• Thu, 26 November, 2020, 8:59 am
  މާލޭގައި ކާފިއު ހިންގި ދުވަސްކޮޅު ފުލުހުން މަގުމަތީގައި ފޯރި މަރަނީ ---

  ކޮވިޑާ ގުޅޭ ބޮޑު ނަސޭހަތެއް: އަޑުއަހާ! ބަސްއަހާ!

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ކޮވިޑް-19 ރާއްޖެއިން ފެނުމުގެ ކުރިން ވެސް، ހަލުވިކަމާ އެކު ފެތުރޭ މި ބަލީގެ އަލާމާތްތަކާއި، ވައިރަހުން ރައްކާތެރިވާން ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އައީ ފޯރުކޮށްދެމުންނެވެ. ޓީވީތަކުންނާއި، ނޫސްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށެވެ. މާސްކް އަޅާނެ ގޮތާއި ރަނގަޅަށް އަތް ދޮންނާނެ ގޮތް ވެސް ބުނެދިނެވެ. ވައިރަހަށް ދިވެހިންގެ ހޭލުންތެރިކަން ބޮޑުކަން، އެ ދުވަސްވަރު ރާއްޖެ އައި ދެކުނު އެފްރިކާގެ ޑޮކްތަރުންގެ ޓީމުން ފާހަގަކުރުމުން، މިކަމުގައި ކަމާ ބެހޭ ފަރާތްތައް ކުރި މަސައްކަތް ކާމިޔާބުކަން ހާމަވެއެވެ.

  މާލެއިން ކޮވިޑް-19 ފެނުމާ އެކު ފެނުނީ ވަރުގަދަ ފިޔަވަޅުތަކެއް އެޅި ތަނެވެ. މާލެ ސަރަހައްދު ފުރަބަންދުކޮށް، އޮފީސްތަކުގެ މަސައްކަތްތައް ހުއްޓުމަކަށް ގެނައެވެ. ކެފޭ، ހޮޓާ، ރެސްޓޯރަންޓުތަކާއި ޖިމް ފަދަ ތަންތަނުގައި ބަންދު ބޯޑު އެޅުވި އެވެ. ޕާކު ފަދަ ފިނި މައިޒާންތައް މީހުންނަށް މަނާކުރިއެވެ. ބިދޭސީންގެ މެދުގައި ބަލި ފެތުރޭތީ، ތޮއްޖެހިގެން އުޅެމުން ހުއްޓުވަން އެކި ތަންތަނަށް ބަދަލުކުރިއެވެ. މީހުންގެ މޫވްމަންޓުތައް މުޅިން ކަހަލަ ގޮތަކަށް ހުއްޓި، މާލޭގެ ކާރޫބާރޫ ބޮޑު މަގުތައް ހިމޭންވެލިއެވެ.

  ބަލި ފެތުރުން އޭރު ކޮންޓްރޯލްވުމުން ފުރަބަންދުގެ ހާލަތު މުޅިން ކަހަލަ ގޮތަކަށް ނިމުމަކަށް ގެނައެވެ. މާލޭގެ މަންޒަރު ބަދަލުވީ މި ހިސާބުންނެވެ. ތިރިވެފައި އިން ގްރާފުގެ "ގުދު" ކުއްލިއަކަށް މައްޗަށް އަރައިގެން ދިޔައީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ދެން ފެނުނީ ދުވާލެއްގެ މައްޗަށް 100 އިން މަތީގެ އަދަދުތަކުން ކޭސްތައް އިތުރުވި ތަނެވެ. އެއާއެކު ދެން ޖެހުނީ ބޭރުގައި އުޅޭ އިރު މާސްކް އެޅުން މަޖުބޫރުކޮށް، ވަކި ގަޑިތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ކާފިއު ހިންގާށެވެ.

  މަންޒަރު މިގޮތަށް ބަދަލުވެގެން މި ދިޔައީ ކީއްވެގެން ހެއްޔެވެ؟ އާންމުންނަށް އެކަށީގެންވާ މައުލޫމާތު ނުލިބިގެން ހެއްޔެވެ؟ ނުވަތަ އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިގެން ހެއްޔެވެ؟ ނޫނީ އެ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ނުކުރެވިގެން ހެއްޔެވެ؟ ނުވަތަ އާންމުން އެ ފިޔަވަޅުތަކަށް ބޯނުލަނބާތީ ހެއްޔެވެ؟

  ފިޔަވަޅުތައް ތަންފީޒު ނުކުރެވޭ ކަމަކަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ގަބޫލެއް ނުކުރައްވައެވެ.

  "ކޭސްތައް މަދު ނުވަނީ ފިޔަވަޅުތައް ތަންފީޒު ނުވާތީއެކޭ ނުބުނެވޭނެ. ތަންފީޒު ކުރެވޭ. ފުލުހުންނާއި އެޗްޕީއޭގެ އިންސްޕެކްޝަން ޓީމުތަކުން ވެސް ގަވާއިދުން ޗެކް ކުރޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

  "ހުރިހާ ވަގުތެއްގައި، ހުރިހާ ތަނެއްގައި ފުލުހުންނަކަށް ނުތިބެވޭނެ. އެކަމަކު ހަމަ ރަނގަޅަށް ތަންފީޒު ކުރޭ. ނަސޭހަތްދީ ޖޫރިމަނާ ވެސް ކުރޭ."

  ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެގެން މިހާތަނަށް 8000 އެއްހާ މީހުންނަށް ވަނީ ނަސޭހަތްދީފައެވެ. އަދި 3000 އަށް ވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފައެވެ.

  އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ބަލި ކޮންޓްރޯލް ނުވެގެން އުޅެނީ އާންމުން ފިޔަވަޅުތަކަށް ކިޔަމަން ނުވާތީއެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ބަލި ކޮންޓްރޯލް ނުވަނީ ސިޔާސަތުތަކާއި ފިޔަވަޅުތައް ދޯދިޔާކަމުންނެވެ. ފިޔަވަޅުތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރާއި، އެއިން ލިބެނީ ކިހާ ވަރެއްގެ ގެއްލުމެއް ކަން، ސިޔާސަތު އެކަށައަޅަން ތިބޭ މީހުންނަށް ނުވިސްނެނީއެވެ. "ތާކުންތާކު ނުޖެހޭ" ފިޔަވަޅުތަކަށް ބޯލަނބަން އުނދަގޫ ވަނީ އެހެންވެގެންނެވެ.

  ނަމަވެސް ޑރ. ނަޒްލާ ވިދާޅުވީ އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު ކަމަށެވެ. އަދި ފިޔަވަޅު އަޅަނީ ވެސް ހާލަތާ އެކަށީގެންވާ ގޮތަށް އެކަށީގެންވާ މިންވަރަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ގިނަ މީހުން ފިޔަވަޅުތަކަށް ބޯލަނބާ އިރު އުސޫލުތަކާ ހިލާފުވަނީ ވަރަށް މަދު ބައެކެވެ.

  "އަޅުގަނޑުމެން ގަބޫލުކުރަން ދިރިއުޅުމަށް ބަދަލުތައް ގެންނަން ވަގުތު ނަގާނެކަން ވެސް. މީހުން އުޅުން ބަދަލުކުރަން ވަގުތު ނަގާނެ. ދިރިއުޅުމަށް ވެސް ދަތިވާނެ. މި ދަތިތަކާ އެކު ވެސް ވަރަށް ގިނަ މީހުން ތަބާވޭ. ވަރަށް ރަނގަޅު،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

  ކޮންމެ ދުވަހަކު ވެސް 100 އިން މަތީގައި ކޭސްތައް ހުރުމަށް ފަހު، ފާއިތުވި ތިން ދުވަހު ކޭސްތައް ވަނީ 100 އިން ދަށްވެފައެވެ. މި ނަންބަރުތަކާ އެކު ކޮންމެވެެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެ އެވެ. އަދި މި މަހުގެ ފަހުކޮޅަށް ދާއިރު ކޭސްތައް ދަށްވާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ލަފާކޮށްފައެވެ.

  ޑރ. ނަޒްލާ ވިދާޅުވީ ކުޑަކޮށް ވެސް "ނޯމަލް" އަށް އަލުން ދެވޭނީ ބަލި ކޮންޓްރޯލް ކުރެވިގެން ކަމަށެވެ. އެހެންކަމުން ދަތި ނަމަވެސް، ފިޔަވަޅުތަކަށް ބޯލަނބައި، އެޗްޕީއޭ އިން ތަކުރާރުކޮށް އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ދެމުން އަންނަ އިރުޝާދުތަކަށް ހުރިހާ ރައްޔިތުން ވެސް ބޯލެނބުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

  އާންމުންނަށް ލުއި ވާނެ ގޮތަކަށް ފިޔަވަޅުތަކަށް ބަދަލު ގެނެވޭނީ ވެސް ބަލި ޖެހޭ މީހުންނާއި، ކޮންޓެކްޓުންގެ އަދަދު ވަރަށް ބޮޑުތަން ދަށް ކުރެވިގެންނެވެ.

  ޑރ. ނަޒްލާ ވިދާޅުވީ އެޗްއީއޯސީގެ މަގުސަދަކީ އާންމު ސިއްހަތު ރައްކާތެރިކުރުން ކަމަށެވެ. ގޮންޖެހުންތަކާ އެކު ވެސް ރައްޔިތުންގެ އިޖުތިމާއީ އަދި އިގްތިސޯދީ މައްސަލަތައް ވީހާވެސް މަދުކޮށް، އާންމުންގެ ސިއްހަތު ރައްކާތެރިކުރުމެވެ.

  އެޗްޕީއޭ އާއި ސަރުކާރުގެ އެހެން ވުޒާރާތަކާއި އިދާރާތައް ގުޅިގެން ކުރާ ގައުމީ މަސައްކަތަށް އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް ފޯރުވުމުގެ ޖާގަ ނުދެއްވާނެ ކަމުގެ ޔަގީންކަން ވެސް ޑރ. ނަޒްލާ ދެއްވިއެވެ.

  އޭނާ ވިދާޅުވީ ހާލަތާ ބައްދަލު ފިޔަވަޅުތައް އަޅާ، ތަންފީޒުކުރުމުގައި ކަމާ ބެހޭ ފަރާތްތަކުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އެހެންކަމުން އާންމު ރައްޔިތުން ވެސް އެމީހުންގެ ރޯލު އެންމެ ފުރިހަމައަށް އަދާކުރަން އެދިވަޑައިގަތެވެ.

  އަތް ދޮންނާށެވެ. ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރަށް ނުދާށެވެ. ދާ ނަމަ މާސްކް އަޅާށެވެ. ގައިދުރުކަން ބަހައްޓާށެވެ. އަޑު އަހާށެވެ. ތަބާވާށެވެ. މި ބަލި ކޮންޓްރޯލް ކުރެވެން އޮތީ އެންމެން އެކުގައި މަސައްކަތް ކޮށްގެންނެވެ. ނޫން ނަމަ މި ދަތިކަމުގައި ތިބެން ޖެހޭނީ ކިހާ ދުވަހަކު ކަމެއް ވެސް ނޭނގެ އެވެ.

  އެޑިޓަރުގެ ނޯޓު: މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.