• Mon, 30 November, 2020, 3:17 pm

  ބޭކާރު ހޭދަކުރުމަކީ ދީނުގައި ހިމެނޭ ކަމެއް ނޫން، ކުރަން ނުޖެހޭ ހަރަދުތަކަށް ދަރަނި ނެގުމަކީ އިސްރާފެއް: ހުތުބާ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  އިސްރާފު ކުރުމާއި ބޭކާރު ކަންކަމުގައި ހޭދަކުރުމަކީ އިސްލާމް ދީނުގައި ހިމެނޭ ކަންކަމެއް ނޫންކަން ކަމަށާއި އަދި ކުރަން ނުޖެހޭ ހަރަދުތައް ކުރުމަށް ދަރަނި ނެގުމަކީ އިސްރާފެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

  "ކާބޯތަކެތީގެ ނިއުމަތަށް ޝުކުރުކުރުމާއި އިސްރާފު ނުކުރުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ބަޔަކަށް މުއްސަނދިކަން ލިބިއްޖެނަމަ ބޮޑާވެ، ބޭކާރު ގޮތުގައި މުދާތައް އިސްރާފު ކުރަން ފަށާފާނެ ކަމަށެވެ. އަދި އިސްރާފު ކުރުމަކީ ޝައިތާނާގެ އަމަލެއް ކަމަށާއި އެއީ އެކަމުގެ ގެއްލުން ސިއްހީ ގޮތުންނާއި މާލީ ގޮތުން މުޖުތަމައުއަށް ފޯރާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.

  އިސްރާފަކީ ކޮންމެ ކަމެއްގައި ވެސް ހައްދު ފަހަނައަޅައި ދިއުން ކަމަށާއި އެއީ ހަމައެކަނި ކެއުން ބުއިމާ ގުޅިފައިވާ ކަމެއް ނޫންކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، އުރެދުންތަކަށް އަރައިގަތުން ގިނަކޮށް، ކުފްރުވުމާ ހަމައަށް ހިނގައްޖެނަމަ އެއީ ވެސް އިސްރާފު ކުރުން ކަމަށެވެ.

  އެގޮތުން ކާބޯތަކެތި ގުދަންކޮށް ހެޔޮ ގޮތުގައި އެތަކެތީގެ ބޭނުން ނުހިފައި، އޭގެ ހައްގު އަދާނުކޮށް ބެހެއްޓުމާއި ފޭރާމާއި ހިފައި ގެންގުޅޭ ތަކެތި ހިސާބަށް ވުރެ ގިނަކުރުމަކީ ވެސް އިސްރާފު ކުރުން ކަމަށް ހުތުބާގައި ބުންޏެވެ.

  ހުތުބާގައި ބުނީ ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ ކާއެއްޗެހި އުކާނުލައި، އެތަކެތި ބޭނުންކުރުމަށް އިސްލާމްދީން ބާރު އަޅާ ކަމަށެވެ. އެހެނީ ކާބޯތަކެއްޗަކީ ﷲގެ ނިއުމަތެއް ކަމަށާއި އެ ތަކެތި އުކާލުމަކީ ނިއުމަތުގެ ވެރި ފަރާތަށް ހަރާންކޯރުވުން ކަމުގައި ހުތުބާގައި ބުންޏެވެ. އަދި މުދާ ހަލާކުކޮށް، އުކާލުމަކީ އިސްރާފު ކުރުމަށްވުރެ ވެސް ނުބައި ކަމެއް ކަމަށް ބުންޏެވެ.

  އިސްރާފު ކުރުމާއި ބޭކާރު ކަންކަމުގައި ހޭދަކުރުމަކީ އިސްލާމް ދީނުގައި ހިމެނޭ ކަންކަމެއް ނޫންކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ މުސްލިމުންގެ ގޮތަކީ ހައްގު ގޮތުގައި މުދާ އެއްކޮށް، ބޭނުންތެރި ކަންކަމަށް ހޭދަކުރުން ކަމަށެވެ. އަދި މުސްލިމުންނަކީ ދިމާވާ ދަތި ހާލަތްތަކުގައި ވެސް އެހެން މީހުންނަށް ބެލުމެއް ނެތި، ކާބޯތަކެއްޗާއި މުދާ ގަނެ، ގުދަންކުރާ ބައެއް ނޫން ކަމަށް ބުންޏެވެ.

  "މިއަދު އިސްރާފަކީ ހަމައެކަނި މުއްސަނދިންގެ އަމަލެއް ނޫނެވެ. އަތްމަތި ދަތި މީހުން ވެސް ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ނޫން ހަރަދުތައް ކުރުމަށްޓަކައި ދަރަނިތައް ނަގަމުންދާތަން ފެނެއެވެ. ޒަމާނާއެކު ތަނަވަސް މީހުންނާ ފައިހަމަކުރުމުގެ ބަހަނާގަ އެވެ. މުސްލިމުންނަކީ ލިބޭ އެއްޗަކުން ފުއްދާލައިގެން ދިރިއުޅޭ ބައެކެވެ،" ހުތުބާގައި ބުންޏެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.