Tue, 19 March, 2024, 1:19 pm
އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު --- ފޮޓޯ: ރައީސް އޮފީސް

އަމާޒަކީ މިއަހަރު 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުން: ފައްޔާޒު

އަމާޒަކީ މިއަހަރު ގަވާއިދާ ހިލާފަށް އުޅޭ 20،000 ވުރެ ގިނަ ބިދޭސީން އަނބުރާ ފޮނުވާލުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި މަޖިލީހުގެ ތަޅުމަށް ވަޑައިގެން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ. ނަމަވެސް އެކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

އެގޮތުން ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ކުރުމުގައި ބައިނަލްއަގްވާމީ ގޮތުން ހެދިފައިވާ ގަވާއިދުތަކާއި ގައުމުތަކާމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް އުޅެނީ ބަންގްލަދޭސީން ކަމުން، އެމީހުން ފޮނުވާލުމުގައި އެގައުމުގެ އެމްބަސީއާ ގުޅިގެން މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން ފޮނުވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.

“ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅި ފިޔަވަޅުތަކުން މިއަދު 4000 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލެވިއްޖެ. މިކަމުގައި އަޅުގަނޑުމެން މަސައްކަތް ކުރާއިރު މިކަން ވިޔަ ނުދޭން ވެސް ބަޔަކު އެބަ މަސައްކަތްކުރޭ. ގަވާއިދާއި ހިލާށް އުޅޭ 20،000 ބިދޭސީން، އެމީހުންގެ ރުހުމާއެކު މިއަހަރު ފޮނުވާލުމަކީ އަޅުގަނޑުގެ އަމާޒު،” މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބިދޭސީން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ފެށުމުން އެނބުރި ގައުމަށް ދާން ބޭނުންވާ އެތައް ބަޔަކު ތިބިކަން އެނގިގެން ގޮސްފައިވާ ކަމަށާއި އެނބުރި ގައުމަށް ދިއުމުން ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް ބައެއް މީހުން ފިލާފައި ވެސް އެބަތިބި ކަމަށެވެ. އަދި ކޮވިޑްގެ މަރުހަލާ އައުމުގެ ކުރިން ގަވާއިދުގެ ތެރެއަށް ވަނުމަށް އެދި 43،000 ބިދޭސީން އެދިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިހާލަތާ ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުން ނާޖައިޒް ގޮތުގައި ބިދޭސީން ލައްވާ ވެސް ކަންކަން ކުރުވަމުން އަންނަކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ، ސިޔާސީ ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ބިދޭސީން ލައްވާ މުޒާހަރާ ކުރުވަމުން އަންނަ ކަމަށެވެ. އަދި މިކަމަކީ ދުރާލާއި ވަކި ބަޔަކު އަޑީގައި ތިބެގެން ހިންގާކަމަކަށްވާއިރު، ބިދޭސީން މިހާ ގިނަ އަދަދަކަށް ރާއްޖެއަށް ގެނެސް މި މައްސަލަ ކުރިމަތިކުރުވީ ވެސް އެކަންކަން ރާވައި ހިންގަމުން އަންނަ މީހުން ކަމަށް ވެސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.