• Thu, 3 December, 2020, 5:52 pm
  އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއި މާލެ ސަރަހައްދުގެ ޕްރިންސިޕަލުންނާއެކު ނައިބު ރައީސް ބޭއްވި ބައްދަލުކުރެއްވުމެއްގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

  ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި އެންމެ ގިނަވެގެން ހުރެވޭނީ އަށް އަހަރު

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން އަށް އަހަރު ކަމަށް ހަމަޖައްސައި ސަރުކާރު ސްކޫލުތަކުގައި ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލެއް މިއަދު އާއްމުކޮށްފި އެވެ.

  ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލާފައިވާ މިއުސޫލު މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އެ އުސޫލު އާއްމުކުރީ އިއްޔެ ނަމަވެސް އުސޫލުގެ ތާރީހެއް ކަމަށް އެ ޖަހާފައިވަނީ ޖެނުއަރީ 16، 2020 އެވެ.

  އެ އުސޫލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ، ސަރުކާރުގެ ސްކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްކޫލުތަކަށް އެންމެ އެކަށީގެންވާ ގާބިލު ޕްރިންސިޕަލުން އައްޔަންކުރުމާއި ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދުމެވެ. އަދި އާ ހިޔާލުތަކާއި ވިސްނުންތަކަށް ބިނާކޮށް ސްކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުމެވެ.

  އެ އުސޫލުގައި ބުނެފައިވަނީ ޕްރިންސިޕަލުންގެ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމަކަށްވާއިރު ސްކޫލުތަކަށް ބޭނުންވާ ޕްރިންސިޕަލުން ހޯދަން އިއުލާނުކުރަންވާނީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ޕްރިންސިޕަލުން މަގާމަށް ހޮވާ ފަރާތެއް ކަނޑައަޅާނީ "ތައުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް މީހުން ހޮވުމުގައި މާކުސް ދިނުމުގެ އުސޫލު"ގައި ބަޔާންކުރާ މިންގަނޑާ އެއްގޮތަށް ކަމަށާއި އަދި އެ މަގާމަކީ ސިވިލް ސާވިސް ކޮމިޝަންގެ "ދާއިމީ" ގިންތީގައި ހިމެނޭ މަގާމަކަށްވާތީ އެ މުވައްޒަފުންނާމެދު އަމަލުކުރެވޭނީ ސިވިލް ސާވިސް ގަވައިދުގެ ތެރެއިން އެ ތިންގީގެ މުވައްޒަފުންނާމެދު އަމަލުކުރާ ގޮތަށް ކަމަށް އުސޫލުގައިވެ އެވެ.

  ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލު ކަނޑައަޅާނީ އުސޫލުގައި ބުނާގޮތުން، އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހިމެނޭގޮތަށް އެކުލަވާލާ ފަސް މެމްބަރުންގެ ދާއިމީ ކޮމިޓީއަކުންނެވެ. އެ ކޮމިޓީ އެކުލަވާލަން ޖެހޭނީ ވެސް ޕީއެސް އެވެ.

  މިހާތަނަށް އަމަލުކުރަމުން އައިގޮތަށް ބަލާއިރު ސްކޫލަކަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކުރުމަށްފަހު އެ މީހަކާ އިންޓަވިއު ކުރަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕެނަލަކުންނެވެ.

  އުސޫލުގައި އިތުރަށް ބުނީ، ޕްރިންސިޕަލްގެ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އޮނިގަނޑުގެ ދާއިމީ މަގާމަކަށް ވިއަސް ޕްރިންސިޕަލުން ތިބެން ޖެހޭނީ އެ މަގާމެއްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރުގެ ސްކޫލެއްގައި ޓެނުއަޝިޕުގައި ކަމަށެވެ. އެގޮތަށް ސަރުކާރު ސްކޫލެއްގައި ޕްރިންސިޕަލްގެ މަގާމުގައި ހުރެވޭނެ މުއްދަތަކީ ހަތަރު އަހަރު ކަމަށާއި އަދި އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭނީ ވިދިވިދިގެން އަށް އަހަރު ކަމަށް ވެސް އުސޫލުގައިވެ އެވެ.

  ނަމަވެސް ޓެނުއާޝިޕްގެ މުއްދަތުގައި ޓެނުއާޝިޕް އެހެން ސްކޫލަކަށް ބަދަލުކުރުމާމެދު ގޮތެއް ނިންމާނީ ކޮމިޓީން ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. މީގެ ކުރިން ނަމަވެސް ޕްރިންސިޕަލަކަށް ސްކޫލެއްގައި ކިތަންމެ ދުވަހެއް ވަންދެން ވެސް މަސައްކަތްކުރެވޭނެ އެވެ.

  ޓެނުއާޝިޕް އުސޫލުން ޕްރިންސިޕަލުން ސްކޫލުތަކަށް ހަމަޖައްސަން އިންޓާނަލީ އިއުލާނުކުރަން ޖެހޭނެ އެވެ. އެގޮތަށް ކުރާ އިއުލާނުގައި އެ ވަގުތު ޕްރިންސިޕަލުން ޓެނުއަޝިޕް އުސޫލުން ހަމަޖައްސަން ބޭނުންވާ ސްކޫލުތައް ބަޔަންކުރަންވާނެ އެވެ. އަދި ޓެނުއަޝިޕް އުސޫލުން ޕްރިންސިޕަލުން ސްކޫލުތަކަށް ހަމަޖެއްސުމުގައި ޕާފޯމަންސް އެޕްރައިޒަލް އަށް 50 މާކްސް އަދި ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައަޅާ ކޮމިޓީގެ ގާބިލްކަން ދެނެގަތުމަށް ކުރާ އިންޓަވިއުއަށް ވެސް 50 މާކްސް ކަނޑައަޅާފައިވެ އެވެ.

  އުސޫލުގައި ބުނެފައިވާ ގޮތުން، އެ އުސޫލު އާއްމުކުރާ ދުވަހުން ފެށިގެން އެއަށް އަމަލުކުރަންޖެހެ އެވެ. އެއާއެކު ސަރުކާރުގެ ސްކޫލުތަކުގެ އިދާރީީ އޮނިގަނޑުގައި ތިބި ޕްރިންސިޕަލުން އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލުވާނެ އެވެ. އެ ޕްރިންސިޕަލުންނަށް އެއް އަހަރު ދުވަހުގެ ތެރޭގައި ޕްރިންސިޕަލުންގެ ޓެނުއަޝިޕް ހަމަޖައްސައި ނިންމަންޖެހޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.