• Sun, 12 July, 2020, 5:39 pm

  ޖިންސީގޯނާގެ މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

  މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

  މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ މައްސަލައެކެވެ.

  މެންބަރު ނަޝީދު ހުށަހެޅުއްވި މައްސަލާގައި ވަނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ޖިންސީގޯނާ ކުރި މައްސަލައެއްގައި، ކުށުގެ ތުހުމަތުކުރެވޭ ދެމީހަކު ކުށުގެ ވެށިން ހައްޔަރުކޮށް، ހިނގައިދިޔަ ކަންކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން މި މައްސަލާގައި ޖިންސީގޯނާ ލިބުނު ފަރާތުގެ ހައްގުތަކަށް އުނިކަމެއް އައިސްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

  މި މައްސަލަ ތަހުގީގުކުރުމުގައި ސިޔާސީގޮތުން ބާރުވެރި ފަރާތްތަތަކެއްގެ ނުފޫޒު ފޯރަމުންދާތީ، މިނިވަންކަމާއެކު މި މައްސަލަ ތަހުގީގު ކުރެވިދާނެ ކަމަށް ނުބެެލެވޭ ކަމަށް ވެސް މައްސަލާގައި ފާހަގަކޮށްފައި ވެއެވެ. އަދި މިފަދަ ކަންކަން ތަކުރާރުވަމުން އަންނަނީ މިކަމުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ބޮޑެތި އިހުމާލުތަކެއްވެސް އޮވެގެން ކަމަށް މިކަމާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލާގައި ބުނެފައި ވެއެވެ.

  “މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާރުން މިހާރަށްވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ފެންނާތީ މިކަމުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ސަރުކާރައި ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ހުށަހަޅާ މައްސަލައެއް” މެންބަރު ނަޝީދު ހުށަހެޅުއްވި މައްސަލާގައި ފާހަގަކޮށްފައި ވެެއެވެ.

  ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ. މައްސަލަ ބަލައިގަތުމަށްފަހު މެންބަރުން ވަނީ ބަހުސް ފައްޓަވާފައެވެ.

  ޖިންސީގޯނާގެ މި މައްސަލައިގެ ތުހުމަތުގައި އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެނަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ހައްޔަރުކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ހައްޔަރުކޮށްފައި ބެއިތިއްބޭނެ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެ ކޯޓަށް ވެސް ނުގެންގޮސް އެމީހުން ދޫކޮށްލި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ ފުލުހުންނަން ބޮޑެތި ތުހުމަތުތަކަކާއި ފާޑުކިޔުންތަކެއް ދަނީ އަމާޒުކުރެވެމުންނެވެ. ނަމަވެސް ފުލުހުންގެ ފަރާތުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެއްވެސް ނުފޫޒެއް ނެތި މައްސަލަ ތަހުގީގުކުރާނެ ކަމަށް ބުނެފައެވެ.

  މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ބަލަން ނިންމާފައިވާއިރު، ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ މައްސަލަ ބަލަން ފަށާފައެވެ.

   

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.