• Tue, 27 October, 2020, 8:26 am

    ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ސިފައިންނާއި ފުލުހުންނަށް 44.5 މިލިއަން ރުފިޔާ ދޫކޮށްފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ކޮވިޑް-19އާ ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތްކުރާ މީހުންނަށް ސަރުކާރުން ދޭން ނިންމާފައިވާ އެލަވެންސްގެ ތެރެއިން ސިފައިންނާއި ފުލުހުންނަށް މިހާތަނަށް 44.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

    ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ އެލެވަންސެއް ދޭނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އަދި އެ އެލަވެންސްގެ ތެރެއިން ބޮޑުބައެއް މިމަހުގެ ކުރީކޮޅާ ހަމައަށް ވަނީ ދޫކޮށްފަ އެވެ. ނަމަވެސް އެ އެލަވެންސް ފުލުހުންނާއި ސިފައިންނަށް ލިބުން ލަސްވަމުންދާތީ އެކަމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ.

    މިމަހުގެ ކުރީކޮޅު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް، ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވި ގޮތުގައި ސިފައިންނާއި ފުލުހުންނަށް އެލަވެންސް ދިނުން ލަސްވަނީ އެ ދެ މުއައްސަސާގެ މުވައްޒަފުންނަށް އެލަވެންސް ދިނުމުގެ އުސޫލާ ގުޅޭގޮތުން ބައެއް ކަންތައްތައް ނިންމަން ޖެހުމުންނެވެ.

    އެގޮތުން އެމްއެންޑީއެފްގެ 3،246 ފަރާތަކަށް އަދި 3،017 ފުލުހަކަށް އެލަވެންސްގެ ގޮތުގައި 80 މިލިއަން ރުފިޔާ ދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ބުންޏެވެ.

    ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، އެމްއެންޑީއެފާއި ފުލުހުންގެ 6518 މުވައްޒަފުންނަށް 44.5 މިލިއަން ރުފިޔާ އިއްޔެ ޖަމާކޮށްފައިވާ ކަމަށެވެ. އެއީ ސިފައިންގެ 3334 މުވައްޒަފަކަށް 24 މިލިއަން ރުފިޔާ އަދި ފުލުހުންގެ 3184 މުވައްޒަފަކަށް 20.5 މިލިއަން ރުފިޔާ އެވެ.

    މިއީ ކުރިން އެ މިނިސްޓްރީން އިއުލާންކުރި ނަންބަރުތަކަށްވުރެ 255 މީހުންގެ އިތުރުވުމެކެވެ.

    ފިނޭންސް މިނިސްޓްރީން ބުނީ، މިއާއެކު ފްރަންޓްލައިން އެލަވެންސްގެ ގޮތުގައި 78 މިލިއަން ރުފިޔާ މިހާތަނަށް ދޫކުރެވިފައިވާ ކަމަށެވެ.

    ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވެންސް ދިނުމަށް ނިންމާފައިވަނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް  ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.

    ފްރަންޓްލައިންގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނުވަތަ ބަލި ހުރެދާނެ ކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި މި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި ނަރުހުންނާއި ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި ލެބް ޓެކްނީޝަނުންނާއި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި/ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ.

    މީޑިއަމް ރިސްކު މީހުންނަކީ ޕޮޒިޓިވްވާ މީހުންނަށް ސީދާ ގޮތުން ހިދުމަތް ދޭން ނުޖެހޭ ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އަދި ލޯ ރިސްކު މީހުންނަކީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް އެންއީއޯސީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.