• Thu, 3 December, 2020, 6:12 pm

    އަމިއްލަ މަސްލަހަތަށް ޕާޓީ ގުރުބާން ކުރަންއުޅޭ ކަމަށްބުނެ ނަޝީދަށް ފިޔަވަޅު އަޅައިދޭން އެދިއްޖެ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ވަޒީރުންނަށް ނުފޫޒު ފޯރުއްވުމާއި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އަމަލު ކުރައްވާ ކަމުގެ ތުހުމަތުކޮށް އެކަން ހުއްޓުވައިދޭން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުއައިބު އަލީ އެދިވަޑައިގެންފި އެވެ.

    އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އޭނާ ފޮނުއްވި ސިޓީގައި ޝައައިބު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދޮށީ ސިޔާސީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުންނާއި ޕާޓީގެ ފަރާތުން މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ނަޝީދުގެ ވިސްނުންފުޅު މިހާރު ގެންގުޅުއްވަނީ ބަދަލު ހިއްޕެވުމުގެ ރޫހެއްގައި ކަމަށެވެ. އަދި އެ ރޫހުގައި ޕާޓީގެ އުސޫލުތަކާއި ހަމަތަކާއި ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތަށް އެކަނި ލިބިފައިވާ ބާރެއްގެ ބޭނުން ރައީސް ނަޝީދު ޕާޓީގެ ވަސީލަތްތައް ނުހަމަ ގޮތުގައި ބޭނުންކުރައްވަން ފަށާފައިވާ ކަމަށާއި އެކަން ކުރެވިގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

    "މިއަދު ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެސް ރައީސް ނަޝީދު ބޮޑުވަޒީރަކަށް ވުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ރައީސް ނަޝީދު ބޭނުންފުޅުވެ އެވެ. އެކަންކުރަން އަޅުގަނޑުމެން ނުހަނު މަސައްކަތުން އުފެއްދި ޕާޓީ ގުރުބާންކުރާކަށް އަޅުގަނޑުގެ ޒަމީރާއި ފިކުރު ޖާގައެއް ނުދެއެވެ،" ސިޓީގައި ޝުއައިބު ވިދާޅުވެފައިވެ އެވެ.

    އޭނާ އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީގެ ފަސް ވަނަ ބާބުގައި ވަޒީރަކު އަދާކުރަންޖެހޭ ވާޖިބުތަކާއި ވަޒީރުން ޖަވާބުދާރީ ކުރަވަންޖެހޭ ގޮތް ސާފު އިބާރާތުން ބަޔާންކޮށްފައި އޮތުމާއި އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓް ގުރޫޕުގެ ހިންގާ ގަވާއިދާއި ޕާޓީގެ އެކި ގުނަވަންތަކުން އަމަލުކުރަންޖެހޭ ގޮތް ސާފުކޮށް ލިޔެފައި އޮތް ނަމަވެސް ރައީސް ނަޝީދުގެ އަމިއްލަފުޅު މަސްލަހަތަށް އަނެއްކާވެސް ޕާޓީ ގުރުބާންކުރުމަކީ ގައްދާރުވުން ކަމަށެވެ.

    "ހިޔާލު ތަފާތުވިޔަސް ގައުމަށާއި ރައްޔިތުންނަށް ގެއްލުން ލިބި ޕާޓީގެ ވެރިން އެކަކު އަނެކަކަށް ދެފުރަގަސް ޖައްސާ ހިސާބަށް މައްސަލަތައް ގެންދިއުމަކީ ރައްޔިތުން އިތުރަށް ނިކަމެތިވެ ހާސްކަމެއްގެ ތެރެއަށް ވެއްޓޭނެ ކަމެކެވެ. އެމްޑީޕީގެ ވެރިންގެ އިތުބާރު ރައްޔިތުންގެ ތެރޭގައި ގެއްލޭނެ ކަމެކެވެ،" ޝުއަައިބުގެ ސިޓީގައިވެ އެވެ.

    ނަޝީދަށް ބޮޑެތި ތުހުމަތުތަކަކާ އެކު ފިޔަވަޅު އަޅައިދޭން އެދި އެމްޑީޕީގައި ޝުއައިބު މި އެދިވަޑައިގަތީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ނަޝީދު މަސައްކަތްޕުޅު ފައްޓަވާފައި ވަނިކޮށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ފައްޔާޒާ ދެކޮޅަށް 30 ސޮއި މިހާރު ހަމަ ކުރެއްވިފައިވާ ކަމަށާއި ބޭނުންފުޅުވަނީ 35 ސޮއި ހަމަކުރެއްވުމަށް ފަހު، އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވަން ކަމަށް ވެސް ނަޝީދު ވިދާޅުވެފަ އެވެ.

    އޭގެ އިތުރުން މިދިޔަ އަންގާރަ ދުވަހު ވަނީ ހަސަން ލަތީފަށް ފޮނުވި ސިޓީއެއްގައި ރައީސް ނަޝީދު ވަނީ ފައްޔާޒު އަމިއްލަފުޅަށް މަގާމުން އެކަހެރިވެވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.