• Fri, 18 September, 2020, 3:01 pm
    Muslim man praying

    ބޮޑު ހިތްދަތި ކަމެއް ލިބުނަސް ﷲއަށް ވަކީލު ކޮށްފިނަމަ އޭނާއަށް އެކަލާނގެ ފުދިގެންވޭ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މުއުމިނުންނަށް ދިމާވާ ކޮންމެ ކަމެއްގައި އަދި ކުރިމަތިވާ ކޮންމެ މުސީބާތެއްގައި ވެސް އޭނާގެ މަދަދުގާރަކީ ގަދަކީރިތި ވަންތަ ﷲ ތައާލާ ކަމަށާއި އެހެންކަމުން އޭނާއަށް ދުނިޔެ މަތީގައި ކިތަންމެ ބޮޑު ހިތްދަތި ކަމެއް ލިބުނަސް ﷲ އަށް ވަކީލުކޮށްފިނަމަ އޭނާއަށް އެކަލާނގެ ފުދިގެންވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

    "ހައްގު ގޮތުގައި ﷲ އަށް ވަކީލުކުރުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ﷲ އަށް ވަކީލު ކުރުމަކީ އީމާންކަމާއި އިސްލާމް ކަމާއި އިހުސާން ކަމާ ގުޅި ލާމެހިފައިވާ ކަމެއް ކަމަށާއި ދުންޔަވީ ހަޔާތުގައި އެކަމުގެ އަސަރު އެހާމެ ބޮޑު އަދި ދީނުގެ މަތިވެރިވެގެންވާ ޝިއާރެއް ކަމަށެވެ. އަދި އެއީ ގަދަރު އުފުލިގެންވާ އަމަލެއްގެ އިތުރުން ﷲގެ ލޯބިވެވޮޑިގަތުން ހާސިލު ކުރެވޭނޭ މަގެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

    މާތް ﷲ މި ކާއިނާތުގެ ކަންކަން ތަދްބީރު ކުރައްވައި ރާއްވަވައި، ހިންގަވަނީ އެކަލާނގެ ލައްވާފައިވާ ކައުނީ ސުންނަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ކޮންމެ ކަމެއް ވެސް ވުމަށްޓަކައި އެކަލާނގެ ލައްވާފައިވާ ދުންޔަވީ ސަބަބުތަކެއްވާ ކަމަށެވެ. އެ ސަބަބުތަކުގައި ހިފުމަކީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް، އެކަލާނގެއަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އަދި އެ ސަބަބުތަކަކީ ކަމެއް ހާސިލުކުރުމުގައި މުހިންމު ކަމެއް ނޫން ކަމުގައި ދުށުމަކީ ސިކުނޑީގެ އުނިކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

    ހުތުބާގައި އިތުރަށް ބުނީ، ﷲ އަށް ވަކީލުކުރާ ތައުހީދުގެ އަހުލުވެރިންގެ ގޮތަކީ ހަމައެކަނި ސަބަބުތަކަކަށް ބަރޯސާނުވެ، އެ ސަބަބުތަކަށް އިހުމާލުވެ، ދޫކޮށް ނުލުން ކަމަށާއި ނަމަވެސް ސަބަބުތަކުގައި ހިފައި، ސަބަބުތައް މެދުވެރިކުރައްވާ އާލަމުތަކުގެ ވެރި ރަސްކަލާނގެއަށް އުންމީދު ކުރުން ކަމަށެވެ. އަދި ރަމަލުޖެހުމާއި ފާލުބެލުމާއި އަތްބެލުމާއި ތަވީދު އެޅުން ފަދަ ޝިރުކުގެ އަމަލުތަކުން ދުރުބެ އެއްކިބާވުން ކަމަށް ބުންޏެވެ.

    ހުތުބާގައި ބުނީ، ވަކީލުކުރުމަށް ﷲ ތައާލާ އަމުރު ކުރެއްވުމާއެކު ސަބަބުތަކުގައި ހިފުމަށް ވެސް އަމުރުކުރައްވާފައިވާ ކަމަށާއި ފަހެ ސަބަބުތަކުގައި ހިފުމަށް އަމަލީ ގޮތުން މަސައްކަތް ކުރުމަކީ ﷲ އަށް ވެވޭ ކިޔަމަން ގަތުމެއް ކަމަށެވެ. އަދި އެކަމުގައި މީސްތަކުންނަށް ކެހި ލިބިގެން ދަނީ ވަކީލުކުރުން ކުޑަވުމުން ނުވަތަ ސަބަބުތަކަށް ބަރޯސާވުމުން ކަމަށް ބުންޏޭވެ.

    މުއުމިނުންނަށް ދިމާވާ ކޮންމެ ކަމެއްގައި އަދި ކުރިަމތިވާ ކޮންމެ މުސީބާތެއްގައި ވެސް އޭނާގެ މަދަދުގާރަކީ ގަދަ ކީރިތި ވަންތަ ﷲ ތައާލާކަން ފާހަގަކުރައްވާ ހުތުބާގައި ބުނީ، އޭނާއާ މެދު ބަޔަކު ކިތަންމެ ރޭވުމެއް ރޭވިޔަސް، އަދި ދުނިޔެ މަތީގައި ކިތަންމެ ބޮޑު ހިތްދަތި ކަމެއް ލިބުނަސް ﷲ އަށް ވަކީލުކޮށްފިނަމަ އޭނާއަށް އެކަލާނގެ ފުދިގެންވާ ކަމަށެވެ.

    މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކެލޭގެފާނަށް ﷲ ފުދެ އެވެ. ވަކީލުކުރާ މީހުން ވަކީލު ކުރާހުށީ އެކަލާނގެއަށެވެ!"

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.