• Sun, 12 July, 2020, 5:13 pm

  ދެ މީހުން ދޫކޮށްލީ މެމްބަރެއްގެ ނުފޫޒުން ކަމަށް ނުދެކުމަށް ނަޝީދު އެދިވަޑައިގެންފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ ދެ މީހުން ދޫކޮށްލީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ނުފޫޒުން ކަމަށް އެއްވެސް ރައްޔިތަކު ނުދެކުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

  ހުކުރު ދުވަހުގެ ރޭ ފަތިހު ފަހެއް ޖަހަން އުޅެނިކޮށް ފުލުހުންނަށް ރިޕޯޓުކުރި މި މައްސަލައިގައި ޖިންސީ ގޯނާކޮށްފައިވަނީ ކެންޔާގެ އަންހެނަކަށެވެ. އެ މައްސަލައިގެ ތުހުމަތަށް އުމުރުން 39 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރި ނަމަވެސް ފުލުހުން ވަނީ އެ ދެ މީހުން އިއްޔެ ދޫކޮށްލައިފައެވެ. ސަބަބެއް ކަމަށް ބުނީ، ތަހުގީގަށް ހައްޔަރު ކޮށްފައި ބޭތިއްބޭނެ އިތުރު ސަބަބެއް ނެތުމުން ކަމަށެވެ.

  އެކަމުގައި ސިޔާސީ ފަރާތްތަކެއްގެ ނުފޫޒު އޮތް ކަމަށް ބުނެ ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު އެކަމާ ގުޅިގެން މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ވެސް މިއަދު ހުށަހަޅައިފައެވެ. ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި އެ މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ތުހުމަތުވާ ދެ މީހުން ދޫކޮށްލީ މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާތީ ކަމަށް ވާދަވެރި ޕާޓީތަކުން ތުހުމަތު ކުރަމުން އަންނަ ކަމަށެވެ.

  ނަމަވެސް އެ މީހުން ދޫކޮށްލީ ބަންދުގައި ބައިތިއްބަން ފުލުހުންނަށް ނުފެންނާތީ ކަމުން، އެކަމުގައި މެމްބަރެއްގެ ނުފޫޒެއް އޮޮތް ކަމަށް ރައްޔިތުން ނުދެކުމަށް ނަޝީދު އެދިވަޑައިގަތެވެ. އަދި ޖިންސީ ގޯނާ އާއި ގެވެށި އަނިޔާ އަދި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ތަހުގީގުތަކުގައި މެމްބަރުން އެއްވެސް މުއައްސަސާއެއްގެ ވެރިޔަކަށްވެސް އަދި ކަމަކާ ހަވާލުވެ ހުރި މީހަކަށް ނުފޫޒު ފޯރުވައި ނުވަތަ މައުލޫމާތު ހޯދަން މެމްބަރުން މަސައްކަތް ނުކުރުމަށް ވެސް ރައީސް ނަޝީދު އެދިވަޑައިގަތެވެ.

  “މި މަޖިލީހުގެ މެމްބަރެއްގެ ބާރާއި ނުފޫޒުން ހައްޔަރުގައި ނެތުން ކަމަށް އެއްގޮތަކަށް ވެސް އެއްވެސް ރައްޔިތަކު ދެކެވަޑައިނުގަތުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން،” ރައީސް ނަޝީދު ވިދާޅުވިއެވެ.

  ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރަނީ ކޮން މެންބަރަކަށް ކަމެއް އެމަނިކުފާނު ވިދާޅެއްނުވެއެވެ.

  ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށްފަހު ދޫކޮށްލި މައްސަލަ މަޖިލީހުުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވެސް ބަލަން ވަނީ ނިންމައިފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ފުލުހުންގެ އިންޓަގްރިޓީ ކޮމިޝަނުން ވެސް އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.