• Sat, 15 August, 2020, 2:50 pm
  ރައީސް ޔާމީން --- ފޮޓޯ: އަވަސް

  މީޑިއާތަކަށް ރައީސް ޔާމީންގެ ވަކީލުންގެ އިންޒާރެއް!

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ހައި ކޯޓުގައި އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފުގެ އަޑުއެހުމުގައި އެމަނިކުފާނު އިތުރުފުޅު ހެއްދެވި ކަމަށް ދޭހަވާ ގޮތަކަށް ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހަބަރު ގެނެސްދީފައިވާތީ، އެ މީޑިއާ އާއި ރައީސް ޔާމީނާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާ އެހެން މީޑިއާތަކަށް އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމަނިކުފާނުގެ ވަކީލުން މިއަދު ދެއްވައިފިއެވެ.

  މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން، ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައެވެ. އެ ހުކުމްގެ އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުގައި ކުރިއަށްދާއިރު އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިމަހުގެ އަށް ވަނަ ދުވަހުއެވެ.

  އެ އަޑުއެހުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަތައް ހިމަނައިގެން ޕީއެސްއެމުން ގެނެސްދިން ހަބަރުގައި ބުނެފައިވަނީ، ގއ. ވޮޑަމުލާ އަކީ އެމަނިކުފާނާ ގުޅުން އޮންނަ ރަށެއް ނޫން ކަމަށާއި، އެ ރަށް ދީފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ރައްޓެހިންނަށް ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ. އަދި އެ ރަށް ދޭން ވެގެން އަދީބު ރައީސް ޔާމީންގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި ކަމަށްވެސް ހަބަރުގައި ލިޔެފައިވެއެވެ.

  ނަމަވެސް، އެ މައްސަލަ ދަށު ކޯޓުގައި ހިނގި އިރު، ވޮޑަމުލާ އަކީ ކޮން ރަށެއްކަން އެނގިވަޑައިގެންނެވީ ވެސް ކޯޓުގައި އެ ރަށުގެ ވާހަކަ ދެކެވުމުން ކަމަށް ރައީސް ޔާމީން ވިދާޅުވިކަން ވެސް ޕީއެސްއެމްގެ ހަބަރުގައި ބުނެފައިވެއެވެ.

  އެ ހަބަރާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޕީއެސްއެމްގެ އެ ހަބަރުގައި ރައީސް ޔާމީން ހައި ކޯޓުގައި އިތުރުފުޅު ހެއްދެވި ކަމަށް ދޭހަވާ ގޮތަށް ހަބަރު ގެނެސްދީފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތުގެ އެެއްވެސް މަރުހަލާއެއްގައި އެމަނިކުފާނު އިތުރުފުޅު ހައްދަވާފައި ނުވާ ކަމަށާއި ވޮޑަމުލާ ކިޔާ ރަށެއް އޮންނަކަން އެމަނިކުފާނަށް އެނގިވަޑައިގެންނެވީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ބަޔާނުގައިވެއެވެ.

  " އެހެންނަމަވެސް، އެއީ އެއްވެސް ހާލެއްގައި އެމަނިކުފާނު ހެއްދެވި އިތުރުފުޅެއް ނޫނެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރެއްވިއިރު އެއްވެސް އިރެއްގައި ގއ. ވޮޑަމުލާ އެވެ ކިޔުނު ރަށަކެއްގެ ވާހަކައެއް ފާހަގަކޮށް އެ ރަށާގުޅޭ ގޮތުން އެމަނިކުފާނާ އެއްވެސް ސުވާލެއް ކޮށްފައެއް ނުވެއެވެ. އަދި، ތަހުގީގު ނިންމައި ކުރިމިނަލް ކޯޓުގައި ދައުވާ އުފުލި އިރުގައި ވެސް އެ ރަށުގެ ވާހަކައެއް ދައުލަތުން ފާހަގަކޮށްފައެއް ނުވެއެވެ. އެ ރަށުގެ ވާހަކަ ދައުލަތުން ފާހަގަކޮށްފައިވަނީ ދައުވާ އުފުލި އަޑުއެހުމުގެ ފަހުން ބޭއްވުނު އެހެން އަޑުއެހުމެއްގައި، އިބްތިދާއީ މަރުހަލާގެ މެދަކާއި ހިސާބުންނެވެ. މިދެންނެވި ރަށާގުޅޭ މައުލޫމާތު ރައީސް ޔާމީނަށް އެނގިވަޑައިގެންނެވީ މިދެންނެވުނު ހިސާބުންނެވެ،" ވަކީލުންގެ ބަޔާނުގައިވެއެވެ.

  ބަޔާނުގައި ވަކީލުން އިތުރަށް ބުނީ، ހައި ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އެރަށާ ގުޅޭގޮތުން ރައީސް ޔާމީން ހާމަކުރެއްވި މައުލޫމާތަކީ އެރަށުގެ މައުލޫމާތު އެނގުނު ފަހުން އެރަށުގެ ކަންކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު އެކިއެކި ފަރާތްތަކުން ވަކީލުން ހޯއްދަވައި، ރައީސް ޔާމީނާ ހިއްސާކުރެއްވުމުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވަ މައުލޫމާތުތަކެއް ކަމަށެވެ. އެ ރަށް ދޭން ވެގެން އަދީބު ރައީސް ޔާމީންގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ރިޕޯޓު ކުރި ވާހަކަތައް ވެސް ވަކީލުން ދޮގުކުރެއްވިއެވެ.

  "އެއްވެސް ހާލެއްގައި އެ ރަށް ދޭން ބޭނުންވެގެން އޭރު އަހުމަދު އަދީބު، ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ގާތުގައި ދެންނެވި ކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެމަނިކުފާނު ވިދާޅުވެފައެއް ނުވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެމަނިކުފާނު އެއްވެސް ހާލެއްގައި އިތުރުފުޅުއް ހައްދަވާފައި ނުވާކަމުގައި ދަންނަވަމެވެ." ބަޔާނުގައިވެއެވެ.

  ވަކީލުން އިތުރަށް ބުނީ، ޕީއެސްއެމަކީ ދައުލަތުގެ މީޑިއާއަކަށްވެ ހުރެ އެ ދެންނެވުނު އުސޫލުތައް މުގުރާލައި ކަނޑައެޅިގެން ދޮގު ވާހަކަ ފެތުރުމަކީ ބްރޯޑްކާސްޓްކުރުމާއި މީޑިއާގައި ހަބަރު ފެތުރުމުގެ ސުލޫކީ މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އަދި ޕީއެސްއެމަކީ ރައީސް ޔާމީނާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ހަބަރު ފަތުރާ ފަރާތެއް ކަމަށް ވެސް ވަކީލުން ތުހުމަތު ކުރެއެވެ.

  "ބްރޯޑްކާސްޓުކުރުމާއި މީޑިއާގައި ހަބަރު ފެތުރުމުގެ ސުލޫކީ މިންގަނޑުތަކާ ހިލާފަށް އަޅުގަނޑުމެންގެ މުވައްކިލު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރައި އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާ ފަދައިން ކުރެވޭ ކަންކަމަކީ އަޅައިނުލައި ދޫކޮށްލެވޭނެ ކަންކަން ނޫންކަމާއި، އެފަދަ ކަންކަމާދެކޮޅަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގައި ޕަބްލިކް ސާވިސް މީޑިއާ އާއި އަދި އެފަދައިން އަމަލުކުރާ އެހެން މީޑިއާތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.،" ބަޔާނުގައިވެއެވެ.

  ވޮޑަމުލާގެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށްދާއިރު، އެ ހުކުމުގައި ދައްކަން އެންގި ފަސް މިލިއަން ޑޮލަރު ދައްކާފައި ނުވާތީ އެ ފައިސާ ހޯދަން އޭޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ރައީސް ޔާމީންގެ މައްޗަށް މަދަނީ ދައުވާ ކުރަން ނިންމައިފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް ވެސް ވަނީ އުފުލާފައިވެއެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.