Tue, 19 March, 2024, 2:27 pm
ޤައުމީ ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު ބޭއްވި ޖަލްސާގައި ރައީސް ސޯލިހު --- ފޮޓޯ: ރައީސް އޮފީސް

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.

ގައުމީ އިނާމު މިއަހަރު ވެސް ދޭނީ މައިގަނޑު 33 ދާއިރާއަކުންނެވެ. އެ ދާއިރާތަކާއި އެ ދާއިރާތަކުގެ ރޮނގުތަކާ ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި އެހެނިހެން މުއައްސަސާތަކުގެ ހިޔާލު މިއަހަރު ވެސް ހޯދައި، ގެނަންޖެހޭ ބަދަލުތައް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ގެނެސްފަ އެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރު ވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ބޭފުޅުންނާއި ގައުމީ އިނާމަށް އެހެން ބޭފުޅެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އޭގެ އިތުރުން ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސައިފަ އެވެ. ގައުމީ އިނާމަށް ވަކިވަކި ފަރުދުންނާއި ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ވެސް ނަން ހުށަހަޅާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގަ އެވެ.

ގަައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 4 އޮގަސްޓުން ފެށިގެންނެވެ. ފޯމު ފޮނުވުމުގެ އެންމެފަހު މުއްދަތަކީ، އަންނަ އޮގަސްޓު މަހުގެ 13ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 2:00 އެވެ. ފޯމު ފޮނުއްވަން ޖެހެނީ، ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސްކޮށް ރައީސް އޮފީހަށެވެ. ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސް އޮފީހުން ދޫކުރާނެ އެވެ. އަދި އެއޮފީހުގެ ވެބްސައިޓުން www.presidencymaldives.gov.mv ވެސް ޑައުންލޯޑް ކުރެއްވޭނެ އެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މި އަހަރުގެ ގަައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުން ރައީސަށް ލަފާއަރުވާފައިވަނީ، އިނާމަށް މި އަހަރު އިއުލާނު ކުރެއްވުމަށެވެ.

ކޮވިޑުގެ ހާލަތު އެވަގުތަކު އޮތް ގޮތެއްގެ މައްޗަށް ބައްލަވައި، މުނާސަބަތު ފާހަގަކުރެވޭ ގޮތަށް ހާލަތު ބަދަލުވެއްޖެނަމަ، ގައުމީ ދުވަހުގެ ޖަލްސާ އާއި ޖުމްހޫރީ ދުވަހުގެ ޖަލްސާ ބޭއްވުމަށާއި ޖަލްސާ ބޭއްވޭނެގޮތް ނުވެއްޖެނަމަ، އެވަގުތުގެ ހާލަތަށް ރިއާޔަތް ކުރައްވައިގެން އިނާމު ދެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ލަފާއަރުވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.