• Fri, 18 September, 2020, 3:56 pm
  ސްޕެއިންގައި ކޮވިޑް ޖެހިގެން މަރުވި ނަރުހެއްގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ނަރުހުންތަކެއް ރޮނީ --- ފޮޓޯ: އޭޕީ

  ފަރުދީ ޒިންމާ އަދާނުކޮށްފިނަމަ އޭގެ ސަޒާ އެންމެންގެ މައްޗަށް އާންމުވެގެން ދާނެ: ހުތުބާ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ނަފްސުގެ ޒިންމާ އަދާނުކޮށްފިނަމަ އޭގެ ފިތުނަވެރިކަމާއި ސަޒާ އާންމުވެގެން ދާނީ އެންމެންގެ މައްޗަށްކަން ހަނދާންކުރަންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

  "ޒިންމާ ނެގުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިންސާނާގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް ނުވަތަ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން މެނުވީ، އިންސާނާ ދުނިޔެއަށް ފޮނުއްވުނު މަގުސަދު ހާސިލެއް ނުވާނެ ކަމަށާއި އަދި މީސްތަކުންގެ ހަޔާތުން ފަރުދީ ޒިންމާގެ އިހުސާސް ފިލައިގެން ދިއުމަކީ އެބަޔަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތް ކަމަށެވެ. އަދި ފަރުދީ ޒިންމާގެ މަތިން އިންސާނާ ހަނދާންނެތޭ ކޮންމެ ވަގުތަކީ އޭނާ ދުނިޔެއަށް ވުޖޫދުވި މަގުސަދު އޮޅި، ހަޔާތުގެ މިސްރާބު ހަމަ މަގުން ވެއްޓިގެންދާ ވަގުތެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

  މަސްއޫލިއްޔަތާއި ޒިންމާގެ ވައްތަރުތަކުގެ ތެރެއިން އެންމެ މުހިންމު ޒިންމާއަކީ ފަރުދީ ޒިންމާކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، އިންސާނާ ކުރާ ކޮންމެ ކަމަކީ ބުނާ ކޮންމެ ބަހަކީ، ކުރާ ކޮންމެ ހަރަކާތަކީ، އަޅާ ކޮންމެ ފިޔަވަޅަކީ، އެއާމެދު އޭނާ ޒިންމާ ވާންޖެހޭނެ ކަމެއް ކަމަށެވެ. އަދި ގިޔާމަތް ދުވަހުން އެއްވެސް މީހަކަށް އަނެކާ ކުށްވެރި ކޮށްފައި، އަމިއްލަ ނަފްސުގެ ނުބައި އަމަލުތަކުން ބަރީއަވެވޭކަށް ނޯންނާނެ ކަމަށާއި ކޮންމެ މީހަކު ވެސް ޖަވާބުދާރީ ކުރެވޭނީ އެ މީހެއްގެ ފަރުދީ ޒިންމާއާ މެދުގައި ކަމަށް ހުތުބާގައި ބުންޏެވެ.

  ފަރުދީ ޒިންމާ އަދާ ނުކުރާ މީހުން، އެކަމާމެދު ހިތާމަކުރަންޖެހޭނެ ދުވަހެއްގެ މަތިން ހަނދާންކޮށްދެއްވައި ﷲ ތައާލާ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

  "ކޮންމެ ނަފްސެއްމެ، ހެޔޮކަމުގެ ތެރެެއިން، އެ ނަފްސެއް ކުޅަކަމާއި، ނުބައިކަމުގެ ތެރެއިން، އެ ނަފްސެއް ކުޅަކަމެއް ހާޒިރު ކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ ނަފްސެއް ކުޅަ ނުބައިކަމަކާއި އެ ނަފްސަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެތެވެ،"

  ހުތުބާގައި ބުނީ، ފަރުދީ ޒިންމާއަށްފަހު އެންމެ މުހިންމު ޒިންމާއަކީ މުޖުތަމައުގެ ޒިންމާ ކަމަށެވެ. އަދި އެއީ މުޖުތަމައުގެ އުފާފާގަތިކަމާއި ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށްޓަކައި އެންމެންވެގެން އުފުލަންޖެހޭ މަސްއޫލިއްޔަތުތަކެއް ކަމަށާއި ފާހިޝް އަމަލުތަކާއި، އޮޅުވާލުމާއި ފަސާދަ އާއި އަނިޔާވެރިކަމާއި މި ނޫން ވެސް އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ހަޟާރަތު ފުނޑުފުނޑުކޮށްލާ އެންމެހާ ކަމަކުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި، އެންމެން އެއް އަޑަކުން އެއް ހިތަކުން އެއް ރޫހެއްގައި އުފުލަންޖެހޭ މަސްއޫލިއްޔަތުތަކެއް ކަމަށް ހުތުބާގައި ބުންޏެވެ.

  އެގޮތުން ބިދޭސީން މައްސަލަ އާއި ގޮތް ނޭނގޭ ގަތުލުތަކާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި މަނީ ލޯންޑަރިން އާއި ފަސާދައިގެ އެންމެހާ އަމަލުތައް ހުއްޓުވުމުގައި ކަމާބެހޭ މުއައްސަސާތަކާއި މުޅި މުޖުތަމައު އެއްވާނެއްގައި އެއް އަޒުމެއްގައި މަސައްކަތް ނުކޮށްފިނަމަ އޭގެ ހިތިރަހަ އެންެމެންގެ ކަރުބުޑުގައި ލާނެ ކަމަށާއި އޭގެ އަގު ދައްކަން ވެސް ޖެހޭނީ އެންމެން ކަމުގައި ހުތުބާގައި ބުންޏެވެ.

  ހުތުބާގައި ބުނީ، މިއަދު ފެނިގެންދަނީ ޒިންމާ އަދާކުރުމުގައި އިންތިހާއަށް މީސްތަކުން ފަރުވާކުޑަކުރަމުން ދާތަން ކަމަށެވެ. އެގޮތުން ހަލާލެއް ހަރާމެއް ބެލުމެއް ނެތި، ލިބުނު އެއްޗެއް ކަމުންދާ މަންޒަރާއި ރުހުމެއް އިޒުނައެއް ނެތި އަނެކާގެ މުދަލަށް އަރައިގަންނަތަން މިއަދު ފެންނަމުންދާ ކަމަށް ހުތުބާގައި ބުންޏެވެ.

  އޭގެ އިތުރުން ލޭންދޭނަށް ތަކެތި ދޫކުރުމާއި ކުރެވޭ މާލީ މުއާމަލާތްތަކުގައި ރިބާ އެކުލެވިގެންވޭތޯ ނުވަތަ ނޫންތޯ ބަލައިލަނީ ކިތައް މީހުންތޯ އާއި ވިޔަފާރީގެ ތަފާތު އެކި މުއާމަލާތްތައް ކުރަމުން ދަނީ ޝަރީއަތުގައި ހުއްދަކުރައްވާފައިވާ މިންގަނޑަށްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލަނީ ކިތައް ވިޔަފާރިވެރިންތޯ ހުތުބާގައި ސުވާލު އުފެއްދި އެވެ.

  ހުތުބާގައި ބުނީީ، އެކަންކަމާމެދު ވިސްނައި، ފިކުރުކޮށް ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ނަފްސުގެ ޒިންމާ އަދާނުކޮށްފިނަމަ އޭގެ ފިތުނަވެރިކަމާއި ސަޒާ އާންމުވެގެން ދާނީ އެންމެންގެ މައްޗަށްކަން ހަނދާންކުރަންޖެހޭ ކަމަށެވެ. ﷲ ތައާލާ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

  "އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ފިތުނަ އައިސް ޖެހިދާހުށީ، ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަންޏެއް ނޫނެވެ. އަދި ހަމަކަށަވަރުން ﷲ އީ، އުގޫބާތް ގަދަފަދަވެގެންވާ ކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!"

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.