• Sun, 12 July, 2020, 6:16 pm

    ބީއެމްއެލްގެ އެހީއާއެކު ކުމުންދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ  “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު” ގެ ދަށުން ހދ. ކުމުންދޫގެ ބައެއް މަގުބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފިއެެވެ.

    ބީއެމްއެލް އިން ބުނީ ކޮމިއުނިޓީ ފަންޑުގެ ދަށުން، ކުމުންދޫގައި އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގެ ބޮޑުމަގުގެ ބައްތިތައް އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

    ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކަށް ބޭންކުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށާއި މި ޕްރޮޖެކްޓަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގުނު ތަފާތު ޕްރޮޖެކްޓެއް ކަމަށެވެ. ޕްރޮޖެކްޓްގެ ސަބަބުން ކުމުންދޫގެ ކަރަންޓް ގްރިޑަށް ލޯޑް ކުޑަވެ، ކަރަންޓަށް ކުރާ ހޭދައަށް ލުޔެއް ލިބިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

    “ކައުންސިލުން އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވާ ގޮތުގައި ކަރަންޓް ލޯޑްކުޑަކުރުމަށް ވަރަށް ގިނައިން މަގުބައްތިތައް ނިއްވާލަންޖެހި އެކަމުގެ ދަތި އުނދަގޫތައް ރައްޔިތުން ތަހައްމަލްކުރަން ޖެހޭ. އަޅުގަނޑުމެންގެ އުއްމީދަކީ މި ޕްރޮޖެކްޓާއެކު މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބި ރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެން ދިޔުން” ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

    މި ޕްރޮޖެކްޓް ކާމިޔާބު ކުރެއްވި އަމީން މުހައްމަދު ވިދާޅުވީ އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހޭލުންތެރިކުރުވާ އަދި އިތުބާރު އުފެއްދުން ކަމަށެވެ. ބައެއް ފަހަރު އިންޖީނުގެއަށް ލޯޑުކުޑަކުރުމަށް ކަރަންޓު ކަނޑާލެވޭ ވަގުތުތަކުގައިވެސް އެ ރަށުގެ މަގުތަކަކީ އެންމެނަށް އަމާން ތަނަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

    “މިހާރު ކުމުންދޫގެ އާންމު ތަންތަނަށް ކަރަންޓު ދިނުމަށް ހޭދަކުރާ މިންވަރުން %20 ކުޑަވެގެން ދާނެ ކަމަށް ގަބޫލްކުރެވޭ. މިހާ ފުރިހަމަ ކަމާއެކު މި ޕްރޮޖެކްޓް ނިންމާލުމަށް ބީއެމްއެލް އިން ވެދެއްވި މާލީ އެހީތެރިކަމަށާއި މި ރަށުގެ ރައްޔިތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް އަޅުގަނޑު ޝުކުރު ދަންނަވަން” އަމީން މުހައްމަދު ވިދާޅުވިއެވެ.

    އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރަށް ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެއެވެ. ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.