• Tue, 24 November, 2020, 10:03 pm

  ފާގަ: ހަކުރު ބައްޔަށާއި ކެންސަރުން ރައްކާތެރިވުމަށް ކާން އެވަރެއް ނެތް

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ދިވެހިންގެ އަނގަމަތީ ބަހެއް އޮވެ އެވެ. މީހަކު ރުޅިގަދަ ވާހަކަ ދައްކާލާއިރަށް ފާގަކާން ދާށޭ ބުނުމެވެ. ނަމަވެސް މަޑު ފޮނި ރަހައެއް ދޭ، މޭވާއެއްގެ ގޮތުގައި ވެސް އަދި ތަރުކާރީއެއްގެ ގޮތުގައި ވެސް ބެލެވިދާނެ މި ބާވަތުން ހަށިގަނޑަށް ފައިދާހުރި އެތައް ބާވަތެއް ލިއްބައިދެ އެވެ. އެހެންކަމުން ރުޅިގަދަ ނުވިޔަސް މިއީ ކާން ހަމަ ރަނގަޅު އެއްޗެކެވެ.

  ފާގައިން ލިބޭ ފައިދާތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ މިއީ ހަކުރު ބަލީގެ މީހުންނަށް ފައިދާހުރި މޭވާއެއް ކަމެވެ.

  ފާގައިގައި ފައިޓޯނިއުޓްރިއެންޓް އެއް ކަމުގައިވާ "ޕޮލީޕެޕްޓައިޑް ޕީ" ހުރެ އެވެ. މިއީ ގަސްގަހާ ގެހިން އުފައްދާ "އިންސިއުލިން"ގެ ބާވަތެކެވެ. އަދި މިއީ ލޭގެ ހަކުރުގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ވެސް ފާގައިގައި ހަކުރު ދަށްކުރުވަނިވި މާއްދާއެއް ކަމުގައިވާ "ޗެރެންޓިން" ހުރެއެވެ. ޗެރެންޓިން އަކީ ސަރުބީ އެކުލެވޭ ޓިޝޫތަކާއި މަސްތަކަށް އަދި ފުރަމެޔަށް، ގުލްކޯޒު ނަގާ މިންވަރު މަތިކޮށް، ގްލައިކޯޖަން އުފެދޭ މިންވަރު އިތުރުކޮށްދޭ މާއްދާ އެކެވެ.

  އެގޮތުން ޗައިނާގައި ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ހަކުރު ބައްޔަށް ފަރުވާކުރުމަށް ފާގަ ބޭނުންކުރާތާ އެތައް އަހަރެއް ވެފައިވާއިރު އޭޝިޔާގެ ހުރިހާ ހިސާބެއްގައި ވެސް ހަކުރު ބައްޔަށް ފަރުވާ ކުރުމަށް ފާގަ ބޭނުންކުރުމަކީ އާންމު ކަމެކެވެ.

  ހަކުރު ބަލީގެ އިތުރުން ފާގަ އަކީ ކެންސަރުން ރައްކާތެރިކުރުމަށް ވެސް ކާން ރަނގަޅު މޭވާ އެކެވެ. އެގޮތުން ފާގައިގައި ބާރުގަދަ އެންޓި އޮކްސިޑެންޓްގެ ގޮތުގައި ގުނާލެވޭ ވިޓަމިން އޭ، ވިޓަމިން ސީ، އަލްފާ ކެރޮޓީން، އަދި ބީޓާ ކެރޮޓީން ހުރެ އެވެ. މީގެ އިތުރުން "ލޫޓީން "(Lutein) އަދި "ޒިއެޒެންތިން "(Zeaxanthin)، ހުރެ އެވެ.

  މި މާއްދާތަކުގެ ސަބަބުން ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދެ އެވެ. ފްރީ ރެޑިކަލްތަކަކީ ހަށިގަނޑުގެ ސެލްތައް ހަލާކުކޮށް، ހަށިގަނޑުގެ އެކި ހިސާބުގައި ކެންސަރަށް މަގުފަހިކުރުވަނިވި ގަނޑުތައް އުފައްދާ މާއްދާ ތަކެކެވެ.

  ފާހަގަކުރެވިފައިވާ ގޮތުގައި ކުރިން ބަޔާންކުރެވުނު އެންޓި އޮކްސިޑެންޓްގެ ގޮތުގައި މަސައްކަތްކުރާ މާއްދާތަކުގެ ސަބަބުން ކެންސަރުން ދުރުކޮށްދެ އެވެ. އަދޮ ކެއްކުމުން އޭގެ ކެމިކަލްތަކުގެ ބައި ބަދަލުވެ، އެންޓި އޮކްސިޑެންޓްގެ ގޮތުގައި ހުންނަ ބައިގެ ނިސްބަތް މަތިވެގެންދެ އެވެ.

  ފާގަ ދިޔައިގައި ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެފާނެ ކަމަށް މީދާ ބޭނުންކޮށްގެން ހަދާފައިވާ ބައެއް ދިރާސީ ހޯދުންތަކަށްފަހު، ލަފާދީފައިވެ އެވެ. އަދި ފާގަ އޮށުން ތައްޔާރުކުރާ ތެލަކީ "އެޒޮކްސީމީތޭން" ކިޔާ މާއްދާއެއްގެ ސަބަބުން ގޮހޮރުގައި ކެންސަރު އުފެދުމުގެ ފުރުސަތު ކުޑަކުރާ އެއްޗެެކެވެ. އެއީ މިތެލުގައި "113-ކޮންޖުގޭޓެޑް ލިނޯލެނިކް އެސިޑް" ހުންނަ މިންވަރު މަތިކަމުންނެވެ. އޭގެ ފަހުން ފާގަފަތުގެ ދިޔަ ބޭނުންކޮށްގެން ޕްރޮސްޓޭޓް ކެންސަރާއި ދެކޮޅަށް މަންފާއެއް ހާސިލްކުރެވިދާނެ ކަމަށް އެހެން ދިރާސާއަކުން ލަފާދީފައިވެ އެވެ.

  މައުލޫމާތު: ޑރ. އަބްދުލް އަޒީޒު ހަމީދު

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.