• Mon, 19 October, 2020, 8:39 pm
    ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރު އަލީ ހުސެއިން --- ފޮޓޯ: މަޖިލިސް އިދާރާ

    ޔާސިރަށް ދިނީ ބޮޑު އަނިޔާއެއް، މަރުގެ ޒިންމާ ދައުލަތުން ނަގަންޖެހޭނެ: އަލީ ހުސެއިން

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ރާއްޖޭގައި ބަންދުކޮށްފައި ހުއްޓާ މަރުވި، ޔަމަންގެ ޔާސިރު ޔަހްޔާގެ މަރުގެ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

    ޓޫރިސްޓު ވިސާގައި 2014 ވަނަ އަހަރު ރާއްޖެ އެތެރެވެ، ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު ޔާސިރު ހައްޔަރުކުރީ މާރިޗް 3، 2017 ގަ އެވެ. އެއީ ފުލުހުންނަށް ލިބިފައިވާ އިތުބާރު ހުރި އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް، އޭނާ ހައްޔަރުކުރީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ކުރިން ހާމަކޮށްފައެއް ނުވެ އެވެ.

    ނަމަވެސް އެއްވެސް ޝަރީއަތެއް ނުކޮށް އޭނާ ބަންދުކޮށްފައި ހުރީ ބިދޭސީން ބަންދުގައި ބަހައްޓާ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގަ އެވެ. އެކަމާ ދެކޮޅަށް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރުމުން، ހާލު ދެރަވެ ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ޔާސިރު ވަނީ މިދިޔަ އާދީއްތަ ދުވަހު މަރުވެފަ އެވެ.

    އެކަމާ ގުޅިގެން އަލީ ހުސެއިން ކުރި ޓުވީޓެއްގައި ބުނީ، ކުރި ދައުވާއެއް ނުވަތަ ހުކުމެއް ނެތި އިންސާނަކު ޖަލެއްގައި ބަންދުކޮށްގެން ގެންގުޅުމަކީ ލާއިންސާނީ ބޮޑު އަނިޔާއެއް ކަމަށެވެ. އަދި އެފަދަ އަނިޔާއަށް ކެތް ނުކުރެވިގެން އުޅެނިކޮށް އޭނާގެ ފުރާނަ ދިއުމުން އެކަމުގެ ޒިންމާ އެ ޖަލު ހިންގާ ދައުލަތަކުން ނަގަންޖެހޭނެ އެވެ.

    ޔާސިރު މަރުވި ފަހުން މޯލްޑިވްސް އިމިގްރޭޝަން، ކަރެކްޝަނަލް ސާވިސް އަދި ފުލުހުން ގުޅިގެން ދަންވަރު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުން، ޔާސިރަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ އެ ޖަމާއަތުގެ އިސް ދައުރެއް އަދާކުރާ އެ ޖަމާއަތުން ހިންގާ މަތީފެންވަރުގެ ޓެެރަރިސްޓު ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެކެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމާއަތުން ހިންގާ ހަރަކާތްްތައް ރާވައި ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތަކުގައި ފުލުހުން ތަހުގީގުކޮށްފައިވާ ދިވެހިންނާ އޭނާ ގުޅުން ބަދަހިކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

    އޭގެ އިތުރުން ޔާސިރަކީ އޭނާގެ އުފަން ގައުމުގެ އިތުރުން ދުނިޔޭގެ އެކިގައުމުތަކުގައި ޓެރަރިޒަމާ ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކުރެވި އެކި ފަހަރުމަތިން ބަންދުކުރެވިފައިވާ މީހެއް ކަމަށާއި އެކި ގައުމުތަކުން ސައްހަ ނޫން ޓްރެވަލް ޑޮކިއުމަންޓްގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކޮށްފައިވާ މީހެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

    ނަމަވެސް މުޖުތަމައަށް ނުރައްކާ ފަރާތެއް ކަމަށް ދައުލަތުގެ އިދާރާތަކުން ނިންމައި އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި ތިން އަހަރާއި 16 ދުވަސް ވަންދެން ދޫކޮށްފައި ބެހެއްޓުމަކީ ދައުލަތުން ކޮށްފައިވާ ތުހުމަތުތަކުގެ އެއްވެސް އަސާސެއް ނެތްކަން އެނގޭ ކަމެއް ކަމަށް ޔާސިރުގެ އާއިލާގެ ވަކީލުން ވަނީ ބުނެފަ އެވެ.

    އޭގެ އިތުރުން ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖޭގައި މީހުން ރެކްރޫޓު ކުރުމަށް އުޅޭ ކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރު ޔާސިރު ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން އޮޅުން ފިލުވައިދީފައެއް ނުވާ ކަމަށް ވެސް ވަކީލުން ފާހަގަކުރެ އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.