• Tue, 27 October, 2020, 5:46 am

    ބައްޕަ ދަރިންނާއެކު ގިނަ ވަގުތު ހޭދަކުރާނަމަ އެކުދިންނަށް އެތައް ފައިދާއެއް ކުރޭ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ދަރިން ބެލުމަކީ ދެމަފިރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ނަމަވެސް މިއަދު ބައެއް މީހުންނަށް ވިސްނިފައިވަނީ އެއީ ހަމައެކަނި މަންމަމެންގެ ޒިންމާއެއްގެ ގޮތުގަ އެވެ. އެއީ އަންހެނުން ކުރަންޖެހޭ ކަމެއްގެ ގޮތުގަ އެވެ. ދަރިންނާއެކު ވަގުތު ހޭދަކޮށް، އެކުދިން އުފާކޮށްދިނުމަކީ ވެސް ހަމައެކަނި މަންމަގެ ކަމެއްގެ ގޮތުގައި ގަބޫލުކުރާ ކިތަންމެ މީހަކު އުޅެ އެވެ.

    އޭގެ އިތުރުން ދަރިން ތަރުބިއްޔަތު ކުރުމަކީ ފިރިހެނުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ދެކޭ މީހުން ވެސް ވަކި މަދެއް ނޫނެވެ. ގިނަ މީހުންނަށް މިއަދު ވިސްނިފައިވަނީ ދަރިން ދެކެ ބޮޑަށް ލޯބި ވަނީ އަދި ދަރިންނާ ބޮޑަށް އަޅާލަނީ ވެސް މަންމައިން ކަމަށެވެ. މި ވިސްނުން މިގޮތަށް އައުމުގައި އަޅުގަނޑުމެން ކިޔާ ފޮތްތަކާއި ބަލާ ފިލްމުތަކާއި ފެންނަ މަންޒަރުތައް ވަރަށް ބޮޑުރޯލެއް އަދާ ކުރެ އެވެ.

    ބައްޕައާއެކު ގިނަވަގުތު ހޭދަކުރާ ކުދިންގެ ވިސްނުން ރަނގަޅު

    ދަރިންނާއެކު ވަގުތު ހޭދަކުރުމަކީ ބައެއް ބައްޕައިންނަށް ލިބޭ އުފަލެއް ކަމުގައި ވިޔަސް ދަރިންނަށް ވަގުތު ނުދެވޭ ބައްޕައިން ތިބޭ ކަމަށް ގަބޫލު ކުރަންޖެހެ އެވެ. އަދާކުރާ މަސައްކަތުގެ ގޮތުން ނުވަތަ އުޅެންޖެހޭ ގޮތެއްގެ ސަބަބުން ނަމަވެސް ދަރިންނާއެކު ވަގުތު ހޭދަ ނުކުރެވުމީ އެކަމުގެ ސަބަބުން އެތައް ފައިދާ ތަކަކުން ދަރިން މަޙުރޫމުވާ ކަމެކެވެ. މިގޮތުން ދަރިންގެ ވިސްނުން ފުރިހަމަވުމުގައި ބައްޕައިންގެ ދައުރު ބޮޑު ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެގޮތުން ބައްޕައާއެކު ގިނަވަގުތު އުޅޭ އެއް އަހަރަށްދާ އުމުރުގެ ކުދިން، ބައްޕައާއެކު ވަގުތު ހޭދަނުކުރާ އެ އުމުރުގެ ކުދިންނަށްވުރެ ވިސްނުން މާބޮޑުތަން ވެސް ރަނގަޅެވެ. އަދި ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާ ކުދިންގެ އުމުރުން ތިން އަހަރަށް ދާއިރު، ވިސްނުން ފުޅާވެ، މައްސަލަތައް ފަސޭހައިން ހައްލުކޮށް، އައިކިއު (ވިސްނުން ދެނެގަތުމުގެ ޓެސްޓު) އިން މަތިން ހޯދާކަން ފާހަގަކުރެވޭ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.

    ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާ ކުދިންގެ ނަތީޖާ ރަނގަޅު

    ބައްޕައާއެކު ގިނަވަގުތު ހޭދަކުރާ ދަރިންވަރުންގެ ވިސްނުން ރަނގަޅުވުމީ އެ ދަރިވަރުންގެ ނަތީޖާއަށް ވެސް އޭގެ އަސަރު ކުރާނެ ކަމެކެވެ. މިގޮތުން ބައްޕައާއެކު ގިނަ ވަގުތު ހޭދަ ކުރާ ކުދިން ސްކޫލަށް ދާހިތްވާލެއް ބޮޑުވުމާއި އިތުރު ޙަރަކާތްތަކުގައި ބައިވެރިވާހިތްވުމާއި ސްކޫލަށް ގަވައިދުން ހާޒިރުވާކަން ފާހަގަކުރެވޭ ކަމަށް ދިރާސާތަކުން އެނގެ އެވެ. އެކަމުގެ ނަތީޖާއަކީ ދަރިވަރުންގެ ޢިލްމީ ނަތީޖާ ރަނގަޅުވުމެވެ. ސައިންސްވެރިން ވިދާޅުވާ ގޮތުން ބައްޕައާއެކު ގިނަވަގުތު ހޭދަކުރާ ކުދިންގެ ކިޔެވުމުގެ ނަތީޖާ ބައްޕައާއެކު ގިނަ ވަގުތު ހޭދަ ނުކުރާ ކުދިންނަށްވުރެ ރަނގަޅެވެ. ހާއްސަކޮށް މުވާސަލާތުކުރުމާއި ހިސާބު ޢިލްމަށް މޮޅުކަން ފާހަގަކުރެވޭކަމަށް ސައިންސްވެރިން ވިދާޅުވެ އެވެ.

    ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާ ކުދިން ކުރިމަގާމެދު މާބޮޑަށް ވިސްނާ

    ތަޢުލީ މީގޮތުން ކުއްޖާ މޮޅުވުމަކީ ކުއްޖާގެ ކުރިމަގު އުޖާލާވާނެ ކަމެކެވެ. ފަސޭހަކަމާއެކު ވަޒީފާ ލިބުމަށް މަގުފަހިވާނެ ކަމެކެވެ. ކާމިޔާބުކަމާއެކު ވަޒީފާ އަދާކޮށްފައިވާ ގިނަ މީހުން ވަޒީފާ އަދާކޮށްފައިވަނީ އެންމެ ކުޑައިރުއްސުރެއް ވެސް އެ ވަޒީފާތަކަށް ޝައުގުވެރި ވެގެންނެވެ. ކުރިއަށްދާނެ ދާއިރާއެއް ކަނޑައެޅި އެ އުންމީދުތަކާއެކު މަސައްކަތްކޮށްގެނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބައްޕައާއެކު ގިނަވަގުތު އުޅޭ ކުދިންނަށް ކެރިއަރު އިހްތިޔާރު ކުރުމަށް ފަސޭހަވެ އެވެ. އަދި އިގުތިޞާދީ ކަންކަމަށް ދަރިން ލޯހުޅުވޭލެއް ބޮޑުވެ، ވަޒީފާ އަދާކުރުމުގެ ރޫޙު އެކުދިންގެ ހިތުގައި ވަރަށް ބޮޑަށް އުފެދޭ ކަމަށް ދައްކަ އެވެ. މިކަންކަމަކީ ދަރިންގެ ކުރިމަގު އުޖާލާވެނެ ކަންކަމެވެ. އެކުދިންގެ ކުރިމަގު އުޖާލާކޮށްދޭނެ ކަންކަމެވެ.

    ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާ ކުދިންގެ އިޖްތިމާއީ ގުޅުން މާ ބަދަހި

    ބައްޕައާ އެކު ގިނަވަގުތު ހޭދަކުރުމަކީ އިދިކީލި އިހުސާސްތަކުން ކުދިން ދުރުކޮށްދޭ ކަމަކަށްވާއިރު، އެކަމުގެ ސަބަބުން ރައްޓެހިންނާ އޮންނަ ގުޅުން ބަދަހި ކޮށްދެ އެވެ. ކުދިންނާ ޖެހޭ މައްސަލަތައް މަދުވެ އަމިއްލައަށް ކަންކަންކުރުމުގެ ހިތްވަރު ލިބި، އަނެކާގެ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި ފަސޭހަކަމާއެކު އެހީތެރިކަން ހޯދާކަން ފާހަގަ ކުރެވޭ ކަމަށް ސައިންސް ވެރިން ވިދާޅުވެ އެވެ. އަދި ބައްޕައާއެކު ގިނަވަގުތު ހޭދަކުރާ ކުދިން އެހެން މީހުންނާ ގުޅި، ކަންކަމުގައި ބައިވެރިވާ މިންވަރު އިތުރެވެ. އަދި އެކުވެރިންނާ އޮންނަގުޅުން ރަނގަޅުވެ، ރަނގަޅު ރަޙުމަތްތެރިން އިހްތިޔާރުކުރުމުގެ ފުރުސަތު ބޮޑުވެ، ކުދިންގެ މަގުބޫލުކަން ފަސޭހަކަމާއެކު ހޯދެ އެވެ. މިކަންކަމުގެ ސަބަބުން އިޖަތިމާއީ ގުޅުންތައް ހަރުދަނާވެ މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވާ މިންވަރު އިތުރުވެ އެވެ.

    އެހެންކަމުން ކޮންމެ މަންމަ އަކާއި ބައްޕައަކު ވެސް ކުދިންނަށް ވަގުތު ދިނުމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. އެކުދިން ހިތްހަމަޖައްސާލުމަކަށް އެކަންޏެއް ނޫނެނެވެ. އެކުދިން އުފާކޮށްދިނުމަށް އެކަންޏެއް ނޫނެވެ. ދަރިންގެ ކުރިމަގު އުޖާލާކޮށް، ކާމިޔާބު ހަޔާތެއް ދަރިންނަށް ހޯދައި ދިނުމަށްޓަކަ އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.