• Sat, 15 August, 2020, 2:54 pm
  ކުރީ ސަރުކާރުގައި ހުޅުމާލޭގައި ހަދަން ނިންމި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ މޮޑެލް ---

  ދެކޮޅު ޖެހޭނެ ގޮތަކަށް ފިނޭންސް އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދަން މަޝްވަރާ ކުރަނީ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ކުރީ ސަރުކާރުގައި ހުޅުމާލޭގައި ހަދަން ނިންމި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދަން އެ މަސައްކަތް ހަވާލުކޮށްފައިވާ މެލޭޝިއާގެ ޑަބްލައިޒެޑްއާރު ޕްރޮޕަޓީއާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

  ގާތްގަނޑަކަށް 122 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ހޭދަކޮށްގެން “ޔޫ ބިލްޑިންގް”ގެ ނަމުގައި ފިނޭންސްގެ އާ އިމާރާތް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަވާލުކުރީ މާޗް 2016 ގައެވެ. އެ އިމާރާތް ހަދަން އެއްބަސްވީ ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައެވެ. އެ ފައިސާ ސަރުކާރުން ދައްކާ ގޮތަށް އޮތީ ތިން އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 20 އަހަރު ދުވަހުގެ ތެރޭގައެވެ.

  ނަމަވެސް ޑަބްލިއުޒެޑްއާރުން ކުރި މަސައްކަތްތައް ލިބެންޖެހޭ ފައިސާ ނުލިބޭތީ 2018 ވަނަ އަހަރު އެ މަޝްރޫއުގެ މަސައްކަތް މެދުކެނޑުނެވެ. އަދި އެ މައްސަލައިގައި އެ ކުންފުނިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ހޯދުމަށް އާބިޓްރޭޝަނަށް ހުށަހެޅިއެވެ.

  އެ މައްސަލައިގައި މިމަހުގެ ފަސް ވަނަ ދުވަހު އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ)އިން ނިންމި ނިންމުމުގައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހު ޑަބްލިއުޒެޑްއާރު ޕްރޮޕަޓީން ކޮށްފައިވާ އިންވޮއިސް އަކަށް މިހާތަނަށް ވެސް ފައިސާ ލިބިފައި ނުވާ ކަމަށާއި މިހާރުގެ އެކްސްޗޭންޖް ރޭޓުން ބަލާ ނަމަ 22,823,432.68 ޑޮލަރު ދައްކަންޖެހޭ ކަމަށެވެ. އަދި މި ފައިސާ އެޗްޑީސީން ހަތް ދުވަސް ތެރޭގައި ދައްކަން ވަނީ އަންގައިފައެވެ.

  އެކަމާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ އިމާރާތުގެ މަސައްކަތް މިދިޔަ ސަރުކާރުން ހުޅުމާލެއަށް ބަދަލުކުރަން ނިންމުމާ ގުޅިގެން ނޮވޭޝަން އެއްބަސްވުމެއްގެ ދަށުން ފިނޭންސް މިނިސްޓްރީގެ މައްޗަށްވާ ހުރިހާ އިލްތިޒާމްތައް މާޗް 2017 ގައި އެ ކޯޕަރޭޝަނަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

  ނަމަވެސް އިލްތިޒާމުތައް އެޗްޑީސީއަށް ބަދަލުކުރިއިރު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ އެ ކޯޕަރޭޝަނަށް ހަމަޖެހިފައި ނުވާއިރު މަޝްރޫއު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމާ ގުޅިގެން މަޝްރޫއުގެ އަގު 155 މިލިއަން ޑޮލަރަށް ބޮޑުވެގެން ދިޔަ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

  އެޗްޑީސީން ބުނީ، އެ މަޝްރޫއަކީ އެ ކޯޕަރޭޝަންގެ ބިޒްނަސް ޕްލޭނުގެ ބޭރުން އެ ދަނޑިވަޅުގައި ކުއްލި ގޮތަކަށް ކުރަންޖެހުނު ކަމަކަށްވެފައި، މަޝްރޫއުގެ އަގު ބޮޑުވެގެން ދިއުމަކީ އެ ކޯޕަރޭޝަންގެ ބެލެންސް ޝީޓަށް އިތުރުވާނެ ބިޔަ ބޮޑު ލޯނަކަށް ވުމާއެކު ފީސިބިލިޓީއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ.

  އެ ކޯޕަރޭޝަނުން އިތުރަށް ބުނީ، މި މައްސަލަ އާބިޓްރޭޝަން ސެންޓަރުން ދިރާސާ ކުރުމަށްފަހު މެލޭޝިއާގެ ޑަބްލައިޒެޑްއާރު ކޮށްފައިވާ މަސައްކަތްތަކަށް ޖެހޭ އަގެއްގެ ގޮތުގައި 22.8 މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅައި، މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި ދައްކަން ނިންމާފައިވަނީ ރަނގަޅު އަގު ކަމަށެވެ.

  ނަމަވެސް ޑަބްލައިޒެޑްއާރާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަކީ އެންމެ އެކަށީގެންވާ ކަމަކަށް ނުފެންނާތީ އިއާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމަކުން ކޯޕަރޭޝަން ސަލާމަތްކޮށް، އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެއެވެ.

  "މި މަޝްރޫއު ދެކޮޅު ޖެހޭނެ ފަދަ ގޮތަކަށް ސްކޯޕަށް ބަދަލުތަކެއް ގެނައުމުގެ އިތުރުން، ސަރުކާރާއި މި ކޯޕަރޭޝަނަށް ގެއްލުން ނުވާފަދަ އެކަށީގެންވާ ފައިނޭންޝިއަލް ޓާމްސްއާއެކު މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ކަނަކްނ ކޮންޓްރެކްޓަރާއެކު މަޝްވަރާ ކުރެވެމުންދާކަމުގައި ވެސް ދަންނަވަމެވެ،" އެޗްޑީސީގެ ބަޔާނުގައިވެއެވެ.

  އެޗްޑީސީން އިތުރަށް ބުނީ، އާބިޓްރޭޝަން ސެންޓަރުން ނިންމި ނިންމުމާ ގުޅިގެން އެ ކޯޕަރޭޝަނުން އެ މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.