• Thu, 26 November, 2020, 9:11 am

    ކީރިތި ރަސޫލާ ކުރެއްވި ހިޖުރައިން ލިބިދޭ އިބުރަތްތަކާއި ފިލާވަޅުތައް

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އިއްޔެއަކީ ހިޖުރީ އާ އަހަރެއް ފެށުނު ދުވަހެވެ. ހިޖުރައިގެ މަތިވެތި ޒިކުރާ ގުޅިފައިވަނީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ހިޖުރަ ކުރައްވައި، މައްކާއިން މަދީނާއަށް ވަޑައިގެންނެވި މަތިވެރި ހާދިސާއާ އެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެން ދިޔަ ހާދިޘާއެކެވެ. ﷲގެ މަގަށް ގޮވާލައްވަން މައްކާގައި ތޭރަ އަހަރު ދުވަސް ވަންދެން އެކަލޭގެފާނު ހުންނެވުމަށްފަހު އެރަށުގެ އަހުލުވެރިންގެ ފަރާތުން މިކަމަށް އެކަށީގެންވާ އިޖާބައެއް ލިބިވަޑައި ނުގަތުމުގެ އިތުރަސް، އެކަލޭގެފާނު އަވަހާރަކޮށްލަން އެބައިމީހުން ދިޔައީ ރާވަމުންނެވެ. އެ ހިނދު ﷲގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވި އެވެ. އެ ހިސާބުން ފެށިގެން ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅިގެން ދިޔަ އެވެ.

    ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނާލުމަކީ މިއަދު މުހިންމެވެ. އެގޮތުން ހިޖުރައިގެ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާ ފުޅާ މާނައެއް އޮތް ކެމެކެވެ. ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުމެވެ.

    ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތަކެއް އިބުރަތްތަކަކާއި ދަރުސްތަކެއްވެ އެވެ. ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ގުރުބާންވުމުގެ މަތިވެރި ފިލާވަޅެވެ. އެގޮތުން ބަލާއިރު ކީރިތި ރަސޫލާ އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި އާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑއިގެން މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މިދެންނެވި ކަންކަން އިސްލާމްދީނުގެ ދިފާއުގައި ޤުރުބާން ކުރައްވާފަ އެވެ. މިދަތުރުފުޅަށް މައްކާއިން ނުކުމެ ވަޑައިގަންނަވަމުން އެކަލޭގެފާނު ވިދާޅުވި ބަސްފުޅު މުސްލިމުން ހަނދާން ކުރަންޖެހެ އެވެ. އެބަސްފުޅުގެ މާނައިގައިވެ އެވެ.

    "ﷲ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަ ބިމަކީ ﷲގެ ހަޟްރަތުގައި އެންމެ މާތް ބިމެވެ. އަދި ﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބިމެވެ. ތިމަންކެލޭގެފާނު ތިޔަ ބިމުން ނެރެ ނުލެވުނު ނަމަ ތިމަން ކަލޭގެފާނު ތިޔަ ބިމުން ނުކުމެވަޑައި ނުގެންނެވީމުހެވެ."

    ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބު ވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސާފައިވުމެވެ.

    އެގޮތުން ބަހާލެވިފައިވާ މަސައްކަތުގެ ތެރެއިން އަބޫބަކުރުގެފާނު ކުރެއްވި އެއް ކަމަކީ ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީ ތައްޔާރު ކުރައްވަން ފެއްޓެވުމެވެ. މިއީ ފުރިހަމަ ސިއްރިއްޔާތުގައި ކުރެއްވި ކަމެކެވެ. ހަމަ އެފަދައިން ހިޖުރައަށް ނުކުމެވަޑައިގެންނެވި ރޭގައި އަލީގެފާނު ކީރިތި ރަސޫލާގެ ދާންމަތިކޮޅުގައި އަވަހާރަފުޅު ލެއްޕެވި އެވެ. މައްކާގެ މުޝްރިކުން ރަސޫލާ އަވަހާރަ ކޮށްލަން ރާވާފައިވާ ރޭގައި އެކަލޭގެފާނު ދާންމަތި ކޮޅުގައި އަލީގެފާނު އަވަހާރަފުޅުލެއްޕެވީ ފުރާނަފުޅު ގުރުބާންވެ ދިޔަ ނަމަވެސް ރަސޫލާ ދިފާއު ކުރައްވައި އިސްލާމް ދީން ދިފާއު ކުރެއްވުމުގެ މަތިވެރި މަގުސަދުގައެވެ.

    މައްކާއިން ނުކުމެވަޑައިގެން ސައުރު ފަރުބަދައިގެ ހޮހަޅައިގައި އެބޭކަލުން ތިއްބެވި އިރު ފަރިކޮޅު އެރުއްވުމުގެ ކަންތައް ކުރެއްވުމަށް ހަވާލުވެވަޑައިގަތީ އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ ރަޟިޔަﷲ އަންހާ އެވެ. އެކަމަނާ ތަކެތި ހިއްޕަވައިގެން ވަޑައިގެން އެފަރުބަދައަށް އަރުއްވައި އެބޭކަލުންނަށް ފަރިއްކޮޅު އެރުއްވުމަކީ ވެސް ބުރަ އަދި އެހާމެ އުދަނގޫ ބިރުވެރިކަން ބޮޑު ކަމެކެވެ. އޭރު މައްކާގައި ކަންހިނގަމުންދިޔަ ގޮތުގެ ހަބަރުތައް ރަސޫލާ އާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުފާނުގެ ދަރިކަލުން އަބްދުﷲ އެވެ. އަދި ތިން ރޭވަންދެން އެބޭކަލުންގެ އަރިހުގައި ކޮންމެ ރައަކު ވެސް ފަތިސްވަންދެން އެކަލޭގެފާނު އިންނަވަ އެވެ.

    ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުދަނގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމާއެކު ތިބޭނެކަމުގެ ފިލާވަޅު ހިމެނެ އެވެ. ރަސޫލާ އާއި އަބޫބަކުުރުގެފާނު ސައުރުފަރުބަދައިގެ ހޮހަޅައިގައި ތިއްބެވިއިރު އަބޫބަކުރުގެފާނު ރަސޫލާއަށް ދެންނެވި އެވެ. ﷲގެ ރަސޫލާ އެވެ. މައްކާގެ މުޝްރިކުންގެ މީހަކު މިތަނަށް އައިސް ގުދުވެ ތިރިއަށް ބަލައިލި ނަމަވެސް ތިމަންބޭކަލުން މިތިއްބެވި ތަން ފެންނާނެ އެވެ. ފަހެ އެހިނދު ރަސޫލާ ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ.

    "އޭ އަބޫބަކުރުގެފާނެވެ. ތިމަންމެން ދެބޭކަލުން އެކަނި ތިއްބެވި ކަމަށް ހީފުޅު ނުކުރައްވާށެވެ! ތިންވަނަ ފަރާތެއްގެ ގޮތުގައި ﷲ ތިމަން ބޭކަލުންނާއެކު ވޮޑިގެންވެއެވެ."

    އިސްވެ ދެންނެވުނު ސާބިތު ކަމުގައި ރަސޫލާ ދެމިހުންނެވުމުގެ ސަބަބުން އެކަލޭގެފާނަށް ޔަގީންވެ ވަޑައިގެންފައި ވަނީ މާތް ﷲ އެކަލޭގެފާނާއި އަބޫބަކުރުގެފާނު ހިމާޔަތްކުރައްވައި ނަސްރު ދެއްވާނެ ކެމެވެ. އެގޮތުން މައްކާގައި މީހުން ބޮޑު އިނާމު ހުށަހަޅައިގެން ފިޔަވަޅުގެ އަސަރު ބަލައިގެން އެކަލޭގެފާނު ހޯދުމަށް ކުރި މަސައްކަތް ﷲ ސުބްހާނަހޫ ވަތައާލާ ނާކާމިޔާބު ކުރައްވައި އެކަލޭގެފާނަށް ނަސްރު ދެއްވި އެވެ.

    ކަންކަމުގައި ﷲއަށް ވަކީލު ކުރަންޖެހޭ ކަމީ، ހިޖުރައިގެ މި މަތިވެރި ހާދިސާއިން ލިބޭ އެންމެ މުހިންމު އެއް ފިލާވަޅެވެ. ﷲއަށް ވަކީލުކުރުމަކީ އެއްވެސް ހާލެއްގައި ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ތިބުމެއް ނޫނެވެ. ވަކީލުކުރުމަކީ ކަންކަން ކުރުމަށް ހުރި ވަސީލަތްތައް ބޭނުން ހިފުމާއެކު ﷲގެ ހަޒްރަތުން ރައްކާތެރިކަން ލިބޭނޭކަމަށް ޔަގީންކޮށްގެން ތިބުމެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.