• Sat, 15 August, 2020, 4:09 pm
    ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އަލީ ވަހީދު ---

    ޖޭޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ގާސިމް، އަލީ ވަހީދަށް އަންގަވައިފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އަލީ ވަހީދަށް އަންގައިފި އެވެ.

    ގާސިމް މިހެން އަންގަވާފައިވަނީ، ޖޭޕީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރަން ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް ގާސިމްގެ އެންގެވުމާ އެއްގޮތަށް އަލީ ވަހީދު އަދި އިސްތިއުފާ ދެއްވާފައެއް ނުވެ އެވެ.

    އަލީ ވަހީދު، މިއަދު ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވެސް ވަކިކޮށްފަ އެވެ. އޭނާ އެ މަގާމުން ވަކިކުރީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ދެއްވާފައި ނުވާތީ އެވެ.

    ޖޭޕީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރަން އެ ޕާޓީގެ ކައުންސިލް މެންބަރަކު ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބުނެފައިވަނީ، އަލީ ވަހީދު މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ރައީސުލްޖުމުހޫރިއްޔާ އަންގާފައިވުމާއި އަދި އެމަގާމުން އޭނާ އިސްތިއުފާދެއްވާފައި ވުމާއެކު ޖުމުހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމުން ވަކިކުރުމަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ހުށަހަޅާ ކުއްލި މައްސަލައެއް ކަމަށެވެ.

    އެ މައްސަލަ ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ، ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ކައުންސިލް މެންބަރު އަދި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭގޮތުން އަހުލާގީ މިންގަނޑުން ބޭރުވެ ބޭއަދަބީ ބަސްތައް ބޭނުންކޮށް ފުރައްސާރަ ކޮށްފައިވާ އޯޑިއޯތަކެއް ލީކުވެފައިވާއިރު ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުން ކަމަށެވެ. އަދި އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އެންގެވި އެންގެވުމަކީ އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީގޯނާގެ ސީރިއަސް ތުހުމަތެއް ކަމަށް ބައްލަވާ އޭނާ މިނިސްޓަރުކަމުން ވަކި ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަށް މަޖުބޫރުވުމެވެ.

    “އެފަދަ މީހަކު މިފަދަ ސިޔާސީ ޕާޓީއެއްގެ ރައީސްކަމުގެ ބެހެއްޓުމަކީ މިޕާޓީގެ މައިގަނޑު މަގުސަދާއި ހިލާފު ވެ މިޕާޓީއާ މެދު މީހުން ދެކޭ ގޮތް ބަދަލުވެ ޕާޓީއަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ފެންނާތީ، ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމުން އަލީ ވަހީދު ވަކިކުރުމާއި މެދު ގޮތެއް ނިންމުމަށް އެދި ޖޭޕީގެ ކައުންސިލަށް މިމައްސަލަ ކުއްލި މައްސަލަ އެއްގެ ގޮތުގައި ހުށަހަޅަމެވެ.” އަލީ ވަހީދު ޖޭޕީގެ ރައީސް ކަމުގެ މަގާމުން ވަކިކުރަން ހުށަހެޅި ލިޔުމުގައިވެ އެވެ.

    "ހަފްތާ" އަށް އެނގިފައިވާ ގޮތުގައި، ރައީސް އެ ނިންމުން ނިންމެވީ އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމުގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން އިއްޔެގެ ވަގުތެއްގައި އެމަނިކުފާނާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކުރައްވައި ހިއްސާ ކުރެއްވުމުންނެވެ.

    އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެ އެކަން ހުށަހަޅާފައިވާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ އަދަދު 12 އަށް އަރާ ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތުދެއެވެ. މި މައްސަލަތައް މުވައްޒަފުންނަށް ކުރިމަތިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އޭގެ ތެރެއިން ބައެއް މުވައްޒަފުންނަށް އޮފީސް މާހައުލުގެ ބޭރުން، ރިސޯޓްތަކުގައި ވެސް އަލީ ވަހީދުގެ ފުށުން ޖިންސީ ގޯނާގެ އަމަލުތަކާ ކުރިމަތިލާން ޖެހުނު ކަމަށްވެއެވެ.

    އެ މައްސަލައާ ގުޅިގެން ފުލުހުން ރޭ ބުނީ، ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.