• Thu, 3 December, 2020, 6:36 pm

    ހުކުރު ހުތުބާގައި އުމުރުން ދުވަސްވީ މައިންބަފައިންނަށް ދިވެހިން ޖައްސާ ހިތްދަތި ހާލުގެ ވާހަކަތައް!

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ބާރެއްނެތި ބަލިހާލުގައި އުޅެންޖެހޭ ދުވަހު ލޮބުވެތި މައިންބަފައިންނަށް ޖައްސާ އެތައް ހާލެއްގެ ހިތްދަތި ވާހަކަތައް މިއަދުގެ ހުކުރު ހުތުބާގައި ހިއްސާކޮށްފި އެވެ.

    ''އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމާއި އަޅައިލުން'' މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ކޮންމެ އާއިލާއަކުން އެ އާއިލާއެއްގެ އުމުރުން ދުވަސްވީ މީހުން ބެލުމާއި އެމީހުންނަށް ލޯތްބާއި އަޅާލުން ދިނުމަށް ގަދަ އަމުރުން އަމުރު ކުރައްވާފައިވާ ކަމަށެވެ. އަދި މާތް ﷲ އެކަނި އަޅުކަން ކުރުމަށްފަހު، ދެން އަމުރު ކުރައްވާފައިވަނީ އުމުރުން ދުވަސްވީ މައިން ބަފައިންނަށް އިހްސާންތެރިވުމަށާއި ނުރުހުމުގެ ގޮތުން އެމީހުންނާ ދިމާއަށް އުއްފު ވެސް ނުބުނުމަށް ކަމަށް ބުންޏެވެ.

    އަދި އުމުރުން ދުވަސްވީ މީހުންނަށް ހެޔޮކޮށް ހިތުމާއި ހެޔޮ ފޯރުވުމާއި އިހްސާންތެރިވުމާއި މުޖުތަމައުގެ ކަންތައްތަކުގައި ބައިވެރިކުރުމާއި ކަންކަމުގައި މަޝްވަރާ އާއި ހިޔާލު ހޯދުމަކީ ކުރާ ކަންކަމުގައި މާތް ﷲ ބަރަކާތް ލައްވާނެ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

    ނަމަވެސް ދިވެހި މުޖުތަމައުން އުމުރުން ދުވަސްވީ މީހުންނާމެދު ވަމުންދާ އެތައް އިހުމާލެއްގެ ވާހަކަ ހުކުރު ހުތުބާގައި ވަނީ ކިޔައިދީފަ އެވެ.

    ހުތުބާގައި ބުނީ، އުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކޮށް، މަލާމާތްކޮށް އުޅުމަކީ މަދުން ނަަމަވެސް މުޖުތަމައުން ފެންނަމުން އަންނަ ހިތާމަވެރި މަންޒަރެއް ކަމަށާއި އާއިލާގެ މީހުންގެ ފަރާތުންނާއި ދުރު މީހުންގެ ފަރާތުން އެފަދަ ފުރައްސާރަ ކުރުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

    އޭގެ އިތުރުން ޖިސްމާނީ ގޮތުން ގެއްލުން ދިނުމާއި ނަފްސާނީ ގޮތުން ބަލިކަށި ކޮށްލުމަށް އެކަނިވެރިކަމުގެ ތެރެއަށް އުމުރުން ދުވަސްވީ މީހުން ދޫކޮށްލައި، މާއްދީ ގޮތުން ވެސް އުމުރުން ދުވަސްވީ މީހުންނަށް ގެއްލުން ދިނުމަކީ މިއަދު މުޖުތަމައުގެ ބައެއް ފަރުދުންގެ ފަރާތުން ފެންނަ އަމަލެއް ކަމަށް ހުތުބާގައި ބުންޏެވެ.

    އަދި އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި އޭގެ ތެރޭގައި އާއިލާގެ ތެރެއިންނާއި މުޖުތަމައުގެ ތެެރެއިން ވެސް ވެވޭ އިހުމާލުތައް ފާހަގަކުރެވޭ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

    "ތިމާމެން އަރާމު ތަންމަތީގައި ފިނި ކޮޓަރިތަކުގައި ނިދާއިރު އެ ތަނަވަސްކަމާއި މުއްސަނދިން ހޯދައި ދިނުމަށް މަސައްކަތްކުރި އުމުރުން ދުވަސްވެފައިވާ މައިންބަފައިން ވައިރޯޅީގެ ފިނިކަމެއް އަމުދުން ލިބެން ނެތް ހުރަގެތަކުގައި ގެންގުޅޭކަމީ ދެބަސްވެވެން ނެތް ހިތި ހަގީގަތެކެވެ،" ހުތުބާގައި ބުންޏެވެ.

    ހުތުބާގައި އިތުރަށް ބުނީ، އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ އިނާޔަތުގެ ފައިސާ އެމީހުންނަށް ނޭނގި ބޭނުން ކުރުމަކީ މުޖުތަމައުން ފެންނަ އަމަލެއް ކަމަށެވެ. އަދި އެމީހުންނަށް ލިބޭ މާލީ އިނާޔަތަކީ އެފަދަ މީހުން ބަލަހައްޓާ މީހުންނަށް ލިބެންޖެހޭ އެއްޗެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ދެކި، މާލީ އިނާޔަތާ ހެދި އާއިލާގެ ތެރޭގައި އަރައިރުންވެ މަސްލަހަތު ގެއްލި، އުމުރުން ދުވަސްވީ މީހުންނަށް އިތުރު ނަފްސާނީ މައްސަލަތަކާ ކުރިމަތިލާންޖެހޭކަން ވެސް ހުތުބާގައި ފާހަގަކުރި އެވެ.

    އޭގެ އިތުރުން އުމުރުން ދުވަސްވެ ގައިބާރު ދެރަވުމުން ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ފޮނުވާލާކަން ފާހަގަކޮށް ހުތުބާގައި ބުނީ، ގައި ބާރުދޫވެ، އަޅާލުން ބޭނުންވެ، އެފަދަ މަރުކަޒުތަކުގައި މިހާރު ތިބެންޖެހިފައިވާ މީހުންނަކީ ވެސް އެމީހުންގެ ޒުވާންކަމުގެ ހަކަތަ ގައުމާއި ދަރިންނަށްޓަކައި ހޭދަކުރި އިސް ރަށްވެހިން ކަމަށެވެ. އަދި އެމީހުންނަށް މުޖުތަމައުގެ ފަރުދުންނާއި އާއިލާގެ ލޯތްބާއި އަޅާލުން އެންމެ ބޭނުންވި ދުވަހު ގެއިން ބޭރުކޮށްލަނީ ތިމާގެ ހަޔާތަށް ވެސް އެދުވަސް އަންނާނެކަމުގެ ވިސްނުމެއް ފިކުރެއްނެތި ކަމަށް ބުންޏެވެ.

    ހުތުބާގައި ބުނީ، އޭގެ އިތުރުން މައިންބަފައިން ގައިގައި އާރާއިބާރު ހުންނައިރު މާމަކާފަ ކުދިން ބަލާ، ނުވަތަ ގޭގައި މަސައްކަތްކުރާ މަސައްކަތު މީހުންގެ ގޮތުގައި އެ ލޮބުވެތި މައިންބަފައިން އުޅެންޖެހޭކަމީ މަދުން ނަމަވެސް މުޖުތަމައުން ފެންނަ ހިތްދަތި މަންޒަރެއް ކަމަށެވެ.

    އެގޮތުން އެފަދަ މައިންބަފައިން ދުވާލުދާ ހަރަތުދަމު، ހިންދެމިލާނެ ވަގުތެއްނެތި 24 ގަޑިއިރުހެން އުޅެންޖެހެނީ މާމަ ނުވަތަ ކާފަ ދަރިން ބެލުމަށާއި ގޭތެރޭގެ މަސައްކަތުގައި އަވަދިނެތި ކަމަށާއި ހަމަޖެހިލައިގެން ގައިންތާހިރުވެލާނެ ވަގުތެއް ނުވަތަ ހަމަޖެހިލައިގެން ނަމާދުކޮށް ގުރުއާނުން އަކުރެއް ކިޔާލާނެ ވަގުތެއް ނެތި ކަމަށް ހުތުބާގައި ބުންޏެވެ.

    "މި މަސައްކަތްތައް ކުރެވޭނެ ބާރެއްނެތި ބަލިހާލުގައި އުޅެންޖެހޭ ދުވަހު އެ ލޮބުވެތި މައިންބަފައިން ގެއިން ނެރެލަނީ ކިތައް ކިތައް ދަރިންތޯއެވެ،" ހުތުބާގައި ސުވާލުކުރި އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.