• Thu, 3 December, 2020, 6:04 pm
  ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: މިހާރު

  ޒިކުރާ މިސްކިތުގެ ކޮރަޕްޝަން މައްސަލައިގައި ކުރީގެ މިނިސްޓަރު ޒިޔާދަށް ދައުވާކުރަން ފޮނުވައިފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރަށް ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިއްޖެ އެވެ.

  އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މައްސަލައިގައި ޒިޔާދުގެ އިތުރުން އޭރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުވާ ކޮށްދޭން އެދިފައިވާނެ ކަމަށެވެ.

  މިނިސްޓަރު ކަމުގައި ޒިޔާދު ހުންނެވި އިރު "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރިއަށް ޒިކުރާ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ ޖުލައި 9، 2018 ގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 30 މިލިއަން ރުފިޔާ ދޭން ނިންމީ ސަރުކާރުންނެވެ.

  އޭސީސީން ބުނިގޮތުގައި، ޒިކުރާ މިސްކިތުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި ބީލަމަށް ނުލައި ބަޔަކާ ހަވާލުކުރުމުގެ ހުއްދައަށް އެދި ދެ ފަހަރެއްގެ މަތިން ރައީސް އޮފީހުގައި އެދުމަށް ފަހު، ހުއްދަ ނުލިބެނީސް އެސްޖޭއާ ހަވާލުކުރީ އެންމެ ލުއިގޮތް ހުށަހެޅީ އެ ކުންފުނިން ކަމަށް ބުނެ އެވެ.

  އޭގެ އިތުރުން އެ ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަން ކަމަށް ގަބޫލުކުރެވޭ ގޮތަށް، އޭރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒިޔާދު ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވީ ނަމަވެސް އެ ޕްރޮޕޯސަލްތަކަކީ ކިހިނެއް، ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.

  އޭސީސީން އިތުރަށް ބުނީ، އިސްލާމިކް މިނިސްޓްރީން އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީގައި އާންމުކޮށް ކަންކުރާ އުސޫލުން ނޫން ކަމަށާއި އެފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވާ އެ މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު އެ ޕްރޮޕޯސަލްތައް ހޯދުމުގައި ބައިވެރިވެފައިނުވާ ކަމަށެވެ.

  އެގޮތުން ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާ އާއި 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ޒިޔާދަށް ދައުވާކޮށްދޭން އެދުނީ ޒިކުރާ މަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަން ތަހުގީގުން ހޯދުނު ކިތާބީ ހެކިތަކުންނާއި ޝަފަހީ ހެކިތަކުން ސާބިތުކުރެވޭތީ ކަމަށާއި އަދި އެއީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި، އެ ނޫން ގޮތަކަށް އަމަލުކުރަން އެއްބަސްވުމެއްގައި ސޮއިކޮށް، ބޮޑު ގެއްލުމެއް ލިބިފައިވާތީ ކަމަށް ވެސް އޭސީސީން ބުންޏެވެ.

  މި މައްސަލައިގައި ސައީދުގެ މައްޗަށް ދައުވާ އުފުލީ ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް ބިން ހަވާލުކުރާ ލިޔުމުގައި ސޮއިކޮށް ބިން ހަވާލުކޮށްފައިވާތީ އެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.