• Tue, 27 October, 2020, 4:52 am

  މުއުމިނު ފިރިހެނުންނާއި އަންހެނުން ވެސް އެމީހުންގެ ބެލުންތައް ތިރިކުރުމަށް އަމުރު ކުރައްވާފައިވޭ!

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  އަހުލާގީ ރިވެތި ސިފަތަކުގެ ތެރޭގައި މަގުމަތީގެ އަދަބުތައް ހިމެނެ އެވެ. މަގުމައްޗަށް ނުކުމެ ހިނގާބިނގާވެ އުޅޭއިރު މީސްތަކުން ވަނީ އެއްބަޔަކު އަނެއްބަޔަކާ ގުޅި ލާމެހިގެންނެނެވެ. އެހެންކަމުން ހިނގާ މަގުތަކަށް ވެސް ހައްގުތަކެއް ކަނޑައެޅިގެންވެ އެވެ. އެ ހައްގުތައް ރައްކާޓެރި ކުރެވޭނީ އެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންގެ އަމަލުތައް ބަހައްޓާ ގޮތަކުންނެވެ.

  މަގުމަތީގެ އަދަބުތަކުގެ ތެރެއިން މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއްވާނެ ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ކަމަށާއި އަދި ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން މީސްމީހުންގެ ގޭތެރެ ބަލައި، އެތަންތަނުގައި ހުރީ ކޮންއެއްޗެއްތޯ އާއި އުޅެނީ ކޮން ބައެއްތޯ ހޯދައި ބެލުމަކީ އަހްލާގީ ގޮތުން ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ.

  އެހެނީ ބެލުންތައް ތިރި ކުރުމަށް ކީރިތި ޤުރުއާނުގައި އަމުރު ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެ އެވެ.

  "މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށް ކަލޭގެފާނު އަމުރު ކުރައްވާށެވެ!" އެހެން އަމުރުފުޅެއްގެ މާނައިގައިވެ އެވެ. "މުއުމިނު އަންހެނުންނަށް، އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށް ކަލޭގެފާނު އަމުރު ކުރައްވާށެވެ!"

  ފަހެ ގިޔާމަތްދުވަހު އަޅާ، އޭނާގެ ލޮލުން ބަލައި އުޅުނު ތަންތަނާއި ތަކެއްޗާމެދު އޭނާއާ ސުވާލުކުރެވޭނެ އެވެ. އެކަން އަންގަވައި ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

  "ހަމަކަށަވަރުން، އިވުމާއި ފެނުމާއި ހިތާއި މިއިން ކޮންމެ ކަމަކީ އެއާމެދު ސުވާލު ކުރައްވާނެ ކަމެއް ކަމުގައި ވިއެވެ،"

  މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންތައްތަކުން ދުރުހެލިވުން ހިމެނެ އެވެ. އެއީ ބުނާ ބަހަކުން ކަމުގައި ވިޔަސް، ކުރާ އަމަލަކުން ކަމުގައި ވިޔަސް، ކުރާ އިޝާރާތަކުން ނުވަތަ ބަލާބެލުމަކުން ކަމުގައި ވިޔަސްމެ އެވެ.

  މަގުމަތީގެ ހައްގު އަދާކުރުމުގެ ތެރޭގައި ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުން ހިމެނެ އެވެ. ހިނގާފައިދާ މީހުންގެ ފަރާތުން އެހެން މީހުންނަށް ކުރާ ގޯނާ ހުއްޓުވުމާއި މާރާމާރީ ހިންގާ މީހުންގެ އަމަލުތައް ހުއްޓުވުން ހިމެނެ އެވެ. އެފަދަ އަމަލުތައް ކުރާ މީހުންނަށް ނަސޭހަތްދީ އެކަންތައްތައް ހުއްޓުވުމަށް މަސައްކަތް ނުކުރާނަމަ، ތިބާއަކީ މަގުމަތީގެ ހައްގުތައް ފުރިހަމައަށް އަދާކުރާ މީހަކަށް ނުވާނެ އެވެ.

  މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މަގުތައް ސާފުތާހިރުކޮށް ބޭއްވުން ހިމެނެ އެވެ. ގޯތިގެދޮރުގައި އުފެދޭ ކުނި، މަގުމައްޗަށް އުކާލާ މީހުން އުޅެ އެވެ. ބޭނުންކޮށްފައި އޮންނަ ޓިޝޫ އާއި ހުސްވެފައި ހުންނަ ފުޅި އާއި ދަޅު ފަދަ ތަކެތި މަގުމައްޗަށާއި ގޮނޑުދޮށަށް އުކާލުމާއި މަގުމައްޗާއި ގޮނޑުދޮށް ގޮނޑުވާ ފަދަ ތިމާވެއްޓަށް ގެއްލުން ހުރި އަމަލުތައް ކުރާތަން ފެންނަ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.

  އެހެނީ މަގުތަކުގެ ހައްަގު އަދާކުރުމަށްޓާކައި މަގުމަތިން ކުނިބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ. ރަސޫލާ ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ.

  "އީމާންކަން ހަތްދިހަ އެތައް ބަޔަކަށް ނުވަތަ ފަސްދޮޅަސް އެތައް ބަޔަކަށް ބެހިފައިވެ އެވެ. އީމާންކަމުގެ އެންމެ މާތް އަދި މަތީ ދަރަޖައަކީ ﷲ މެނުވީ ހައްގުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާކަމަށް ހިތުގެ އަޑިން ގަބޫލުކޮށް، އީމާންވުމެވެ. އަދި މަގުމަތިން ކުނި ބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ އެންމެ ކުޑަ މިންވަރެވެ،"

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.