• Mon, 10 August, 2020, 11:17 pm

  ކޮވިޑުގެ ގޮންޖެހުމާއެކު ވެސް އެސްޓީއޯއަށް 105 މިލިއަން ރުފިޔާގެ ފައިދާއެއް

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 105 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

  އެސްޓީއޯ އިން އިއްޔެ އާއްމުކޮށްފައިވާ "ކުއާޓަލީ" ރިޕޯޓުގައިވާ ގޮތުން، މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ތެލުގެ ވިޔަފާރިން ލިބުނު 629 މިލިއަން ރުފިޔާގެ އާމްދަނީ އަކާއި އެހެނިހެން ވިޔަފާރިތަކުން ލިބުނު 669 މިލިއަން ރުފިޔާގެެ އާމްދަނީ އެވެ.

  ނަމަވެސް މިއީ މިއަހަރުގެ ފުރަތަމަ ކުއާޓާއާ ބަލާއިރު 1.2 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 2.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެސްޓީއޯގެ ހިއްސާއަކަށް ޖެހޭ މިންވަރު ވެސް ވަނީ އަށް ރުފިޔާ ދަށްވެފަ އެވެ. ފުރަތަމަ ކުއާޓަރުގައި ހިއްސާއަކަށް 101 ރުފިޔާ ޖެހުނު ނަމަވެސް ދެވަނަ ކުއާޓާގައި ހިއްސާއަކަށް ޖެހިފައިވަނީ 93 ރުފިޔާ އެވެ.

  އެސްޓީއޯގެ ސާފު ފައިދާ އާއި އާމްދަނީ ދެވަނަ ކުއާޓަރުގައި ދަށްވީ، މިދިޔަ މާޗުގައި ރާއްޖެ އިން ފެނުނު ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް އައި ހީނަރުކަމުގެ ސަބަބުންނެވެ.

  އޭގެ ތެރެއިން ތެލުގެ އަގު ދަށްވުމާއި ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން އެކުންފުންޏަށް ތެލުގެ ވިޔަފާރިން ލިބޭ އާމްދަނީ މިދިޔަ އަހަރަށްވުރެ މިއަހަރު ދަށްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުން ލިބޭ އާމްދަނީ މިދިޔަ އަހަރަށްވުރެ އިތުރުވާނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

  ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުން އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބޭހާއި މެޑިކަލް އިކުއިޕްމަންޓްސް އިންނެވެ.

  އެގޮތުން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް ބޭނުންވާ މެޑިކަލް ސާމާނު ސަޕްލައި ކޮށްދިނުމަށް އެސްޓީއޯ އާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ސަބަބުން މެޑިކަލް ދާއިރާއިން ލިބޭ އާމްދަނީ އިތުރުވެފައިވާއިރު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ސަރުކާރުން ތަރައްގީކުރާ ރީޖަނަލް ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްސް ފޯރުކޮށްދިނުމަށް ވެސް ސަރުކާރާއެކު އެސްޓީއޯއިން ވަނީ އެއްބަސްވެފަ އެވެ.

  އެސްޓީއޯ އިން ބުނީ، ލޮކްޑައުންގެ ސަބަބުން ކާބޯތަކެއްޗަށް ކުރި ހަރަދު އިތުރުވެފައިވާތީ، ޒަރޫރީ ކާބޯތަކެތިން ލިބޭ އާމްދަނީ ވެސް މިދިޔަ އަހަރަށްވުރެ މިއަހަރު އިތުރުވާނެ ކަމަށެވެ. ނަމަވެސް ކޮންސްޓްރަކްޝަނާއި ހޯމް އިމްޕްރޫވްމަންޓް އަދި ސުޕަމާޓުން ވިއްކާ ތަކެތިން ލިބޭ އާމްދަނީ ވަރަށް ބޮޑުތަން ދަށްވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

  ކޮވިޑާ ގުޅިގެން އެސްޓީއޯއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން ދިޔަ ނަމަވެސް އެކުންފުނިން ދެވަނަ ކުއާޓަރުގައި ބޮޑު ފައިދާއެއް ހޯދާފައި މިވަނީ އެކުންފުނީގެ ހަރަދުތައް ކުޑަކޮށްގެންނެވެ.

  އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯގެ ހަރަދުތައް ހުރީ 211 މިލިއަން ރުފިޔާގަ އެވެ. ނަމަވެސް ހަރަދުތަކުން 11 މިލިއަން ސަލޭމަތްކޮށް ދެވަނަ ކުއާޓަރުގައި ހަރަދުތައް ވަނީ 200 މިލިއަން ރުފިޔާއަށް ކުޑަ ކޮށްފަ އެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.