• Mon, 19 October, 2020, 8:20 pm

    މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލާއި، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރައްވައިފިއެވެ.

    ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި މި 3 ބިލަކީވެސް 18 އޮގަސްޓް 2020 ވީ އަންގާރަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ތިން ބިލެވެ.

    ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލުގައި ރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ ޢަމަލުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި އެފަދަ ވިޔަފާރީގެ ޢަމަލުތައް މަނާކުރުމާއި، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅުއެޅުމާ ގުޅޭ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ. އަދި ވިޔަފާރީގެ ބާޒާރުގައި ނުފޫޒުފޯރުވޭ މަޤާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަޤާމެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުން މަނާކުރުމާއި، އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ އެއްކުރުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއެޅިގެންދާ ދިޔުން ކޮންޓްރޯލްކުރުމުގެ ގޮތުން ކަމާބެހޭ އުޞޫލުތައް އެކުލަވާލުމާއި، އަދި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާބެހޭ ކަންކަން ބަލަހައްޓާ އިދާރާގެ ބާރުތަކާއި މަސްޢޫލިއްޔަތުތައް މިބިލުގައި ބަޔާންކޮށްފައިވެއެވެ.

    ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައަޅައި، އެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުޠުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުޠުތަކާއި ނުވަތަ މިންގަނޑުތަކާ ޚިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޢަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުޞޫލުތައް ބަޔާންކުރުމެވެ. މީގެ އިތުރުން، މުދާ ގަންނަ ފަރާތެއް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ނިގުޅައިގެންފައިވާ ޙާލަތެއްގައި ނުވަތަ އެ ޙައްޤުތަކަށް އުނިކަމެށް ލިބޭ ޙާލަތެއްގައި އެ މައްސަލަތައް ބަލާނެ ފަރާތެއްގެ ގޮތުގައި އޮމްބަޑްސްމަންއެއް ޢައްޔަންކޮށް، އެ ފަރާތުގެ ބާރާއި މަސްއޫލިއްޔަތު ކަނޑައެޅުމާއި، މުދާ ގަންނަ ފަރާތްތަކާއި ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގެއްލުން ލިބޭ ޙާލަތުގައި ބަދަލު ލިބިދިނުމާގުޅޭ އުޞޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

    ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް (ޤާނޫނު ނަމްބަރު 5/2009) 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ކުރެވޭ ޖުރިމަނާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް އެ މިނިސްޓްރީއިން ޤާއިމުކުރަންޖެހޭނެކަމަށް ކަނޑައަޅައިފައިވެއެވެ. އަދި، ޖޫރިމަނާގެ ފައިސާ ނުދައްކާ އޮވެއްޖެނަމަ އެ ފައިސާއަކީ އެމީހަކު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްކަމުގައި ކަނޑައަޅައި ޝަރީޢަތަށް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީއަށް ލިބިގެންވާކަމަށް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

    މީގެ އިތުރުން ތިމާވެއްޓާ ރަށްޓެހިކޮށް ފަރުމާކޮށްފައި ހުންނަ އެއްގަމު އުޅަނދު އަދި ބެޓަރީ ހަކަތަ ނުވަތަ އިރުގެ ހަކަތަ ފަދަ، ތެޔޮ އަންދައިގެން އުފައްދާ ހަކަތަ ނޫން އެހެން ހަކަތައެއް ބޭނުންކޮށްގެން ދުއްވާ އެއްގަމު އުޅަނދު ރަޖިސްޓަރީކުރަން ނުޖެހޭ ގޮތަށް މި އިޞްލާޙުގައި ކަނޑައަޅާފައިވެއެވެ. އަދި، މިނިސްޓްރީން ޤަބޫލުކުރާ އެހެން ޤައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، 90 (ނުވަދިހަ) ދުވަހަށް ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެކަމަށް ކަނޑައަޅުމާއި ޓެކްސީގެ ޚިދުމަތްދިނުމުގެ އުޞޫލަށް ބަދަލުގެނައުމާއި، ޕްރައިވެޓް ހަޔަރގެ ޚިދުމަތް ދެވޭނެ ގޮތްތައް ކަނޑައެޅުމާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު ދަތުރުފަތުރުކުރާ އުޅަނދުފަހަރާމެދު ޢަމަލުކުރެވޭ އިޖުރާއަތުތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.

    ރައީސުލްޖުމްހޫރިއްޔާ މި ބިލުތައް ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ތިން ޤާނޫނު މިއަދު ވަނީ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.