުވަމުން އެއްޗެހި ތަކެއް ކިޔާ އަޑު އިވުނެވެ. ކުއްލިއަކަށް މުޅި ގޭތެރޭގައި އަލިގުޅަތަކެއް ދުވަންފެށިއެވެ. އަހަރެން އިނީ ބިރުން ވިރިވިރިއެވެ. ހެއްދެވިފަރާތަށް ވަކީލުކޮށްލައިގެން އިނީމެވެ. އޭތި މުހައްމަދާއި ކައިރީ ވަރަކަށް ގޭތެރޭގައި ދުވަމުން ދިޔަ އަލިގުޅަތަކުގެ ދުވެލި ދިޔައީ ގަދަވަމުންނެވެ.

    ބިރުވެރި ސިފައިގައި ހުރި އޭތި، އައިގޮތަށް އައިސް ވެއްޓިފައި އޮތް މުހައްމަދުގެ ކަރުގެ ހިފައި ކޮޅަށް ނެގިއެވެ. އޭރު އަހުސަން ފަހަތަށް ޖެހެމުން ގޮސް ސޯފާ މަތީގައި ކުރުގެޅިގެން ހަދާނެ ގޮތް ނޭންގިފައި އިނެވެ. އޭތި މުހައްމަދުގެ ކަރުގައި ހިފިގޮތަށް ބިމުގައި ފައިނުޖެހޭ ވަރަށް އޭނާ މައްޗަށް ނެގިއެވެ. އޭރު މުހައްމަދު ރޯ މަހެއް ތެޅޭހެން ތެޅެނީއެވެ. މުހައްމަދު، އެހީއަށް އެދި އަހުސަނަށް ގޮވިއެވެ. ނަމަވެސް އަހުސަން އިނީ ބިރުން އިންތަނުން ގުޑިލާންވެސް ނޭންގިފައެވެ. އޭތި މުހައްމަދު މައްޗަށް ނެގުމަށްފަހުގައި އަހަރެން ފިލައި އިން ދިމާލުން ފާރަށް މުހައްމަދު ކޮއްޕާލިއެވެ. އެވަގުތު އަހަރެން ހަޅޭއްލަވަމުން ފުންމައިގެން ތެދުވީމެވެ. އެވަގުތު އަހުސަންވެސް ހަޅޭއްލަވައިގަތެވެ. އަހަރެން ހަޅޭއްލަވަމުން އެޕާޓްމަންޓުން ނިކުންނަން ހުރި ދޮރާއި ދިމާލަށް ދުއްވައިގަތީމެވެ. ނަމަވެސް ދޮރު ހުޅުވަން އުޅެއުޅެ ދޮރެއް ނުހުޅުވުނެވެ. ހަމަ އެހިނދު ގޭތެރޭގައި ދުވަމުން ދިޔަ އަލި ގުޅަތައް ގެއްލުނެވެ. އަދި ގޭތެރެ ދިއްލުނެވެ. އޭރު ކުރިން ތެޅުނު ހުރިހާ ބޮތްކެއްވެސް ހުރީ ހަމައަށް ސީލިންގުގައެވެ. އެއްވެސް ބޮތްކެއްގައި ކޫރުމެއްހާ ހިސާބުވެސް ނެތެވެ.

    ގޭތެރެ ދިއްލުމާއެކު، އޭތިވެސް ގެއްލުނެވެ. އަހުސަން އަވަސްވެގަތީ އަހަރެން ހުރި ގޮތަކަށް ބެހެއްޓުމަށްފަހުގައި މުހައްމަދު ކައިރިއަށް ދިއުމަށެވެ. އޭނާ މުހައްމަދު އަތްދަނޑިމައްޗަށް ނަގައިގެން ގެނެސް ސޯފާގައި ބޭއްވިއެވެ. އޭރު މުހައްމުގެ މުޅިގައިގައި ހުރީ ލޭކޮށިފައެވެ. ކަރުގައި އިންސާނެއްގެ އަތުގެ ނިޝާން ހުއްޓެވެ. އަހުސަން އޭނާ ނޭވާލާތޯ އެތައް ގޮތަކުން ޗެކުކުރިއެވެ. މުހައްމަދުގެ އެއްވެސް ހަރަކާތެއް ނެތްކަން އެނގުމުން އަހުސަން ހުރި ތަނަށް ވެއްޓުނެވެ. އޭރުވެސް އަހަރެން ހުރީ ދޮރުކައިރީގައެވެ. އަހަރެން ވަގުތު ބަލާފައި ދުވެފައި ބަދިގެއަށް ވަދެ ވަޅިއެއް ނެގީމެވެ. އަހަރެން ބަދިގެއިން ވަޅި ހިފައިގެން ނިކުންނަތަން ފެނުމާއެކު އަހުސަން ފަހަތައް ޖެހެން ފެށިއެވެ.

    “އަހަރެން މިއުޅެނީ ކަލޭ މަރާލާކަށް ނޫން. އަހަރެންނަށް ރަނގަޅީ ކަލެއަށް ލިބެންޖެހޭ އަދަބު ލިބޭ ފަހުން ކަލޭގެ މަރު ގެންދެވިއްޔާ!. އަހަރެން މި ތަނުން ނިކުމެގެން ދިޔަ ނުދީފިއްޔާ މިވަޅީގަ ހުރި ވަރު ދައްކާލަން ޖެހިދާނެ. މަރުވެފައި އޮތް މީހާއާއި ކަލޭ ހަވާލު.” އަހަރެން އަހުސަނަށް ބިރުދެއްކީ އޭނާ ބިރުގަންނާނެ ކަމަކަށްވެސް ނޫނެވެ. ނަމަވެސް އަހުސަނަކީ ފިނޑި މީހެއްކަން އެނގުނީ، އަހަރެން އެތަނުން ނިކުމެގެން ދިޔައިރުވެސް އިންތާ ގަބުކައިފައި އޭނާ އިނީމައެވެ.

    ގެއަށް ވަދެ އެނދުމަތީގައި ހަމަޖެހިލާފައި، އެ ގޭތެރޭގައި ވީ ހުރިހާ ކަމަކާއި މެދު ވިސްނާލީމެވެ. އަހަރެން ކުއްލިއަކަށް، ހަނދާންވީ މިކަންތައް ގަނޑުގެ ތެރޭގައި އަހަރެންނަށް ދިމާވި މުއުމިނު ޖިންނި މަތިންނެވެ. އަހަރެން ހަނދާންވީ އިދުރީސްބެ ބުނި ވާހަކައެވެ. މިކަމުގައި އަހަރެންނަށް އެހީތެރިވެދޭ މުއުމިނު ޖިންނިއެއް އުޅޭ ވާހަކައެވެ. އެހާ ހިސާބުން އަހަރެންނަށް ވިސްނުނީ، ކޮންމެ ފަހަރަކު އަހަރެން ސަލާމަތްކޮށްދެނީ އެ ޖިންނި ކަމެވެ. ވެފައި ހުރި ވަރުބަލިކަމާއެކު، ނިދާލެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ހިނގާދިޔަ ކަންކަމާއި މެދު ވިސްނެންފެށިއެވެ. ހީވީ ހަމަ ދެންމެދެންމެ އަހުސަން އަނެއްކާވެސް އައިސްދާނެ ހެންނެވެ.

    މި ހިޔާލުތަކުގެ ތެރޭގައި ފުރޮޅި އޮއްވާ އަހަރެންނަށް ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭންގެއެވެ. ހޭލެވުނު އިރު ދުވާލުގެ އިރު އަރާފައި ހުރިކަން އެގެއެވެ. ވަރަށް ކަންނެތް ގޮތަކަށް ފިރުކެމުން ގޮސް އަތް ދަބަސް ތެރޭގައި އޮތް ފޯނު ހުޅުވާ ބަލާލީމެވެ. ރަހީފް ވަރަށް ގިނަ ފަހަރު އަހަރެންނަށް ގުޅާފައި އޮތެވެ. އަހަރެން އަވަސް އަވަހަށް އޭނާގެ ނަންބަރު ޑައިލްކޮށްލުމަށްފަހު އޭނާއަށް ގުޅީމެވެ. ދެފަހަރަކު ރިންގުވިތަނާ ރަހީފް ފޯނުނެގިއެވެ. އޭނާ ހުރީ ހާސްވެ ގޮތް ހުސްވެފައެވެ. އަހަރެން ކަންކަން ހިނގާ ދިޔަ ގޮތް ރަހީފަށް އޮޅުންފިލުވައިދިނީމެވެ. އޭނާ އަހަރެންނާއި ވަރަށް ގިނަ ސުވާލުކުރިއެވެ. އަދި އަހަރެން ގާތު ވަގުތުން ފުރައިގެން ރަށަށް އައުމަށް އެދުނެވެ. ނަމަވެސް އަހަރެން ދެކޮޅު ހެދީމެވެ. އަހަރެންގެ މަގުސަދު ހާސިލް ވުމުން ނޫނީ ނުދާނެ ކަމަށް އަހަރެން ބުނީމެވެ.

    ގާތްގަނޑަކަށް ދެގަޑިއިރު ފޯނުން ވާހަކަދައްކައިގެން އަހަރެން ރަހީފް ހަމައަކަށް އެޅުވީމެވެ. ރަހީފް އެދުނީ، އަހަރެންނަށް ރަށަށް ނުދެވޭނަމަ އޭނާ އަހަރެންގެ ގާތަށް އައުމުގެ ހުއްދަ ދިނުމަށެވެ. ނަމަވެސް އަހުސަން، ރަހީފަށް ވެސް ގެއްލުމެއް ދޭން މަސައްކަތްކޮށްފާނެ ކަމަށް ވިސްނައި އަހަރެން އެކަމަށް އިންކާރުކުރީމެވެ. ފޯނު ބޭއްވުމަށްފަހު، އެދުން ތެވުގެން ގޮސް ފާހާނާއަށް ވަނީމެވެ. ފާހާނާއަށްވަދެ ފެންވަރާލައިގެން އައިސް ކޮފީ ތައްޓެއް ގިރައިގެން ކޮޓަރީގައި ހުރި ޓީވީ ހުޅުވާލީމެވެ. އަހަރެންގެ ސިކުނޑި ހުރީ ވަރުބަލިވެފައެވެ. ވުމާއެކު ހިޔާލުތަކުން ބަރުވެފައިވާ ސިކުނޑިއަށް ލުއެއް ހޯދުމަށްޓަކައި ޓީވީ ރިމޯޓުގެ އެކި ފިއްތަކަށް ފިއްތަން ފެށީމެވެ. ރިމޯޓުގެ ފިއްތަކަށް ފިއްތަން އިންދާ އަޑެއް ކިޔާފައި ޓީވީ ނިވުނެވެ.

    އަނެއްކާވެސް ކަމެއް ދިވާމާން އުޅޭކަމުގެ އިހުސާސެއް ކުރެވެން ފެށިއެވެ. އަހަރެން އެނދުމަތީގައި ދެފައި ވަށްކޮއްލައިގެން ހަމަޖެހިލާފައި އިށީނީމެވެ. އަދި ވަށައިގެން ހޯދާ ބަލާލީމެވެ. ޓީވީއަށް ކަރަންޓުވެސް ލިބެއެވެ. ވީއިރު ޓީވީ ކުއްލިއަކަށް ނިވޭނީ އާދަޔާ ހިލާފު ކަމެއް ވާން އުޅޭތީކަން އަހަރެންނަށް އެގުނެވެ. އިރުކޮޅަކު ނޭވާ ހިފަހައްޓާލައިގެން އެގޮތުގައި އިނީމެވެ. އެހެން އިންދާ ފާހާނާ ތެރެއިން މީހަކު އަހަރެންގެ ނަން ގޮވިއަޑު އިވުނެވެ. އަހަރެން ސިހިފައި އެ ދިމާލަށް ބަލައިލީމެވެ. އަނެއްކާވެސް ގޮވާލި އަޑު އިވުނެވެ. އަހަރެން މަޑުމަޑުން އެދުން ތެދުވެގެން ފާހާނާއާއި ދިމާލަށް ދިޔައީމެވެ. ދެންވެސް އަހަރެންގެ ނަން ގޮވާލި އަޑު އިވުނެވެ.

    މަޑުމަޑުން ހިނގާފައި ގޮސް ފާހާނާގެ ދޮރު ކައިރީ މަޑުކޮށްލީމެވެ. އަދި ބޯ އަރިކޮށްލާފައި ފާހާނާ ބަލާލި ވަގުތު ކުއްލިއަކަށް ޓީވީ ހުޅުވުނުވެ. އަހަރެންނަށް ސިހިފައި ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް ޓީވީން އެވަގުތު ދައްކަމުން ދިޔަ ހަބަރާއެކު، އަހަރެން ދުވެފައި ގޮސް ރިމޯޓު ނެގީމެވެ. އަދި ޓީވީ އަޑު ބާރުކޮށްލީމެވެ. އަހަރެންނަށް ފެނުނު ހަބަރު ގަބޫލުކުރަންވެސް ދަތިވިއެވެ. އަހަރެން މިއޮތްހާ ދުވަހު ކެނޑިނޭޅި ކުރަމުން އައި މަސައްކަތުގައި ހެއްދެވި ފަރާތުން ބަރަކާތްލެއްވި ކަމުގެ އިހުސާސް ކުރެވުނެވެ. އަދި އާއިލާއަށް އިންސާފު ލިބޭނެ އަލި މަގެއް ފެނުނީ ކަމުގައި އަހަރެން ނިންމީމެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.