• Thu, 3 December, 2020, 6:18 pm
    މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު ސުޖާއު --

    ކުރީގެ ޑެޕިއުޓީ މޭޔަރު ސުޖާއުއަށް ދައުވާކުރަން ކޯޓަށް ހުށަހަޅައިފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ސުުޖާއުގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

    މާލޭ ސިޓީގެ ގޯއްޗަކުން އަމިއްލަ ފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމަށް ކުރެހުން ފާސްކޮށް، އިމާރާތްކުރުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދީފައިވާ މައްސަލައިގައި ގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއް ނެތް މިންވަރަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ސާބިތުކުރެވޭތީ އެ މައްސަލައިގައި ސުޖާއުގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.

    ޕީޖީ އޮފީހުން މިއަދު ބުނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން އެ މައްސަލައިގައި ސުޖާއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

    އެ ކުށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރެވޭނެ އެވެ.

    ސުޖާއުގެ މައްޗަށް ދައުވާކުރަން ހުށަހެޅި މައްސަލައިގައި އޭސީސީން ބުނީ، 250 އަކަފޫޓުގެ ބިމެއްގައި މާލޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް އިމާރަތްކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަކަށްކަން ލިޔުންތަކުން އެނގެން އޮތް ނަމަވެސް މައްސަލަ ޖެހުނު ބިމުގައި 12 މީޓަރަށް އިމާރާތެއް އެޅުމަށް ޖެނުއަރީ 15، 2014 ގައި ސުޖާއު ސޮއިކޮށް "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އާއި "އިމާރަތްކުރުމުގެ ހުއްދަ" ދޫކޮށްފައިވާ ކަމަށެވެ.

    އެ ބިމުގައި އިމާރާތްކުރުމުގެ ހުއްދަ ދީފައިވަނީ އޭސީސީން ބުނިގޮތުގައި، ބިމުގައި "ހަތަރު ބުރިއަށް އިމާރާތްކުރުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއިން 1995 ވަނަ އަހަރު ހުއްދަދީފައިވާ ކަމަށް" ޖެނުއަރީ 14، 2014 ގައި ސުުޖާއު ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށެވެ. ނަމަވެސް އެ ބިމުގައި އިމާރާތްކުރުމަށް އެފަދަ ހުއްދައެއް ދީފައިނުވާ ކަމާއި އެއީ މާލެ ޕްލޭނިންގެ ގަވާއިދުގައިވާ ގޮތުން އެ ބިމުގައި އިމާރާތްކުރެވޭ އުސްމިނަށް ވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަ ދިނުމަށް ސުޖާއު ސޮއިކޮށްފައިވާ ލިޔުމެއްކަން ތަހުގީގަށް އެނގޭ ކަމަށް އޭސީސީން ބުންޏެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.