• Mon, 19 October, 2020, 8:05 pm
    ޝީރީން(ވ) އަދި ލޯބިވެރިޔާ ނަޖާހު(ކ)--

    ޝީރީންގެ މަރާލިތާ 10 އަހަރު ފަހުން، ކުށް ސާބިތުވެ އޭނާގެ ލޯބިވެރިޔާ ޖަލަށް

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ލ. ގަން،. ތުނޑި/ ހުރަވީ މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ލޯބިވެރިޔާ ލ. ކަޅައިދޫ/ އޯޝަންވިލާ މުހައްމަދު ނަޖާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ނިންމައި އޭނާ 12 އަހަރަށް ޖަލަށް ލާން ދެންމެ ހުކުމް ކޮށްފި އެވެ.

    މީގެ 10 އަހަރު ކުރިން މާފަންނުގައި ހަދަމުން ދިޔަ އިމާރާތެއްގެ ތެރޭގައި ހުރި ކުނިތަކެއްގެ ތެރެއިން ޝީރީން މަރުވެފައި އޮއްވާ ފެނުނީ ޑިސެމްބަރު 31، 2009 ވަނަ ދުވަހު ލޯބިވެރިޔާ ނަޖާހުއާއެކު ދިޔަ ފަހުން ހަބަރެއް ނުވެގެން ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އަދި ލިބުނު ހެކިތަކުގެ މައްޗަށް ބުރަވެ، ނަޖާހުގެ މައްޗަށް 2010 ވަނަ އަހަރު ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން ހުށަހެޅި އެވެ.

    ނަމަވެސް ނަޖާހުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވާވަރުގެ ހެކި ހުށަހަޅާފައި ނުވާތީ ކްރިމިނަލް ކޯޓުން ނިންމީ އެ ދައުވާ ނަޖާހުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. ނަޖާހު ޖަލަށް ލާން ހުކުމްކުރީ ނަޖާހުގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

    ހައިކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސެއިން ޝަހީދެވެ. އެ މައްސަލާގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ދައުލަތުގެ ފަރާތުން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރުމަށް ހުށަހެޅި ނަމަވެސް އެ ދައުވާ ޝަރީއަތަށް ސާބިތު ކުރުމުގައި އެކުށުގެ ތިން ރުކުން ސާބިތުވާންޖެހޭ ކަމަށެވެ. ތިން ވަނަ ރުކުނަކީ މެރުމުގެ ގަސްދު އޮވެގެން އެކަން އެ އަމަލު ހިންގުމެވެ.

    އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކި ގަރީނާތަކުން އެ މައްސަލައިގައި ޝީރީން މަރާލުމަށްފަހު މާފަންނުގައި ހަދަމުންދާ އިމާރާތެއްގެ ތެރެއަށް އެއްލާލީ ނަޖާހުކަން އެނގެން އޮތް ނަމަވެސް ޝީރީން މަރުވެގެން ދިޔައީ ނަޖާހު ޝީރީން މެރުމުގެ ގަސްދުގައި ކުރި އަމަލެއްގެ ސަބަބުންކަން ނުވަތަ ނޫންކަން އެނގެން ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

    ނަމަވެސް ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކުން ނަޖާހުގެ މައްޗަށް ޝިބުހު އަމުދުގެ ކުށް ނުވަތަ "ގަސްދުމަރާއި ވައްތަރުގެ މަރު" ޝަރީއަތަށް ސާބިތުވާ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ ނިންމަވައިފަ އެވެ.

    "މިކުށުގެ ތައުޒީރީ އުގޫބާތެއްގެ ގޮތުން، ލ.ކަޅައިދޫ އޯޝަންވިލާ މުހައްމަދު ނަޖާހު 12 (ބާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި، މަރްޔަމް ޝިރީންގެ ވާރިސުންގެ ފަރާތުން މަރުގެ ދިޔަ މައާފު ނުކުރާހާހިނދު، މަރްޔަމް ޝިރީންގެ މަރުގެ ދިޔައަކީ މުހައްމަދު ނަޖާހުގެ އާގިލާއިން ނުވަތަ މުހައްމަދު ނަޖާހު އަމިއްލައަށް ދޭން އޮތް ދިޔައެއް ކަމާއި، އެދިޔަ ލިބި ގަތުމަށް، މަރްޔަމް ޝިރީންގެ ވާރިސުންނަށް ދަށުކޯޓުގައި ދައުވާ ކުރުމުގެ ހައްގު އޮތްކަން އަންގާ،" އެ ހުކުމުގައި ބުނެފައިވެ އެވެ.

    އޭގެ އިތުރުން ހުކުމުގައި ވަނީ، ނަޖާހު ކުރި ކުށުގެ ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަކީ އޭނާ ކުރި ބޮޑު ފާފައިން ތައުބާވުމަށް އޮތް މަގެއްކަމަށްވާތީ އެކަމަށް ނަސޭހަތްތެރިވެފަ އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.