• Thu, 3 December, 2020, 6:22 pm
    މަސްމާރުކޭޓް ސަރަހައްދުގައި އާންމުން ހަރަކާތްތެރިވަނީ -- ފޮޓޯ: ސަން

    ރާއްޖޭގެ ދަރަނި 73 ބިލިއަން ރުފިޔާއަށް

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ރާއްޖޭގެ ޖުމްލަ ދަރަނި 73 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

    ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާއްމު ކޮށްފައިވާ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ގެރެންޓީ ދޫކޮށްފައިވާ ދަރަނި ހިމަނައިގެން ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 73.9 ބިލިއަން ރުފިޔާގަ އެވެ. އޭގެ ތެރެއިން ރާއްޖޭގެ ބޭރުގެ ދަރަނި 37.7 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އެތެރޭގެ ދަރަނި ހުރީ 36 ބިލިއަން ރުފިޔާގަ އެވެ.

    ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 108 ޕަސެންޓުގަ އެވެ. އަދި އެތެރޭގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 53 ޕަސެންޓުގައި ހުރި އިރު، ބޭރުގެ ދަރަނި ވަނީ ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 55 ޕަސެންޓުގަ އެވެ.

    މިދިޔަ 41 އަހަރު ތެރޭ ސަރުކާރުން 115 ލޯނެއް ނަގާފައިވާއިރު، އޭގެ ތެރެއިން ލޯނު ދައްކައި ނިމިފައިވަނީ 76 ލޯނަކަށެވެ. އަދި ބާކީ 39 ލޯނެއް އަދިވެސް އެބަ އޮތެވެ.

    މިދިޔަ މަހުގެ ކުރީކޮޅާ ހަމައަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަހަރުގެ ތެރޭގައި ސަރުކާރުން ވަނީ 12 ލޯނެއް ނަގައިފަ އެވެ. އެ ލޯނުގެ ޖުމްލަ 214.7 އަށް އަރަ އެވެ. އެ ލޯނުތަކުގެ ތެރެއިން އެންމެ ބޮޑު ލޯނެއް ދީފައިވަނީ އޮޕެކް ފަންޑާއި ސައުދީ ފަންޑުންނެވެ.

    އޮޕެކް ފަންޑުން ދެ ލޯނެއް މިއަހަރު ދީފައިވެ އެވެ. އެއީ މިއަހަރު ޖަނަވަރީ މަހު ހާބަރާއި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތަކަށް ދިން 50 މިލިއަން ޑޮލަރައި މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ޕީއެސްއައިޕީ ބަޖެޓް ސަޕޯޓަށް ދިން 20 މިލިއަން ޑޮލަރެވެ.

    ސައުދީ ފަންޑުން މިއަހަރު 50 މިލިއަން ޑޮލަރުގެ ލޯނު ދީފައިވެ އެވެ. އެއީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ހިންގާ ޕްރޮޖެކްޓަށާއި ހައުސިން ސްކީމު ޕްރޮޖެކްޓަށް ދިން ލޯނެކެވެ.

    މިދިޔަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައި މިއަހަރުގެ ތެރޭގައި ލޯނު ނަގާފައިވާ ފަރާތްތަކާއި އަދަދު:

    • އޮޕެކް ފަންޑު – 70 މިލިއަން ޑޮލަރު
    • އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) – 18.8 މިލިއަން ޑޮލަރު
    • އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ) - 20 މިލިއަން ޑޮލަރު
    • ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު – 23.6 މިލިއަން ޑޮލަރު
    • އޭޝިއަން ޑިވެލޮޕަމްންޓް ބޭންކު – 25 މިލިއަން ޑޮލަރު
    • ސައުދީ ފަންޑު – 50 މިލިއަން ޑޮލަރު
    • އޭޝިއަން އިންފްރާންސްޓުރަކްޗާ އިންވެސްޓްމަންޓް ބޭންކު – 7.3 މިލިއަން ޑޮލަރު

    ކޮވިޑް 19 އާ ގުޅިގެން ލޯނާއި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް އެކި ގޮތްގޮތުން 222 މިލިއަން ޑޮލަރު ރާއްޖެ އަށް ވަނީ ލިބިފައިވާ އިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވާ ގޮތުން، އިތުރު 700 މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ލިބިފަ އެވެ. އެ ފައިސާގެ ތެރެއިން 345 މިލިއަން ޑޮލަރަކީ ސޮއި ކޮށްފައި ހުރި ފައިސާ ކަމަށް ވެސް ވިދާޅުވި އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.