• Wed, 8 July, 2020, 7:00 pm
    ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގެ ތެެއިން

    އަނިޔާ ލިބުނު މީހާގެ ބަސް ހޯދައި ތަހުގީގުކުރާ ފުލުހުން ކޮމިޓީއަށް ހާޒިރުކުރަނީ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލާގައި އަނިޔާ ލިބުނު މީހާގެ ބަސް ހޯދައި މައްސަލަ ތަހުގީގުކުރަމުންދާ ފުލުހުން ކޮމިޓީއަށް ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.

    އެ ކޮމިޓީން މި މައްސަަލަ ބެލުމަށް ނިންމައި މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ވަނީ ފުޅާ ދާއިރާއެއްގައި މިކަމާ މަޝްވަރާ ކުރައްވާފައެވެ. މައިގަނޑު ގޮތެއްގައި މެންބަރުން ވިދާޅުވީ ކޮމިޓީން މައްސަލަ ދިރާސާކުރުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ކަމާގުޅޭ މައުލޫމާތު ހޯދަންޖެހޭ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މައްސަލައިގެ ސީންއަށް ހާޒިރުވި ފުލުހުންނާއި އަނިޔާ ލިބުނު ކަމަށް ބުނާ މީހާގެ ބަސް ހޯދުމުގެ މުހިންމުކަން މެންބަރުން ފާހަގަކުރެއްވިއެވެ.

    މެންބަރުންގެ ވާހަކަތަކަށް ރިއާޔަތްކުރައްވައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވައިގެން ފަސް ކަމެއް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކަންހިނގި ތަނަށް ދިޔަ ފުލުސް އޮފިސަރުންނާއި، ސްޓޭޝަން އިންޗާޖާއި ތަހުގީގުގައި އިސްކޮށް އުޅޭ އޮފިސަރުން ހާޒިރުކުރުމަށް މާދަމާ ކޮމިޓީގެ ދެ ބައްދަލުވުމެއް ބޭއްވުމަށާއި، އަނިޔާ ލިބުނު މީހާ އިއުތިރާޒު ނުކުރާނަމަ އޭނަގެ ބަހެއް ހޯދުމަށް ކޮމިޓީއަށް ގެނައުމާއި، އެމީހާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޖެންޑާ މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު މިނިސްޓްރީން ހޯދުން ހިމެނެއެވެ.

    މީގެ އިތުރަށް ކޮމިޓީން ނިންމާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފުލުހުންގެ ތަހުގީގު ގާތުން ބަލައި ޕީޖީގެ މަސައްކަތުގެ މައުލޫމާތު ކޮމިޓީއަށް ފޮނުވަން ޕީޖީ އޮފީހަށް ސިޓީއަކުން އެންގުމާއި، މި މައްސަލައާ ގުޅޭގޮތުން މީޑިއާގައި ޚަބަރު ފަތުރާއިރު އަނިޔާ ލިބުނު މީހާއަށް އިތުރު ގެއްލުމެއް ނުވާ ގޮތަށް، ތެދު މައުލޫމާތު މީޑިއާއިން ފަތުރާކަން ކަށަވަރުކުރުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް އެންގުމެވެ.

    މި މައްސަލާގައި އަނިޔާ ލިބުނު އަންހެންމީހާއާ ހަވާލާދީ ބައެއް ނޫސްތަކުން އެކި ކަހަލަ ވާހަކަތައް ގެނެސްދީފައި ވީނަމަވެސް އެމީހާ އެއްވެސް މިޑިއާއަކަށް އިންޓަވިއު ދީފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

    ޖިންސީގޯނާގެ މި މައްސަލައިގެ ތުހުމަތުގައި އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެނަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ހައްޔަރުކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ހައްޔަރުކޮށްފައި ބެއިތިއްބޭނެ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެ ކޯޓަށް ވެސް ނުގެންގޮސް އެމީހުން ދޫކޮށްލި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ ފުލުހުންނަން ބޮޑެތި ތުހުމަތުތަކަކާއި ފާޑުކިޔުންތަކެއް ދަނީ އަމާޒުކުރެވެމުންނެވެ. ނަމަވެސް ފުލުހުންގެ ފަރާތުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެއްވެސް ނުފޫޒެއް ނެތި މައްސަލަ ތަހުގީގުކުރާނެ ކަމަށް ބުނެފައެވެ.

     

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.