ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަބްދުﷲ ފަޔާޒު މުސާރަ ލިބޭ ގޮތައް އެއް މަހަށް ސަސްޕެންޑްކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނީ ފަޔާޒާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނާތީ މުސާރަ ލިބޭ ގޮތަށް އެއް މަސް ދުވަހަށް އޭނާ ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭނާއާ ގުޅޭގޮތުން ބަލަމުން އަންނަނީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ.
ފަޔާޒު ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ސަސްޕެންޑް ކޮށްފައިވާއިރު ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ އައިޝަތު ސޫޒަން ހަނީފް ވެސް ވަނީ އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު އޭނާ ސަސްޕެންޑް ކުރީ ސޫޒަންއާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކެއް ބެލުމަށާއި އެ ކޮމިޝަންގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީގައި ހިންގި ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އިދާރީ ގޮތުން ބަލަންޖެހޭ މައްސަލަތައް ބަލައި ނިމެންދެކަށެވެ.