• Fri, 18 September, 2020, 3:31 pm

  ހުޅުމާލެ މެޑިކަލް ފެސިލިޓީ ހަދާފައިވަނީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި: އޮޑިޓް

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ކޮވިޑް-19 ގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި ހުޅުމާލޭގައި ހެދި 300 އެނދުގެ މެޑިކަލް ފެސިލިޓީ ހަދާފައިވަނީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައިކަން ކޮވިޑާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ކޮވިޑް ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

  އެންޑީއެމްއޭގެ އޮޑިޓުގައި ބުނެފައިވާ ގޮތުގައި ހުޅުމާލެގައި ވަގުތީ މެޑިކަލް ފެސިލިޓީއެއް ހެދުމަށް 29 މާރިޗުު 2020 ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާދެމެދު ވެފައިވާ "ހޭންޑް އޯވާ އެއްބަސްވުމުގެ ދަށުން، ހުޅުމާލޭއިން ޖުމްލަ 42071 އަކަ ފޫޓުގެ ބިމާއި އެބިމުގައިވާ އިމާރާތްތައް އެންޑީއެމްއޭއާ ހަވާލުކޮށްފައިވެ އެވެ.

  ނަމަވެސް ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ ހުރި އިމާރާތްތަކާއި ބިމަކީ، އަމިއްލަ ފަރާތަކަށް 2012 ވަނަ އަހަރު މޮރިޝަސް ކޮމާޝަލް ބޭންކް މޯލްޑިވްސް އިން ދޫކޮށްފައިވާ 4.3 މިލިއަން ޑޮލަރުގެ ލޯނަކަށް ރަހުނު ކޮށްފައިވާ ތަނެއް ކަމަށާއި އަދި ލޯނު ނެގި ފަރާތުން ގަވާއިދުން އަނބުރާ ލޯނު ނުދެއްކުމުގެ ސަބަބުން، އެ ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ ތަންތަން ވިއްކާލުމުގެ ހައްގު މޮރިޝަސް ކޮމާޝަލް ބޭންކަށް ސިވިލް ކޯޓު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރި ހުކުމެއްގައި ބަޔާންކޮށްފައިވާ ކަމަށް އޮޑިޓުގައިވެ އެވެ.

  އެ ބިމުގައި މެޑިކަލް ފެސިލިޓީ ގާއިމުކުރުމަށް ނިމްމުމާ ގުޅިގެން އެޗްޑީސީ އާއި މޮރިޝަސް ކޮމާޝަލް ބޭންކާ ދެމެދު 24 މާރޗު 2020 ގައި ހޭންޑް އޯވާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި އެގޮތުން އެ އެއްބަސްވުމުގައި، އެތަނުގައި ހަދާފައި ހުރި ކޮންކްރީޓު ސްޓްރަކްޗާއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށާއި އިތުރު އެހެން އެއްވެސް ބަދަލެއް ތަނަށް ގެނެސްފައިވާނަމަ އެ ބަދަލުތައް އެނގޭނެހެން ލިޔެކިޔުން ބަލަހައްޓަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

  އޮޑިޓު ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި އެއްބަސްވުމުގެ މުއްދަތަކީ ތިން މަސް ދުވަސް ކަމަށާއި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދެފަރާތުން އިތުރު އެއްބަސްވުމަކަށް އަންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

  މެޑިކަލް ފެސިލިޓީއެއްގެ ގޮތުގައި އެތަން ބަދަލުކުރުމަށާއި އެތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި އެހެނިހެން ހަރަދުތަކަށް ދައުލަތުން ޖުމްލަ 24 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އޭގެ ތެރެއިން މެޑިކަލް ފެސިލިޓީއަކަށް އިމާރާތް ބަދަލުކުރުމަށް 4.6 މިލިއަން ރުފިޔާ އަދި މެޑިކަލް ސާމާނާއި އެހެނިހެން ހަރަދުތަކަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.