Tue, 19 March, 2024, 6:11 am

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ވެސް އިސްތިއުފާ ދެއްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ.އަލީ ޝަމީމު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސީއެސްސީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދު ވިދާޅުވީ ސީއެސްސީގެ ރައީސް އިސްތިއުފާ ދެއްވުމާއި ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ވަކިކުރަން ނިންމާފައިވާ ހަތަރު މެމްބަރުންގެ ތެރޭގައި ހިމެނޭ ޝަމީމުގެ ނަން ކޮމިޓީ ރިޕޯޓުން އުނިވާނެ ކަމަށެވެ.

އާމިރާ ފިޔަވައި ދެން ތިއްބެވި ހަތަރު މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މިއަދުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓް ހުށަހަޅައި ބަހުސްއަށްފަހު އެ މެމްބަރުން ވަކިކުރަން ވަނީ އެޖެންޑާ ކޮށްފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި ނާއިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިން އަދި މެމްބަރު އިބްރާހީމް ޝަހީގުއާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު ފަސް މައްސަލައެކެވެ.

އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނުފޫޒުގެ ބޭނުންކުރުމާއި ކޮމިޝަނުގެ ބައެއް މަގާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި އަދި ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަަލަތަކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.