• Tue, 24 November, 2020, 11:12 pm
  ރާއްޖެ އައި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބައިގެން ބަހަށް އަރަނީ --- ފޮޓޯ: ވީއައިއޭ ޓުވިޓާ އެކައުންޓް

  ތިން މަސް ތެރޭގައި ރާއްޖެއަށް 32،000 ޓޫރިސްޓުން އަތުވެއްޖެ، 11 އެއާލައިނަކުން ދަތުރުތައް ފަށައިފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން މިވީ ތިން ވަރަކަށް މަސް ތެރޭގައި ރާއްޖެއަށް 30،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

  ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް 27 ގައެވެ. އަދި އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ ޖުލައި މަހުގެ 15 ގައެވެ.

  ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރެފައިވާ ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ބަޔާންކުރާ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ޖުލައި 15 އިން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 31،801 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އަދި މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 414،648 އަށް އަރައިފަ އެވެ.

  ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ޖުލައި މަހުން ފެށިގެން މިވީ ތިން ވަރަކަށް މަސް ދުވަސް ތެރޭގައި ކޮންމެ މަހަކު ވެސް ރާއްޖެ އަންނަ ފަތުރުވެރިން އަންނަނީ އިތުރުވަމުންނެވެ.

  އެގޮތުން ޖުލައި 15 އިން ފެށިގެން އެ މަހުގެ ނިޔަލަށް ރާއްޖެ އައީ އެންމެ 1752 ފަތުރުވެރިންނެވެ. ނަމަވެސް އެ އަދަދު އޮގަސްޓް މަހު 7628 އަށް އިތުރުވި އިރު، މިދިޔަ ސެޕްޓެމްބަރު މަހު 9538 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

  އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނަނީ 12934 ފަތުރުވެރިއެކެވެ. އެހެންކަމުން މިމަހުގެ ނިޔަލަށް ރާއްޖެއަށް ގާތްގަނޑަކަށް 15،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ބެލެވެ އެވެ.

  ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. ދެން ހިމެނެނީ ޔޫއޭއީ އާއި އެމެރިކާ އެވެ.

  ރާއްޖެއަށް މިހާރު ދަތުރުކުރަމުން އަންނަނީ 11 އެއާލައިނަކުންނެވެ. އެއީ ރަޝިއާގެ އޭރޯފްލޮޓް، އިންޑިއާގެ އިންޑިގޯ އާއި އެއާ އިންޑިއާ އަދި ސްޕައިސް ޖެޓް، ދުބާއީގެ އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސް، ގަތަރުގެ ގަތަރު އެއާވޭސް، ތުރުކީގެ ޓާކިސް އެއާލައިންސްގެ އިތުރުން ސްރީލަންކާގެ ސްރީލަންކަން، އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސް އަދި ސްވިޒަލެންޑްގެ އެޑެލްވެއިސް އެއާ ހިމެނެ އެވެ.

  އަދި މި މަސް ނިމުމުގެ ކުރިން ނުވަތަ އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް އިތުރު ނުވަ ފްލައިޓެއްގެ ދަތުރުތައް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

  އޭގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު ދެ މާކެޓް ކަމަށްވާ ޗައިނާ އާއި އިޓަލީގެ ފްލައިޓެއް ހިމެނެ އެވެ. އެއީ ޗައިނާގެ "ޗައިނާ ސަދަން އެއާލައިންސް" އަދި އިޓަލީގެ ލެއިޝާ އެއާލައިން، ނިއޯސް އެވެ.

  ރާއްޖެއަށް ދަތުރުތައް ދެން ފަށަނީ އޮސްޓްރިއާގެ އޮސްޓްރިއަން އެއާލައިންސް، ޖަރުމަނުގެ ލުފްތަންސާ، ދުބާއީގެ ފްލައި ދުބާއީ، ބަހްރެއިންގެ ގަލްފް އެއާ، އިންޑިއާގެ ގޯ އެއާ، ރަޝިއާގެ ނޯޑްވިންޑް އަދި އެގައުމުގެ ޝާޓަރު އެއާލައިން އަޒުރް އެއާ އެވެ.

  މި އެއާލައިންތަކުގެ ތެރެއިން ގޯ އެއާގެ ދަތުރުތައް އަންނަ މަހުގެ އެކެއްގައި ފަށަން ނިންމާފައިވާއިރު ލުފްތަންސާ، ނޯޑްވިންޑް އަދި ފްލައި ދުބާއީގެ ދަތުރުތައް މިމަހުގެ 27 ވަނަ ދުވަހު ފަށަން ވަނީ ނިންމައިފަ އެވެ. އަދި އޮސްޓްރިއަން އެއާލައިންސްގެ ދަތުރުތައް މިމަހު 25 ގައި ފަށާނެ ކަމަށް އެމްއޭސީއެލުން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް އެއީ ސީޒަނަލް ފްލައިޓެކެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.