• Tue, 27 October, 2020, 8:30 am

    މުދަލަކީ ބައެއް ފަހަރު ފިތުނައެއް، އަނެއްބައި ފަހަރު ސުވަރުގެ ވަނުމަށް އޮތް ސަބަބެއް: ހުތުބާ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ޒަކާތް ގުޅިފައިވަނީ ނަފްސުތައް އެ އެއްޗެއްގެ މައްޗަށް ނުހަނު ލޯބިޖެހިފައިވާ މުދަލާ ކަމަށާއި ނަމަވެސް މުދަލަކީ ޒީނަތެއްގެ އިތުރުން ބައެއް ފަހަރު ނުރައްކާތެރި ފިތުނައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

    "ޒަކާތުގެ މުހިންމުކަމާއި އޭގެ މަތިވެރިކަން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މުދަލަކީ އެ އެއްޗަކަށްޓަކައި އިންސާނުންގެ ހިތްތަކުގައި ގަދަވެގެންވާ ލޯތްބެއް ޖެހިފައިވާ އެއްޗެއް ކަމަށާއި ނަމަވެސް މުދަލަށް ލޯބި ކުރުމުގައި މުހިންމު ދެ ކަމެއްގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށެވެ.

    ފުރަތަމަ ކަމަކީ މުދަލަކީ ﷲގެ މިލްކެއް ކަމާއި އެކަލާނގެ އިންސާނުންނާ މުދާ ހަވާލުކުރައްވާފައިވަނީ އޭގެ ހައްގުވެރިންނަށް ރައްދުކޮށްދިނުމަށްޓާކައި އަމާނާތެއްގެ ގޮތުގައިކަން ގަބޫލުކުރުމެވެ. ދެވަނަ ކަމަކީ މުދާ ހޭދަކުރަން ޖެހޭނީ ވެސް އެކަލާނގެ ބަޔާންކުރައްވާފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރޭގައިކަން ދެނެގަތުމެވެ.

    އެގޮތުން ހަތަރު ކަމަކާ ބެހޭ ގޮތުން އަޅާއާ ސުވާލު ކުރެވިއްޖެއުމަށް ދާންދެން ގިޔާމަތް ދުވަހު އޭނާގެ ފައިތިލަ ހުރިތަނުން ގުޑާވެސް ނުލެވޭ ކަމަށާއި އޭގެ ތެރޭގައި އޭނާގެ މުދާ ހޯދީ ކިހިނެތްތޯ އާއި އަދި އެ މުދާ، ހޭދަކުރީ ކޮން ކަމެއްގައި ކިހިނެތްތޯ ސުވާލު ކުރެވޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

    ހުތުބާގައި ބުނީ، އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން ކޮންމެ ރުކުނަކީ އެއާމެދު ހާއްސަ ސަމާލުކަމެއް ދީ، ފަތުރާވެރިކަމާއެކު އަދާކުރަންޖެހޭ ރުކުނެއް ކަމަށާއި ނަމަވެސް އެ ރުކުންތަކުގެ ތެރެއިން ޒަކާތަކީ އެ އަޅުކަން އަދާކުރުމުގައި ބައެއް މުސްލިމުން ފަރުވާކުޑަކުރަމުންދާ ނުވަތަ ފަސްޖެހޭ އަޅުކަމެއްކަން ފާހަގަކުރެވޭ ކަމަށެވެ.

    ޒަކާތް ގުޅިފައިވަނީ ނަފްސުތައް އެ އެއްޗެއްގެ މައްޗަށް ނުހަނު ލޯބިޖެހިފައިވާ މުދަލާކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، މުދަލަކީ ޒީނަތެއްގެ އިތުރުން ބައެއް ފަހަރު ނުރައްކާތެރި ފިތުނައެއް ކަމަށެވެ. އަދި އެއީ ހެޔޮގޮތުގައި އޭގެ ބޭނުން ހިފައި، ޒަކާތް ނެރެ، ސަދަގާތް ދީ އުޅޭނަމަ ސުވަރުގެ ވަނުމަށް އޮތް ސަބަބެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

    އޭގެ އިތުރުން ޒަކާތަކީ މުދަލަށް ތާހިރުކަމާއި އިތުރުވުން ގެނުވައިދޭ އަޅުކަމެއް ކަމަށާއި އުނިކަމާއި ފަސާދައިން މުދާ ރައްކާތެރިކޮށް، ސަލާމަތްކޮށްދޭ އަމަލެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ. އަދި ތަނަވަސްކަން ލިބިފައިވާ މީހުންގެ މުދަލުގައި އޭގެ ހައްގުވެރިންނަށްޓަކައި ﷲ ލެއްވެވީ ސާޅީސް ބައިކުޅަ އެއްބައިކަމުން އެ މިންވަރާމެދު ދަހިވެތިކަން ފާޅުނުކުރުމަށް ހުތުބާގައި ގޮވާލި އެވެ.

    "އެ މިންވަރާމެދު ދަހިވެތިކަން ފާޅުނުކުރައްވާށެވެ! އެ މިންވަރު ނެރުން ފަސްނުކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން މުދަލު ޒަކާތަށް އިހުމާލުވުމަކީ ދުނިޔެ އާއި އާހިރަތުގައި ތިބާގެ ހަލާކު ކަމުގައި ވެދާނެ އެވެ. މުދަލުގެ ބަރަކާތް ނެތި އެ މުދަލަކީ ވަބާއެއް ކަމުގައި ވެދާނެ އެވެ. ވައީދުގެ ބަސްފުޅުގައި އައިސްފައިވާފަދައިން ގިޔާމަތް ދުވަހުގައި ގަދަފަދަ ވޭންދެނިވި އަޒާބަށް ހުށަހެޅިގެންދާ މީހަކަށް ވެގެން ހިނގައިދާނެ އެވެ،" ހުތުބާގައި ބުންޏެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.