• Sat, 15 August, 2020, 3:40 pm

    ކުޑަކުދިންނާއި އަންހެނުންނަށް ލިބޭ ގޯނާތައް އިތުރުވެއްޖެ، ހާއްސަ އިސްކަމެއް ދޭންޖެހޭ: ރައީސް

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ގެވެށި އަނިޔާގެ މައްސަލަތަކާއި ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ހާއްސަ އިސްކަމެއް ދީގެން ހައްލު ކުރަންޖެހޭ މައްސަލަތަކެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

    ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ރައީސް ފޮނުއްވި ހިތާބެއްގައި ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ގެއްލުން ނުލިބޭ އިގްތިސާދެއް ނެތް ކަމަށެވެ. އަދި އެކަމުގެ ނުރަނގަޅު އަސަރު ނުފޯރާ މުޖުތަމައުއެއް، އަދި ހިތްދަތިކަން ތަޖުރިބާކުރަން ނުޖެހޭ އާއިލާއެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

    އޭގެ ތެރެއިން ވެސް އެބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމަށާއި އެއީ އެ ބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށްވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

    ރައީސް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ޖެހުނު އަންހެނުންގެ އަދަދު މަދުކަމުގައިވިޔަސް، ފުރަބަންދުގެ ސަބަބުން ދިމާވި އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނައި އަންހެން ކުދިން ކަމަށެވެ.

    އެގޮތުން އާއިލާތައް 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން ދަރިންނާއި މައިންބަފައިން ބެލުމާއި ގޭތެރޭގެ މަސައްކަތް ފަދަ ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވި ކަމަށް ވިދާޅުވިއެވެ.

    އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސިއްހީ ހިދުމަތުގެ ނިޒާމަށް ވެސް މި ދުވަސްވަރަކީ ވަރަށް ބާރު ބޮޑު ދުވަސްވަރެއް ކަމަށާއި އޭގެ ސަބަބުން އާންމު ސިއްހަތުގެ ނިޒާމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ހަމަ އެފަދައިން ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް، ވަރަށް ނޭދެވޭ އަސަރުތައް ފޯރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

    "ގެވެށި އަނިޔާގެ މައްސަލަތަކާއި ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތައް ވެސް އިތުރުވެއްޖެއެވެ. މިއީ ހާއްސަ އިސްކަމެއް ދީގެން ހައްލުކުރަން ޖެހިފައިވާ ކަންކަމެވެ.،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.

    އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ މި ސަރަހައްދުގެ ގައުމުތަކާ އަޅައިބަލާއިރު ދުޅެހެޔޮ އާބާދީއެއް ބިނާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެއް ކަަމަށެވެ.

    އެގޮތުން ވިހެއުމުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން މަރުވާ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވިފައިވީ ނަމަވެސް އެ ކާމިޔާބު އެގޮތުގައި ދެމެހެއްޓޭނީ ކޮވިޑް ފަދަ ބޮޑެތި ބަލިތަކާއެކު ވެސް ދުޅަހެޔޮ އާބާދީއެއް ބިނާކޮށް، އުފަންވެނި ސިއްހަތަށާއި އެހެނިހެން އިޖްތިމާއީ ކަންކަމަށް އިސްކަންދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

    މިއަހަރު އާބާދީ ދުވަހަށް، އދ.ގެ އާބާދީއާ ބެހޭ އިދާރާއިން ކަނޑައަޅާފައިވަނީ "ކޮވިޑް-19 ހުއްޓުމަށް: އަންހެނުންނާއި އަންހެން ކުދިންގެ ސިއްހަތު ރައްކާތެރި ކުރާނީ ކިހިނެތް؟" މި ޝިއާރެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.