• Mon, 10 August, 2020, 11:28 pm

  ނިއުމަތްތައް ބީވެދަނީ ނިއުމަތް ދެއްވި ފަރާތް އޮޅި އެ ފަރާތަށް ޝުކުރުވެރި ނުވުމުންނެވެ!

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ﷲ އަށް ތަގުވާވެރިވުމުގައި އެކަލާނގެ ނިއުމަތްތަކަށް ސިއްރާއި ފާޅުގައި ޝުކުރުވެރިވުން ހިމެނެއެވެ. އެ ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ އަމަންއަމާންކަމާއި ހަމަޖެހުމުގެ އަސާސެވެ. އެއީ ﷲގެ ރުހިވޮޑިގަތުމާއި ﷲގެ ރިޒްގު ތަނަވަސްވުމުގެ ސަބަބެކެވެ. އެކަލާނގެ ދެއްވާ ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ އެ ނިއުމަތްތައް ދެމި އޮންނާނެކަމުގެ ޖާމިނުވުމެކެވެ. އެކަލާނގެ ކޯފާއިން ސަލާމަތްކޮށްދެއްވާނެ ކެމެކެވެ. އަދި ނިއުމަތަށް ޝުކުރުވެރިނުވުމަކީ ނިއުމަތް ނެތި ހިނގައިދޭނ ކަމެކެވެ. ތަނަވަސްކަން ދަތިކަމަށް ބަދަލުވެ ކުރައްވާނެ ކަމެކެވެ. ފާގަތިކަން ތަދުމަޑުކަމަށް ބަދަލު ކުރައްވާނެ ކަމެކެވެ.

  މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

  "އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ މިސާލުން، ﷲ މިސާލެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް ރިޒުގު އާދެތެވެ. ދެން ﷲ ގެ ނިއުމަތް ތަކަށް އެރަށުގެ މީހުން ކާފިރުވޫއެވެ. ދެން އެއުރެން ކޮށް އުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި ބިރުވެރިކަމުގެ ފޭރާން ލައްވައި، އެކަމުގެ ރަހަ އެއުރެންނަށް ﷲ ދެއްކެވިއެވެ،"

  ﷲގެ ނިއުމަތްތަކަކީ ގުނައި އަދަދު ކުރެވޭނެ އެއްޗެއް ނޫނެވެ. އޭގެ ތެރޭގައި ފެންނަ ނިއުމަތްތަކަކާއި ނުފެންނަ ނިއުމަތްތަކެއްވެއެވެ. އެގޮތުން މާތް ﷲ ދިވެހިންނަށް ދެއްވި ގިނަގުނަ ނިއުމަތްތަކުގެ ތެރެއިން އެންމެ ބޮޑު ނިއުމަތަކީ އިސްލާމް ކަމުގެ ނިއުމަތެވެ. މީގެ 900 އަހަރު ކުރިން މާތް ﷲ މިވަނީ ދިވެހިންނަށް އިސްލާމް ދީުގެ ހިދާޔަތުގެ ދައްކަވައި އެކަލާނގެއަށް އީމާންވާ މުސްލިމުން ކަމުގައި ލައްވާފައެވެ. މާތް ﷲ މި ދެއްވި ނިއުމަތަށް ޝުކުރު ކުރަންޖެހޭނެއެވެ. އެކަމަށްޓަކައި ކާބަފައިން ވަނީ އެމީހުންގެ ނަފްސުތަކުން ގުރުބާންތަކެއްވެ، މި ދީން ރައްކާތެރިކަމާއެކު އަހަރެމެންނާ ހަމައަށް ވާސިލުކޮށްދީފައެވެ.

  އެހެންކަމުން ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި މި ދީބު ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.

  ވަތަނުގެ އަމްނު އަމާންކަމަކީ ވެސް މާތް ﷲ ދެއްވާފައިވާ ނިއުމަތެކެވެ. ދިވެހިންނަށް ލިބެމުންދާ ކުރިއެރުމާއި ތަރައްގީގެ އަސާސަކީ މިއަދު ރާއްޖެ މިއޮތް އަމްނާއި އަމާންކަމެވެ. ރާއްޖޭގެ މުއްސަނދިކަމާއި ކެރިފޯރުންތެރިކަން ހެޔޮގޮތުގައި ބޭނުން ކުރެވެމުން ދަނީ އަމާންކަމާއި ސުލްހަވެރިކަމުގެ ސަބަބުންނެވެ. އެކަންކަން ދަމަހައްޓާ ދެއްވާތޯ އަޅުގަނޑުމެން މާތް ﷲ އަށް ޝުކުރު ދަންނަވަން ޖެހޭނެއެވެ.

  އެހެންކަމުން ތިޔަބައިމީހުން ﷲގެ ނިއުމަތްތަކަށް ޝުކުރުވެރިވާށެވެ! އުރެދުންތަކާ ދުރުހެލިވާށެވެ! ނިއުމަތްތައް ބީވެގެން ދަނީ ނިއުމަތް ދެއްވި ފަރާތް އޮޅި އެ ފަރާތަށް ޝުކުރުވެރި ނުވުމުންނެވެ. މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

  "ރަށްތަކުގެ އަހުލުވެރިން އީމާންވެ ތަގުވާވެރިވީ ނަމަ ހަމަކަށަވަރުން، އުޑުންނާއި ބިމުން ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު އަމަލު ތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ އަޒާބުން) އެއުރެން ހިއްޕެވީމެވެ،"

  އެހެން އާޔަތެއްގައި އެކަލާނގެ ވަހީކުރައްވާފައިވެއެވެ.

  "ﷲ ގެ ނިއުމަތް، ކާފިރުކަމަށް ބަދަލުކޮށް، އެއުރެންގެ ގައުމު ހަލާކުގެ ގޮވައްޗަށްލީ މީހުން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ (އެއީ) ނަރަކައެވެ. އެއުރެން އެތަނަށްވަދެ އަނދާނެތެވެ. އަދި އެއީ، ތިބުމަށް ހާދަހާ ނުބައި ތަނެކެވެ!"

  އެހެންކަމުން ޖަހަންނަމަ އޭނާގެ އާހިރަތުގެ ގޮޗައްޗަށް ހަދަން ބޭނުން ވާނީ ފަހެ ކާކުހެއްޔެވެ؟ ﷲގެ މަގުން އެއްކިބާވާން އެދޭނީ ކޮން މުސްލިމަކު ހެއްޔެވެ؟ ﷲގެ ނިއުމަތް އަޒާބަކުން ބަދަލު ކުރަން ބޭނުންވާނީ ކޮން މުސްލިމަކު ހެއްޔެވެ؟ މިއީ މުސްލިމަކު އެދޭނެ ކަންކަމެއް ނޫނެވެ. އެކަމަކު މުސްލިމުން އެދޭނީ ﷲ އަމުރުފުޅުތަކަށް އިޖާބަދީ އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.