• Fri, 18 September, 2020, 3:03 pm

  އާ ސީޕްލޭން ޓާމިނަލްގެ ލައުންޖުތައް ކުއްޔަށް ދޭން ހުޅުވާލައިފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ވެލާނާ އިންޓަނޭޝަނަލް ޓާމިނަލް (ވީއައިއޭ)ގެ އާ ސީޕްލޭން ޓާމިނަލްގެ ލައުންޖުތައް ކުއްޔަށް ހިފާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.

  އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރި އިއުލާނެއްގައި ބުނީ، ސީޕްލޭން ޓާމިނަލް އިމާރާތުގެ "އެކްޒެކެޓިވް ލައުންޖު" ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް ކުއްޔަށް ހިފާނެ ފަރާތް ތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

  އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ ހެދުނު 11:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދޭ ކަމަށް އިއުލާނުގައިވެ އެވެ.

  ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަން ފޮތް އީމެއިލް ކުރެވޭނެ ކަމަށެވެ.

  އިއުލާނުގައި ބުނެފައިވާ ގޮތުން، އެކަމަށް ކުރިމަތިލާ ފަރާތްތަކަކީ ސީޕްލޭން، ޓުއޯރ ނުވަތަ ރިސޯޓު އޮޕަރޭޓަރަކަށް ވާންޖެހޭނެ އެވެ. އަދި 10,000 ޑޮލަރު (ނޫނީ އެޔާ އެކަށީގެންވާ ދިވެހި ރުފިޔާ) ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަން ވާނެ އެވެ.

  ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 އެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ވެސް އެދުވަހު އެވެ.

  ވީއައިއޭ އާ ސީޕްލޭން ޓާމިނަލް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހެދި އާ ސީޕްލޭން ޓާމިނަލްއަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ އިމާރާތެކެވެ.

  އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްގެން އެތަނުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު އެވެ. އެ އިމާރާތް ހަދާފައިވަނީ 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކައިގެންނެވެ.

  އެ ޓާމިނަލް ނިންމާ މި އަހަރުގެ މެއި މަހު ބޭނުން ކުރަން ފެށޭނެ ކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ބުނި ނަމަވެސް ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް އެއްކޮށް ދޭން އުޅޭ ކަމަށް ބުނެ މައްސަލަ ހޫނުވި އެވެ. ނަމަވެސް ސަރުކާރު މެދުވެރި ވެގެން މިހާރު ވަނީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދޭން ނިންމައިފަ އެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ސީޕްލޭން ޓާމިނަލް ހިންގަން ފަށަން ޖެހޭނީ އެމްއޭސީއެލުންނެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.