• Thu, 3 December, 2020, 6:52 pm

    ދަތުރު ދިއުމާއި ޕާޓީ ބޭއްވުން އިތުރުވެއްޖެ، މިއީ ގްރީން ޒޯނަށް ދާން އެޅޭނެ ހުރަހެއް: ޑރ. ނަޒްލާ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މިދިޔަ ދެ ދުވަހު ޕާޓީތައް ބޭއްވުމާއި ދަތުރު ދިއުން ފަދަ ހަރަކާތްތައް އިތުރުވެފައިވާ ކަމަށާއި މިއީ ގްރީން ޒޯނަށް ދާން އެޅޭނެ ހުރަހެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

    އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ، މިދިޔަ ހަފްތާ ބަންދުގައި ޕާޓީތައް ބޭއްވުމާއި ދަތުރުދިއުން ފަދަ ކަންކަން އިތުރުވިތަން ފެނުމަކީ ކަންބޮޑުވާ މަންޒަރެއް ކަމަށާއި އެއީ އުންމީދު ކުރި ގޮތް ނޫން ކަމަށެވެ.

    "މި ދެ ދުވަހު އަޅުގަނޑުމެންނަށް ފެނުނީ ދަތުރު ދިއުމާއި ޕާޓީ ބޭއްވުމާއި މަގުމައްޗަށް ގިނަ އަދަދަކަށް މީހުން ނުކުތުން ފަދަ ކަންކަން. މިއީ ކުރިން އަޅުގަނޑުމެން ދެއްކި ގްރީން ޒޯނަށް ދާން އެޅޭ ހުރަހަކަށް ވާނެ. ދާން ނަގާ މުއްދަތު ގިނަވާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

    އޭނާ ވިދާޅުވީ، މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތައް މަދުވި ކަމުގައި ވިޔަސް ރާއްޖެއިން ކޮވިޑް ނެތުނީ ކަމަށް ނުވަތަ ކޮވިޑު ބަލިން އެއްކޮށް ރަނގަޅުވީ ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ފަރުވާ ކުޑަ ކުރެއްވިއްޖެނަމަ ކޭސްތައް މަދުވެފައި އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމުގެ އިންޒާރު ޑރ. ނަޒްލާ ދެއްވި އެވެ.

    މިހާރު މަސައްކަތް ކުރަންވީ ބަލި ޖެހޭ މީހުންގެ އަދަދު ވީހާވެސް މަދުކުރުމަށް ކަމަށާއި އެހެންކަމުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް ވެސް ޑރ. ނަޒްލާ އިލްތިމާސް ކުރެއްވި އެވެ.

    މިދިޔަ ބުރާސްފަތި ދުވަހު އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވެސް ވަނީ ކޮވިޑުގެ ހާލަތު އަދިވެސް ގްރީން ޒޯނަށް ނުދާ ކަމަށާއި ހުރިހާ ލުޔެއް ދިނުން ރައްކާތެރި ނޫން ކަމަށް ވިދާޅުވެފަ އެވެ.

    "ވަރަށް މުހިންމު އަދިވެސް ދެތިން ހަފުތާ މެޝާސްއާ އެއްކޮށް، ސަސްޓެއިންކޮށް ގްރީން ޒޯނުގައި ބަހައްޓަން މަސައްކަތް ކުރުން. އެއީ ބަލީގެ އިންކިއުބޭޝަން ޕީރިއަޑް އަޅުގަނޑުމެން ގްރީން ޒޯނުގައި ބަހައްޓައިގެން މެނޭޖުކޮށްލެވިއްޖެއްޔާ އެ ފެތުރޭ މިންވަރު ދަށްވެގެންދާނެ. އެހެންވީމާ އަދި ސޭފްއެއް ނޫނޭ ހުރިހާ ރެސްޓްރިކްޓިވް މެޝާސް ނަގާކަށެއް،" ޑރ. ޝީނާ ވިދާޅުވި އެވެ.

    އޭނާ އިތުރަށް ވިދާޅުވީ، ފިޔަވަޅުތައް އެޅި ނަމަވެސް، ކޮވިޑުގެ ވެކްސިނެއް ލިބެންދެން ބަލީގެ ނުރައްކާ އޮންނާނެ ކަމަށެވެ. އަދި ވެކްސިނެއް ނުލިބެނީސް ކުރިން އުޅުނު ދިރިއުޅުމަށް އަނބުރާ ނުދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.