• Wed, 30 September, 2020, 12:15 pm

    ވާހަކަ: ދަތުރު - 20

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އެދުވަހުގެ ޝަރީއަތުގެ މަޖިލިސް ވެގެން ދިޔައީ ހަތަރު ގަޑިއިރަށް ދިގު ދެމިގެން ދިޔަ ބަހުސަކަށޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ޝަރީއަތް ނިމިގެން ދިޔައީ އެދެވޭ މާބޮޑު ނަތީޖާއެއް ނުލިބި އެވެ. މިކަމާ އަހުސަން ހުރީ ވަރަށް ހެވިފަ އެވެ. ޝަރީއަތުގެ މަރުހަލާ ފެށުމާއެކު، ރާއްޖޭގެ މީޑިއާތަކުގައި މި ވާހަކަ ފެންމަތިވި އެވެ. އަހަރެންނަކީ ވެސް މީހުން ދަންނަ މީހަކަށް ވެފައި، އަހުސަނަކީ ވެސް މީހުން ދަންނަ މީހަކަށް ވުމުގެ ނަތީޖާއަކީ މުޅި ސޯޝަލް މީޑިއާގައި މި ވާހަކަތައް ފެތުރުމެވެ. ގިނަ ބަޔަކު އަހުސަނާއި ދިމާލަށް އެއްޗެހި ގޮވި ނަމަވެސް، މަދު ބަޔަކު އަހަރެންނާ ދިމާލަށް ވެސް އިނގިލި ދިއްކުރި އެވެ. އެއްބަޔަކު ދެކުނު ގޮތުގައި އަހަރެން އުޅެނީ އަހުސަނުގެ މުދާތައް ފޭރިގަންނަން ދުރާލާ ރާވައި ޕްލޭނެއް ހަދައިގެންނެވެ.

    ޝަރީއަތް ފެށުނު ފަހުން އަހަރެންނަށް އާދަޔާ ހިލާފު އެއްވެސް ކަމެއް ދިމާނުވާތީ އަހަރެން އެކަމާމެދު ވަރަށް ފުންކޮށް ވިސްނީމެވެ. ޖިންނީންގެ އުނދަގޫތަކުގައި މިއޮތްހާ ދުވަހު ކަސްތޮޅު އެޅިފައި ހުރިއިރު، ކުށްލިއަކަށް އެއިން އެއްވެސް އެއްޗެއްގެ ހިލަމެއް ނުވުމުން ފުރަތަމަ ކޮޅު އަހަރެންނަށް ވަރަށް އުނދަގޫ ވެސް ވި އެވެ. އަހަރެން ހުރީ އެކި ކަންކަން ދިމާވެ އަދި އެކި ކަންކަން ފެނި، އެ ހުރިހާ ކަމަކަށް ހޭނިފަ އެވެ. އަހަރެންގެ އާއިލާގެ މަރުގެ ހަގީގަތް ހޯދުމަށްޓަކައި އިއްތިފާގުން ފެށުނު ދަތުރުގައި އަހަރެންނަށް ދެގޮތެއް ނުވެ، ކައިރީގައި ހުރެ މަގު ކޮށައިދިން މީހާއާމެދު މިއަދު އަހަރެންނަށް ވަރަށް ސީރިއަސްކޮށް ވިސްނެން ފެށި އެވެ.

    އަހަރެންގެ ކޮޓަރީގައި ވަރަށް އަރާމު ނިންޖަކުން ނިދާފައި އޮތް ރަހީފާއި ދިމާލަށް ބަލާލެވުނެވެ. އެވަގުތު އޭނާގެ ދެލޯ ހުޅުވުނެވެ. އަދި އަހަރެންނާއި ދިމާލަށް ވަރަށް ލޯބިން ބަލާލާފައި، އޭނާއާ ގާތްކޮށްލައި ބައްދައިލި އެވެ. ރަހީފު އަހަރެންގެ ގައިގައި ބީހުނު މަދު ފަހަރުތަކުގައި މީގެ ކުރިން ދުވަހަކު ވެސް ބައްދާނުލާހާ ބާރަށް އޭނާ އަހަރެން ގައިގައި ބައްދައިލި އެވެ. އަހަރެންނަކަށް ވެސް ނުހުރެވުނެވެ. ހުދު އަހަރެން ވެސް ބޭނުންވީ އޭނާއާ ގާތްވެލުމަށެވެ. އަހަރެން ވަރަށް ބާރަށް ރަހީފް ގައިގައި ބައްދާލީމެވެ. އެހިނދު އޭނާ އަހަރެންގެ ދަތްދޮޅީގައި ހިފައި، މޫނާއި މޫނު ޖެހޭނެހެން ގާތްކޮށްލިއެވެ. ރަހީފުގެ ތުންފަތް އަހަރެންގެ ތުންފަތާއި ގާތްކޮށްލި ހިނދު އަހަރެން އޭނާގެ ތުންފަތް މަތީގައި އަތް އެޅީމެވެ. އަދި ފަހުން ކަމަށް ބުނެ، އަނެއްކާ ވެސް އޭނާގެ ގައިގައި އޮޅުލައިގަތީމެވެ. އެރޭ ދެމީހުން ނިދީ އެގޮތުގައި ތިބެގެންނެވެ.

    ކޯޓަށް ހުށައެޅު ހެކިތަކުގެ ތެރެއިން ބައެއް ހެކިތައް ކޯޓުން ބަލައެއް ނުގަތެވެ. އެއްކަމަކީ ކޯޓު މަރުހަލާއަށް އަހުސަން އަތް ބާނަނީ އެވެ. ނޫން ނަމަ އަހަރެންނަށް މި ކޭސް ގެއްލެނީ އެވެ. މިގޮތުގައި މަސް ދުވަސް ފާއިތުވެގެން ހިނގައްޖެ އެވެ. އަހުސަނުގެ މައްޗަށް އުފުލާފައިވާ މުހައްމަދު މަރާލި ކަމުގެ ދައުވާ ސާބިތުވި އެވެ. އެއީ އަހަރެންނަށް ލިބުނު ކުރިއެރުމަކާއި ހިތްވަރެކެވެ. ނަމަވެސް އަހަރެން ހުށައެޅި ދައުވާގައި އަދިވެސް އަޑުއެހުމަކަށްފަހު އަޑުއެހުމަށް ކުރިއަށް ދަނީ އެވެ. ނަމަވެސް ޒާޔާ ހިތްވަރު އެލުވައެއް ނުލަ އެވެ. އޭނާ ދިޔައީ އަހުސަންގެ މައްޗައް ކުރާ ދައުވާ ސާބިތުކުރުމަށް ފުރޮޅެން އޮތް ހުރިހާ ގަލެއް ފުރޮޅަމުންނެވެ. ހެކީގެ ގޮތުގައި އިތުރަށް ހުށައަޅާނެ ކަމަކާމެދު އަހަރެން ދިޔައީ ވިސްނަމުންނެވެ. އެއްދުވަހެއްގެ ހަވީރުގެ ވަގުތުގައި އަހަރެންގެ ފޯނުން ޑޮކިއުމެންޓެއް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޯޑިއޯ ކްލިޕެއް ފެނުނެވެ.

    އަހަރެން ވިސްނަމުން ދިޔައީ އެ ކްލިޕް އަހަރެންގެ ފޯނަށް އައިގޮތަކާ މެދުގަ އެވެ. މީގެ ކުރިން އަހަރެންގެ ފޯނުން އެ އޯޑިއޯ ކްލިޕެއް ނުދެކެމެވެ. އަހަރެން ތަންކޮޅެއް ޖެހިލުންވެ ހުރެ އެ ކްލިޕް ޕްލޭ ކޮށްލީމެވެ. އޯޑިއޯ އަޑުއިވެމުން ދިޔަ ވަރަކަށް އަހަރެންގެ ހިތުގެ ހިނގުން ދިޔައީ އަވަސް ވަމުންނެވެ. އަހަރެންނަށް އިށީންދެގެން އިންތަނުން ތެދުވެ އެކި ކޮޅުކޮޅަށް ހިނގެން ފެށި އެވެ. އެވަގުތު ފާހާނާއިން ނިކުތް ރަހީފު ފެނިފައި އަހަރެންނަށް އުފަލުން ރޮވޭ ގޮތްވި އެވެ. އަހަރެން ރަހީފަށް އެ އޯޑިއޯ އަޑު އިއްވީމެވެ. އަދި ވަގުތުން ޒާޔާއަށް ގުޅައި އޭނާގެ އޮފީހަށް ދިޔައީމެވެ. ޒާޔާއަށް އެ އޯޑިއޯ އަޑުއިވުމާއެކު އޭނާ އުފަލުން ފޮޅުނެވެ. "ޔެސް!. ދިސް އިޒް އިޓް ރާޔާ!." ޒާޔާ ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

    އެއީ ކޯޓުގެ އެންމެ ފަހު މަރުހަލާ އޮތް ދުވަހެވެ. އެދުވަހުގެ އަޑުއެހުމަށްފަހު އެ ކޭސްއާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ޝަރީއަތުގެ މަޖިލީހުން ނިންމާފައިވާ ދުވަހެވެ. ޝަރީއަތުގެ މަޖިލީހުގައި އެ އޯޑިއޯ ކްލިޕް ޕްލޭވި ތަނާހެން، އަހުސަންގެ މޫނުގެ ކުލަވަރު ބަދަލުވި އެވެ. އޭނާގެ ވަކީލު ހިމޭންވި އެވެ. އޯޑިއޯ އަކީ އަހުސަން އަހަރެން ގަދަކަމުން އެގެއަށް ގެންދިޔަރޭ އޭނާ މީގެ ފަނަރަ އަހަރު ކުރިން އާއިލާ އެންމެން މަރާލި ގޮތުގެ ހުރިހާ ވާހަކަ ކިޔައިދިން އޯޑިއޯ އެވެ. އަހަރެންނަށް އެރޭ ފޯނު ރިކޯޑިންއަށް ލެވުނު ހަނދާންވީ އެހިސާބުންނެވެ. އަދި  އެއަށްވުރެ ބޮޑު ތެދެއް އަދި ހެއްކެއް މިކަމުގައި ދެން ނޯންނާނެކަން އަހަރެންނަށް ހަމަ ޔަގީންކުރެވުނެވެ.

    އަހުސަނުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ވެސް އޭނާ ފަހުން އިންކާރެއް ނުކުރި އެވެ. ފައިސާ އާއި ގެދޮރާއި މުދަލުގެ ދަހިވެތިކަމުގައި އާއިލާ މަރާލީ ސިހުރުގެ ބޭނުންކޮށްގެން ކަމަށް އޭނާ އެންމެ ފަހުން އެއްބަސްވި އެވެ. އަދި އޭރުގައި އެ މައްސަލަ ހިންދާލީ ބާރާއި ނުފޫޒު ބޭނުންކޮށްގެންކަން އޭނާ އިއުތިރާފުވި އެވެ. މުޅި ސޯޝަލް މީޑިއާ ތެރޭގައި އެންމެ އަޑުހަރުކޮށް ދެކެވެމުން އަންނަ ވާހަކައަކަށް މިކަން ވެގެން ދިޔަ އެވެ. އަހަރެންގެ ހިތްވަރަށް އެތައް ބަޔަކު ތައުރީފު ކުރި އެވެ. ރާއްޖޭގައި ހަމަހަމަ ކަމާއި އިންސާފު ހޯދުމަށް ދަތުރު ފަށަނީ ކިތަން މީހުން ހެއްޔެވެ؟. ނަމަވެސް އިންސާފު ލިބެނީ ކިތައް މަރަށް ހެއްޔެވެ؟. އިންސާފު ނުލިބޭ މީހުންނާމެދު އަޅާލާ ނުވަތަ ވިސްނާ ބަޔަކު އުޅޭ ހެއްޔެވެ؟. އަހަރެންގެ އަތުގައި ނަސީބު ހިފި ގޮތަށް ހުރިހާ އެންމެންގެ އަތުގައި އިންސާފު ލިބުމުގެ ނަސީބު ނުހިފާނެކަން ހަމަ ޔަގީނެވެ. މުދަލާއި ގެދޮރުގެ ދަހިވެތިކަމުގައި ރޫޅިގެން ދަނީ ކިތައް އާއިލާކަން ވިސްނާލަނީ މަދު ބައެކެވެ. މުދަލާއި ފައިސާ އާއި ގެދޮރުގެ ދަހިވެތިކަމުގައި ﷲ މި ދުނިޔެމަތީ ލެއްވި މަހުލޫގުންގެ ފުރާނަ ކަތިލެވެނީ ކިތައް ފަހަރު ހެއްޔެވެ؟.

    އޭގެ ހަ މަސް ދުވަސް ފަހުން އަހަރެން ކުރި ދަތުރުގެ ވާހަކަ ލިޔެ އެ ފޮތް ޕަބްލިޝް ކުރީމެވެ. ދަތުރު ވާހަކައަކީ އަހަރެންގެ ލިޔުމުގެ ކެރިއަރުގައި ކުރާ އެންމެފަހު މަސައްކަތައް ވުމާއެކު، ގިނަ ބަޔަކު އަހަރެންގެ މަސައްކަތް ބަލައިގަތެވެ. ހާއްސަކޮށް ތުރާކުނުގައި ދިރިއުޅޭ މީހުން އަހަރެންގެ މަސައްކަތަށް ތައުރީފު ކުރި އެވެ. އަހަރެންދެކެ އޭރު ނުރުހި، ނަފްރަތު ކުރި އެންމެންގެ ފަރާތުން އަހަރެންނަށް ލޯތްބާއި އިހުތިރާމް ލިބެން ފެށި އެވެ. އަހަރެން އެދުވަހު، މަންމަ އާއި ބައްޕަ މަތިން ވަރަށް ހަނދާންވި އެވެ. އެމީހުން އަހަރެންގެ ކައިރީގައި ހުރި ނަމައޭ ހިތަށް އެރި އެވެ.

    އަހަރެންނަށް އެއްވެސް ކަހަލަ އުނދަގުލެއް މިހާރަކު ނުވެ އެވެ. އޭގެ އެއް މަސް ފަހުން އަހަރެންނާއި ރަހީފުގެ ކައިވެނި ކުރެވުނެވެ. އަހަރެންގެ ދިރިއުޅުން މިހާރު އުޖާލާވެފައި، އުފާވެރި އެވެ. އަހަރެންގެ ހަޔާތުގައި ހަގީގީ ކުލަ ޖެހުނު ހިސާބަކީ އެއީ އެވެ. އެމީހުންގެ މުދަލުން އަހަރެންނަށް ލިބޭ ބައި އަހަރެން ރައްކާކުރީމެވެ. އަހަރެންގެ ދަރިންނަށްޓަކަ އެވެ. ދޭތެރެއަކުން މައިންބަފައިންނާއި ކޮއްކޮގެ މަހާނަ ކައިރިއަށް ވެލިފިނޮޅަށް ދަމެވެ. އަހަރެންގެ ފައި އެ ފަސްގަނޑުގައި ބީހިލާ ކޮންމެ ފަހަރަކު އަހަރެންނަށް އަހަރެންގެ އާއިލާ ފެންނަ ކަހަލަ އެވެ. އެމީހުން އަހަރެންނާއި ދިމާލަށް ދުރުގައި ތިބެގެން ބަލާހެން ހީވެ އެވެ. ހަމަ ޔަގީނުން ވެސް މިއަދު އެމީހުން އަހަރެންނާމެދު ފަހުރުވެރިވާނެ އެވެ. އުފާވެސް ވާނެ އެވެ. އެމީހުންގެ މަރަށް އިންސާފު ލިބުމުންނެވެ. މަންމާއެވެ. ބައްޕާ އެވެ. އަދި ކޮއްކޯ އެވެ. ހިތްހަމަޖެހިގެން ނިދާލާށެވެ. ގަދަ ކަނޑުގައި، އަދިރީގެ ތެރޭގައި ދާނެ ދިމާލެއް ނޭންގި ކުރެވުނު ދަތުރުގެ މިސްރާބު ފެނި ދޯނި ރަށަށް ލަފާފި އެވެ. ދަތުރު ނިމުނީ އެވެ.

    (ނިމުނީ)

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.