• Mon, 10 August, 2020, 11:30 pm
    އިސްލާމީ މަރުކަޒުގައި މިއަދު ކުރި އަޟްހާ އީދު ނަމާދު: އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރާ ގޮތަށް ވަނީ ނިންމާފައި --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

    ވަކިވެފައިވާ ހިތްތައް އަލުން ގުޅުވައި، އެކުވެރިވެ އެއްގަލަކަށް އެރުމަށް ގޮވާލައިފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށް ވެފައިވަނީ އެމީހުންގެ އެއްބައިވަންތަކަން ކަމަށާއި އެހެންކަމުން ވަކިވަކިވެފައިވާ ހިތްތައް އަލުން ގުޅުވައި، އެކުވެރިވެ އެއްގަލަކަށް އެރުމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައިފި އެވެ.

    "އީދުލް އަޟްހާގެ ހަގީގަތާއި މަގުސަދުތައް" މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، އިސްލާމީ މިފަދަ ބަރަކާތްތެރި އުފާވެރި ދުވަހެއްގައި ދިވެހިންނަށް މާތް ﷲ ދެއްވި އެންމެ ބޮޑު ނިއުމަތް ކަމަށްވާ މަތިވެރިވެގެންވާ އިސްލާމްދީނުގެ ނިއުމަތުގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށެވެ. އެ ދީނަކީ ދިވެހިންގެ ގައުމުގެ މިނިވަންކަމާއި ވަހުދަތުގެ ބިންގާ ކަމަށާއި އެހެންކަމުން ދިވެހިންގެ އަގީދާ ހަރުދަނާކޮށް، ވަކިވެފައިވާ ހިތްތައް އަލުން ގުޅުވަންޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

    ހުތުބާގައި އިތުރަށް ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ކުރުމާއި މަލާމާތް ކުރުން ފަދަ ވިޔާނުދާ އަމަލުތަކުން ދުރުހެލިވެ، އަހުވަންތަ ބަޔަކަށް ވުމަށާއި އަދި ގައުމުގެ މިނިވަންކަމުގެ ރަމްޒު ކަމުގައިވާ އިސްލާމް ދީން ހިމާޔަތްކޮށް ދެމެހެއްޓުމަށް ދިވެހި ދައުލަތުގެ ވެރިންނާއި އެންމެހާ ރައްޔިތުން އަޒުމް އާކުރުމަށް ގޮވާލައިފަ އެވެ.

    ހުތުބާގައި ބުނީ، މަތިވެރިވަންތަ މާތް ﷲ، ހައްޖާއި އީދު ޝަރުއު ކުރެއްވުމުގެ މަތިވެރި ހިކުމަތްތަކުގެ ތެރޭގައި މި އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުން ހިމެނޭ ކަމަށެވެ. އެގޮތުން ހައްޖުގެ މަތިވެރި އަޅުކަމުން ކޮންމެ ހައްޖުވެރިއަކަށް އަނެކާގެ ހަޔާތަށް ހުތުމަތްތެރިކޮށް ހިތަން ދަސްވެ، ސުލްހަމަސަލަސްވެ، އެކަކު އަނެކަކަށް އަދާވާތްތެރި ނުވުމަށް ތަމްރީން ލިބި، އެކަކު އަނެކެއްގެ މިނިވަންކަމަށް އަރައި ނުގަތުމަށް ތަރުބިއްޔަތު ލިބޭ ކަމަށް ބުންޏެވެ.

    "މި އީދުން އަޅުގަނޑުމެންގެ ހަޔާތަށް އާ ސަފްހާއެއް ހުޅުވައިލަމާ ހިނގާށެވެ! ކިލަނބުވެފައިވާ އިޖްތިމާއީ ހާލަތު ބަދަލުކޮށް، އުފާވެރި ތާހިރު ހަޔާތެއް ބިނާ ކުރުމަށްޓަކައެވެ. އެކަން އަޅުގަނޑުމެންނަށް ހާސިލުކުރެވޭނީ މުޅި ހަޔާތުގެ މަންހަޖަކީ އިސްލާމްދީން ކަމުގައި ހަދައިގެންނެވެ. ބައިބައި ނުވެ، އުންމަތުގެ މަސްލަހަތުތައް ހާސިލުކުރުމަށްޓަކައި އެކުވެރިވެ އެއްގަލަކަށް އަރައިގަންނެވެ،" ހުތުބާގައި ބުންޏެވެ.

    ހުތުބާގައި އިތުރަށް ބުނީ، މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށް ވެފައިވަނީ އެމީހުންގެ އެއްބައިވަންތަކަން ކަމަށާއި އެމީހުންނަށް ލިބިފައިވާ ނާކާމިޔާބުތަކުގެ ސަބަބަކަށް ވެފައިވަނީ އެމީހުންގެ ބައިބައިވުން ކަމަށެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.